މި އަންނަ މަހު ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ކަންނާޑާ ފިލްމު "ކޭޑީ: ދަ ޑެވިލް"ގައި ހިމަނާފައިވާ ނޯރާ ފަތޭހީގެ ލަވައެއް ހުރިހާ މަންސަތަކުން ނެގުމަށާއި އެ ލަވަ އުފެއްދި ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އިންޑިއާގެ ސަރުކާރުން ގޮވާލައިފިއެވެ.
ފިލްމު "ކޭޑީ"ގައި ނޯރާ ފަތޭހީ އާއި ސަންޖޭ ދަތު ފެންނަ "ސަރަކޭ ޗުނަރު ތޭރީ ސަރަކޭ" ލަވައިގެ މައްސަލަ މިހާބޮޑަށް ހޫނުވެފައި ވަނީ އެ ލަވައިގައި އަޚްލާގީ މިންގަނޑުތަކާ ޚިލާފު ނުވަތަ މުޖުތަމައުގެ އަދަބުވެރިކަމަށް އުނިކަން އަންނަ ފަދަ ކޮންޓެންޓަށް ހިތްވަރުދޭ ފަދަ މަންޒަރުތައް ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތަކަކާ ގުޅިގެންނެވެ.
އިންޑިއާ ސަރުކާރުން އެ ލަވަ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ނެގުމަށް އަންގާފައިވާއިރު ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކު ވަނީ މިކަމާ ގުޅިގެން އެ ލަވަ އުފެއްދި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭގެތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަރުމާން މަލިކު ވެސް ހިމެނެއެވެ.
މީގެިއތުރުން އޯލް އިންޑިއާ ސިނޭ ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިޔުއޭ)އިން ވެސް ވަނީ ސީބީއެފްސީ އަށާއި، އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު އަޝް ވިނީ ވައިޝްނޯއަށް ސިޓީއެއް ފޮނުވައި، މި ލަވައާ މެދު ވަގުތުން ފިޔަވަޅު އެޅުމަށް އެދިފައެވެ.
ނަމަވެސް ސީ.ބީ.އެފް.ސީގެ ޗެއަޕާސަން ޕްރަސޫން ޖޯޝީއާ ހަވާލާދީ އޭންއެންއައި ނިއުސްއިން ރޭގެ ވަގުތެއްގައި ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، މިހާތަނަށް ސެންސަރު ބޯޑަށް މިކަމާ ގުޅިގެން އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

ފިލްމު "ކޭޑީ: ދަ ޑެވިލް"ގެ ޓީޒާގެ ބައެއް މަންޒަރުތައް
މިކަމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ނޯރާ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓުކުރި ވީޑިއޯގައި ބުނެފައި ވަނީ އެ ލަވަ ކުޅުނީ މީގެ ތިން އަހަރުކުރިން ކަމަށެވެ. އެލަވަ ކުޅެން އޭނާ އެއްބަސްވީ އެކްޓަރު ސަންޖޭދަތު ފަދަ ތަޖުރިބާހުރި އެކްޓަރަކާ އެކު މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.
ނޯރާއަށް ހީކުރެވިފައި އޮތީ އެ ލަވަ އަކީ ސަންޖޭގެ މަޝްހޫރު ލަވަ "ނާޔަކް ނެހީ ކަލް ނާޔަކް ހޫ މޭ"ގެ ރިމޭކެއް ކަމަށާއި އޭނާއަށް ކަންނާޑާ ބަސް ނޭނގޭތީ، ލަވަ ކުޅުނުއިރު އޭނާ މުޅިންވެސް އިތުބާރުކުރީ އުފެއްދުންތެރިން ދިން ތަރުޖަމާއަށް ކަމަށް ވެސް ނޯރާ ވަނީ ބުނެފައެވެ.
ނަމަވެސް ހިންދީ ބަހުން ލަވަ ނެރުނުއިރު އޭގެތެރެއަށް ލަދުވެތި އިބާރާތްތަކެއް އިތުރުކޮށް އެކަމުގެ އެއްވެސް މައުލޫމާތެއް އަދި ހުއްދަވެސް ނޯރާގެ ފަރާތުން ހޯދާފައި ނުވާ ކަމަށް ކެނެޑާއަށް އުފަން ނެށުންތެރިޔާ އަދި ބަތަލާ ވަނީ ބުނެފައެވެ.
މީގެއިތުރުން އެ ލަވައިގެ ވަރަށް ގިނަ މަންޒަރުތަކުގައި ދައްކާފައިވާ ނޯރާ އާއި ސަންޖޭގެ ފޮޓޯތަކަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކެއް ކަމަށާއި ނޯރާ އަކީ އޭއައި ބޭނުންކުރުމާ ދެކޮޅު މީހެއްކަން އޭނާ ދަންނަ ވަރަށް ގިނަބަޔަކަށް އެނގޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ނޯރާގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯގައި ކަން ހިނގިގޮތް ރަނގަޅަށް ކިޔައިދީފައިވާތީ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ތާއީދުކޮށް ވާހަކަދައްކާފައެވެ.
މި މައްސަލަ ބޮޑުވުމާ ގުޅިގެން، "ކޭޑީ: ދަ ޑެވިލް"ގެ އުފެއްދުންތެރިންވަނީ ޔޫޓިއުބުން މި ލަވައިގެ ހިންދީ އަދި ކަންނަޑާ ބަހުގެ ވާޝަންތައް މިހާރު ނަގާފައެވެ. ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ރަސްމީކޮށް ހުށަހެޅިފައިވުމާއެކު، ދެން އަޅާނެ ފިޔަވަޅުތަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.