އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި, ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ހަމަލާތަކެއް ފޮނުވާލައިފިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ގާތްގަނޑަކަށް 2،500 މޭލު (4،000 ކިލޯމީޓަރު) ދުރުގައި އޮންނަ ޑިއޭގޯ ގާސީއާއަށް އީރާނުން ދެ މިސައިލެއް އަމާޒުކުރި ނަމަވެސް ހަމަލާއެއް ކާމިޔާބެއްނުވެއެވެ.
އޭގެ ތެރެއިން އެއް މިސައިލް ވައިގެ ތެރޭ މައްސަލައެއް ދިމާވެ ވެއްޓުނުއިރު، އެމެރިކާގެ މަނަވަރަކުން ވަނީ އަނެއް މިސައިލް ހުއްޓުވައިފައި ކަމަށް އެ ނޫހުން ބުނެއެވެ.
އެ ހަމަލާ ދިން ވަގުތެއް ހާމަކޮށްފައިނުވާއިރު، އެކަމާ ގުޅިގެން އެމެރިކާ އަދި އީރާނުންވެސް މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ މިސައިލްތަކަށް 2000 ކިލޯމީީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް އެއަށް ވުރެ ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ހަމަލާ ދޭން މަސައްކަތްކުރުމަކީ، އީރާނުން ހަނގުރާމަ ފުޅާ ކުރަމުންދާ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޗާގޯސް އޮންނަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކަމަށްވާއިރު، ޑިއޭގޯ ގާސިއާ އޮންނަނީ އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދީފައެވެ. އަދި އީރާން ހަނގުރާމައަށް ޑިއޭގޯ ގާސީއާ ބޭނުންކުރަން ހުއްދަ ދޭން އިނގިރޭސިވިލާތުން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން އެ ގައުމުން ވަނީ 'ދިފާއީ އޮޕަރޭޝަންތަކަށް' ބޭނުންކުރަން ދީފައެވެ.
އެމެރިކާ ސިފައިން ވަނީ، އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއިން ހިންގި ހަނގުރާމަ ހިމެނޭ ގޮތަށް އޭޝިއާގެ އޮޕަރޭޝަންތަކަށް މުހިންމު އެ މަރުކަޒުގައި، ބޮން އަޅާ ބޯޓުތަކާއި އެހެނިހެން ސާމާނު ބަހައްޓާފައެވެ.
ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ޗާގޯސްއަށް އިނގިރޭސިވިލާތުން ވެރިވީ 1800ގެ އަހަރުތަކުގައި ކަމަށްވާއިރު، މޮރިޝަސްއިން އެ ރަށްތައް ހޯދަން މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.
އިނގިރޭސިވިލާތުން މިދިޔަ އަހަރު މެއި މަހު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު، ޑިއޭގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެއެވެ.
ރާއްޖޭން ވެސް އަންނަނީ، ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ. އެގޮތުން ޗާގޯސް އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް މި ސަރުކާރުން ވަކާލާތުކުރެއެވެ.