ދިރާގު އީދު ޕްރޮމޯޝަން: ހިލޭ ޑޭޓާ ހަދިޔާކޮށް، ރަން ކާށި ބިނދެގެން އަގުހުރި އިނާމުތަކެއް

ދިރާގުން ފިތުރު އީދުގެ މުނާސަބަތުގައި ކަސްޓަމަރުންނަށް ޚާއްސަ އީދު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ މި ރަމަޟާން މަހު ދިރާގުން ކުރިއަށް ގެންދިޔަ އާންމުންގެ މެދުގައި މަގުބޫލުވި "ކާށި ބިނުން" ޕްރޮމޯޝަނަށް ލިބުނު ބޮޑު ތަރުހީބާ ގުޅިގެން، އެ ޕްރޮމޯޝަންގެ އިތުރު ބައެއްގެ ގޮތުގައި ފެށި ހަރަކާތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ދިރާގުގެ ކަސްޓަމަރުންނަށް އެ މީހުންގެ އާއިލާއާއި ރައްޓެހިންނަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން، އަގުހުރި ގިނަ އިނާމުތަކެއް ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، ކަސްޓަމަރުންނަށް އީދު ދުވަހުން ފެށިގެން އާއިލާ ނުވަތަ ރައްޓެހިންގެ ތެރެއިން ފަސް މީހަކަށް އީދު ހަދިޔާގެ ގޮތުގައި ހިލޭ ޑޭޓާ ފޮނުވައިގެން ކާށި ބިނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މި ހަދިޔާތައް ފޮނުވޭނީ ދިރާގު އެޕް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެންކަމުން، މި މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ހަދިޔާ ފޮނުވުމުގެ ކަންކަން މުޅިން ހިލޭ ކުރިއަށް ގެންދެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ތަފާތު ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން، ޕްރީޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް، ކޮންމެ މަހަކު އެއް ޖީބީގެ ޑޭޓާ މުޅިން ހިލޭ ލިބޭނެއެވެ. ކޮންމެ މަހަކު ލިބޭ މި ޑޭޓާ ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. މިއީ މުޅި އަހަރަށް ބަހާލައިގެން ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ހާއްސަ ބޯނަސް ޑޭޓާއެއް ލިބޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ޑޭޓާ 24 ގަޑިއިރުގެ ތެރޭގައި ބޭނުންކުރެވޭނެ ކަމަށް ދިރާގުން މަޢުލޫމާތުދެއެވެ.

އީދު ހަދިޔާ ފޮނުވުމުގެ އިތުރުން، މި ޕްރޮމޯޝަންގެ ތެރެއިން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ދިރާގުން ހުޅުވާލައިފައެވެ. ދިރާގު އެޕް މެދުވެރިކޮށް ހަދިޔާ ފޮނުވައިގެން ބިންނަ ކޮންމެ ކާށްޓަކަށް، ހަދިޔާ ފޮނުވާ ކަސްޓަމަރަށާއި ހަދިޔާ ލިބޭ ކަސްޓަމަރަށް ވެސް ފަސް ރަން ޓިކެޓު ލިބޭނެއެވެ. މި ރަން ޓިކެޓުތަކަކީ އަގުހުރި އިނާމުތައް ހޯދުމަށް ބާއްވާ ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ.

މީގެ އިތުރުން، ފަސް ކާށި ބިނދެފިނަމަ "ރަން ކާށްޓެއް" ބިނދެވޭނެއެވެ. މި ރަން ކާށި ބިނުމުން އެއްފަހަރާ 50 ޓިކެޓު ހާސިލުކުރެވޭނެއެވެ. މިއީ ގުރުއަތުން މޮޅުވުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުކޮށްދޭނެ ކަމެކެވެ.

މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް ކަނޑައަޅާފައިވާ ހާއްސަ އިނާމުތަކުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީގެ އުފެއްދުންތައް ހިމެނެއެވެ. އޭގެ ތެރޭގައި:

  • އެޕަލް މެކްބުކް ނިއޯ
  • ނެސްޕްރެސޯ ސިޓިޒް ކޮފީ މެޝިނެއް (ކޮފީ ޕޮޑްސްއާއެކު)
  • ސޮނީ ޒީވީ-އީ10 ޑީއެސްއެލްއާރް ކެމެރާ
  • އެމެޒޯން އެލެކްސާ އެކޯ ޑޮޓް (ފިފްތު ޖެނެރޭޝަން)
  • އެޕަލް އެއާޕޮޑް މެކްސް
  • ޓީޓީ ރޭސިންގް އެއާ ފްލެކްސް ގޮނޑި
  • ޓީޓީ ރޭސިންގް ސްމާޓް ޑެސްކް

ދިރާގުން އަބަދުވެސް އަންނަނީ ދިވެހިން ފާހަގަކުރާ އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދީ، މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކުރުމަށް އެހީތެރިވުމުގެ ގޮތުން ތަފާތު ޕްރޮމޯޝަންތައް ހިންގައި، އަގުހުރި އޮފާތަކާއި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުނީގެ މުހިންމު ސިޔާސަތެއް ކަމަށް ދިރާގުން ބުންޏެވެ. މި އީދު ޕްރޮމޯޝަނަކީ ވެސް އާއިލާއާއި ރައްޓެހިންނާއެކު އީދުގެ އުފާވެރިކަން ހިއްސާކުރުމަށް ދިރާގުން ފަހިކޮށްދިން ރަނުގެ ފުރުސަތެކެވެ.

comment ކޮމެންޓް