އުތީމުގައި ނުވަ ދުވަހުގެ ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލައެއް ތަހުގީގު ކުރަނީ

ހއ. އުތީމު: އެރަށުގައި ތުއްތު ކުއްޖަކު މަރުވި މައްސަލައެއް އަންނަނީ ބަލަމުން --- ފޮޓޯ/ ތިލަދުންމަތި ޓައިމްސް

ހއ. އުތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރު، ތުއްތު ކުއްޖަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިއަދު ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، އުތީމު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް, ނުވަ ދުވަސްވީ ކުއްޖަކު މަރުވެފައިވާ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހެނދުނު 10:07ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކުރީ އުތީމު ސިއްހީ މަރުކަޒުން ކަމަށްވާއިރު، މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެކުރިން ވެސް ތުއްތު ކުދިންގެ މަރުތައް ފެންމަތިވެ، އެ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް