ގުޅުން ބަދަހިކުރަން އެމެރިކާގެ މަންދޫބެއް ރާއްޖެއަށް

ސާޖިއޯ ގޯރ އާއި އެމެރިކާގެ ރައީސް ޓްރަމްޕް---

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އެމެރިކާގެ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި، އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރ، ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފައްޓަވައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މިއަދުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި އޭނާ މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކާއެކު އެމެރިކާއިން ބާއްވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެ ގައުމުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

ސާޖިއޯ ގޯރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައިވާ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އެމެރިކާއިން ބުންޏެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ބޭނުންވާ މުހިންމު ވަސީލަތްތައް ކުރިއެރުވުމަށް ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން، ރާއްޖޭގެ އިގްތިޞާދު ފުޅާކުރުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން ކުރައްވާ ދަތުރުފުޅެއްކަން ސްޓޭޓް ޑިޕާޓްމަންޓުން ފާހަގަކޮށްފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރީ 1966 ވަނަ އަހަރުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ތަޢުލީމީ، ސަލާމަތީ އަދި ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. ޚާއްޞަކޮށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް ހުޅުވައި، ސަފީރަކު ކަނޑައެޅުމަކީ މި ގުޅުން އިތުރު ހަރުފަތަކަށް ގޮސްފައިވާކަމުގެ ހެއްކެކެވެ. އެމެރިކާއިން ވަނީ ރާއްޖެއާއެކު އޮންނަ މި ޒަމާންވީ ގުޅުމަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދޭކަން ހާމަކޮށްފައެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދަކީ ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާއިރު، މި ސަރަޙައްދުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މުހިންމު އަމާޒެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސާޖިއޯ ގޯރ އަކީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސް މެއެވެ.

comment ކޮމެންޓް