ޑިއޭގޯ ގާސިއާއަށް ހަމަލާ ނުދޭ ކަމަށް އީރާނުން ބުނެފި

އެމެރިކާގެ އަސްކަރީ މަރުކަޒު ހުންނަ ޑިއޭގޯ ގާސިއާ ---

ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާތަކެއް ދިންކަމަށް ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، އީރާނުން ވަނީ އެކަން ރަސްމީކޮށް ދޮގުކޮށްފައެވެ. އެމެރިކާގެ މި މަރުކަޒަށް އަމާޒުކޮށް ހަމަލާދިން ކަމުގެ ވާހަކަތަކެއް ފެތުރުނު ނަމަވެސް، އެކަމުގެ ޒިންމާ އީރާނުން ނުނަގާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. މި ހަމަލާގެ މައްސަލާގައި އެމެރިކާއިން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވާއިރު، މި ހަމަލާގެ ހަގީގަތާ މެދު ސުވާލުތައް އުފެދިފައިވެއެވެ.

  • ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް ހަމަލާދިން ކަމުގެ ރިޕޯޓުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.
  • ބައެއް ބޭރުގެ މީޑިއާތަކުން މިފަދަ ހަމަލާތަކެއް ދިން ކަމަށް ރިޕޯޓުކުރި ނަމަވެސް، އެމެރިކާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
  • އީރާނުގެ މިސައިލްތަކުގެ ރާސްތާއަކީ 2000 ކިލޯމީޓަރު ކަމަށް އެ ގައުމުން ބުނެފައިވާއިރު، ޑިއޭގޯ ގާސިއާ އޮންނަނީ އީރާނާ 4000 ކިލޯމީޓަރު ދުރުގައެވެ.
  • ޗާގޯސްގެ ސިޔާދަތީ ބާރުތަކާއި ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސް އަދި ރާއްޖެއާ ދެމެދު ދިގުލައިގެން ގޮސްފައިވާ ޚިޔާލުތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް ހަމަލާ ނުދޭ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ އިސް އޮފިޝަލަކާ ހަވާލަދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒަށް މިސައިލް ހަމަލާތައް ދިނުމުގެ ޒިންމާ އީރާނުން ނުނަގާ ކަމަށާއި އޭގެ ފަހަތުގައި އޮތީ އީރާނެއް ނޫނެވެ.

އީރާނުން އެގޮތަށް ބުނެފައި ވަނީ، އިންޓަމީޑިއަޓް ރޭންޖުގެ ދެ ބެލިސްޓިކް މިސައިލް ޑިއޭގޯ ގާސީއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އަމާޒުކުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލާއި އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓުކުރި ފަހުންނެވެ.

އެކަމާ ގުޅިގެން އެމެރިކާއިން އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން އެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް އެއީ ކޮން ދުވަހަކު ދިން ހަމަލާއެއްކަމެއް ނުބުނެއެވެ.

އެ ރިޕޯޓަށްފަހު، އީރާނުގެ މެހްރު ނިއުސް އެޖެންސީން ވެސް ވަނީ ހަމަލާދިން ކަމަށް ބުނެފައެވެ. އަދި ދުޝްމަނުން ހީކުރާ ވަރަށްވުރެ މާ ދުރަށް އީރާންގެ މިސައިލްތައް ފޯރާނެކަން ޑިއޭގޯގާސިއާއަށް އަމާޒުކުރި ހަމަލާއިން އަންގައިދޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ މިދިޔަ މަހު ވަނީ އެ ގައުމުގެ މިސައިލްތަކަށް 2000 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ. ޑިއޭގާ ގާސިއާ އޮންނަ ޗާގޯސް އައިލެންޑްސްއަކީ އީރާނާ ގާތްގަނޑަކަށް 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

ޗާގޯސް އޮންނަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކަމަށްވާއިރު، ޑިއޭގޯ ގާސިއާ އޮންނަނީ އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދީފައެވެ. އަދި އީރާން ހަނގުރާމައަށް ޑިއޭގޯ ގާސީއާ ބޭނުންކުރަން ހުއްދަ ދޭން އިނގިރޭސިވިލާތުން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން އެ ގައުމުން ވަނީ 'ދިފާއީ އޮޕަރޭޝަންތަކަށް' ބޭނުންކުރަން ހުއްދަ ދީފައެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ޗާގޯސްއަށް އިނގިރޭސިވިލާތުން ވެރިވީ 1800ގެ އަހަރުތަކުގައި ކަމަށްވާއިރު، މޮރިޝަސްއިން އެ ރަށްތައް ހޯދަން މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.

އިނގިރޭސިވިލާތުން މިދިޔަ އަހަރު މެއި މަހު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު، ޑިއޭގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެއެވެ.

ރާއްޖޭން ވެސް އަންނަނީ، ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ. އެގޮތުން ޗާގޯސް އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް މި ސަރުކާރުން ވަކާލާތުކުރެއެވެ.

comment ކޮމެންޓް