ބްރެޒިލް ގައުމީ ޓީމުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްކޮޑުން، ބްރެޒިލްގެ ފުޓުބޯޅައިގެ ތާރީހުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ނޭމާއަށް ފުރުސަތު ގެއްލިއްޖެއެވެ.
ފްރާންސް އަދި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކޯޗު ކާލޯ އަންޗެލޮޓީ އެކުލަވާލި ޓީމުގައި ސަންތޯސްގެ ފޯވާޑް ހިމަނާފައެއް ނުވެއެވެ.
މިއީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ދާނެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އިއުލާންކުރުމުގެ ކުރިން އަންޗެލޮޓީ ނެގި އެންމެ ފަހު ސްކޮޑެވެ. އެހެންކަމުން، ގައުމީ ޓީމާއެކު ނޭމާގެ މުސްތަގުބަލާމެދު މިހާރު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ.
އެނބުރި ސަންތޯސްއަށް ބަދަލުވުމަށްފަހު ނޭމާ އަންނަނީ އޭނާގެ ފޯމު އަނބުރާ ހޯދައި، ގައުމީ ޓީމުން ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް، ތަކުރާރުކޮށް ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލަތަކާއި، އެއްވަރެއްގައި ކުޅުން ހިފަހައްޓާނުލެވުމުގެ ސަބަބުން އޭނާއަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

ސަންތޯސްގެ ޖާރޒީގައި ނޭމާ، އަނިޔާގެ މަައްސަލަތަކާ ގުޅިގެން އޭނާގެ ކުރީގެ ކުޅުން ދަނޑުމަތީގައި ނުދެއްކޭ--
ނޭމާ އެންމެ ފަހުން ބްރެޒިލް ޓީމަށް ކުޅެފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ. އޭގެ ފަހުން މަސްގަނޑަށް ލިބުނު އެކި އަނިޔާތަކާ ގުޅިގެން އޭނާގެ ކުޅުން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
ސަންތޯސްގެ ބައެއް މެޗުތަކުގައި ނޭމާގެ މޮޅު ކުޅުން ފެނިގެންދިޔަ ނަމަވެސް، އޭނާއަށް ގަވާއިދުން މެޗުތަކުގައި ނުކުޅެވެއެވެ.
ކޯޗު އަންޗެލޮޓީ ވަނީ ގައުމީ ޓީމުން ފުރުސަތު ދޭނީ ސައްތައިން ސައްތަ ފިޓު ކުޅުންތެރިންނަށް ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
ސަންތޯސް އާއި މިރަސޯލް ބައްދަލުކުރި މެޗު ބެލުމަށް އަންޗެލޮޓީ ދަނޑަށް ދިޔަ ނަމަވެސް، ވަރުބަލިކަމުގެ ސަބަބުން ނޭމާ އެ މެޗުގައި ކުޅެފައެއް ނުވެއެވެ. އޭގެ ފަހުން ކޮރިންތިއަންސްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ފަރާތުން ފެނިފައިވަނީ އާދައިގެ ކުޅުމެކެވެ.
ނޭމާގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައިވާއިރު، އަންޗެލޮޓީ ވަނީ ކުރިއަށް އޮތް މެޗުތަކަށް ޒުވާން އަދި ހުނަރުވެރި ފޯވާޑް ލައިނެއް ނަގާފައެވެ. މީގެ ތެރޭގައި ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ، ބާސެލޯނާގެ ރަފީނިއާ، އާސެނަލްގެ ގަބްރިއެލް މާޓިނެލީ އަދި ޗެލްސީގެ ޖާއޯ ޕެޑްރޯ ހިމެނެއެވެ.
މީގެ އިތުރުން ޔޫރަޕުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑްގެ މަތިއުސް ކުންހާ، ބްރެންޓްފޯޑްގެ އިގޯ ތިއާގޯ އަދި ރެއާލް މެޑްރިޑުން ލޯނެއްގެ ދަށުން ލިޔޯންއަށް ކުޅެމުން އަންނަ އުންމީދީ ކުޅުންތެރިޔާ އެންޑްރިކް ވެސް ވަނީ ސްކޮޑުގައި ހިމަނާފައެވެ.
ޓީމުގެ މެދުތެރެއިން ޖާގަ ދީފައިވަނީ ތަޖުރިބާކާރު ކުޅުންތެރިންނަށެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ކަސެމީރޯ އާއި އަލް އިއްތިހާދުގެ ފަބީނިއޯ ހިމެނެއެވެ. ޑިފެންސް ލައިނުގައި ހިމެނެނީ ޕީއެސްޖީގެ މާކީނިއޯސް އަދި އާސެނަލްގެ ގަބްރިއެލް މަގާޅޭސް ފަދަ އިތުބާރު ހުރި ކުޅުންތެރިންނެވެ.
ބްރެޒިލްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ނޭމާ ޓީމުގައި ނެތުމުން، 2026 ގެ ވޯލްޑް ކަޕްގެ ފައިނަލް ސްކޮޑު އިއުލާންކުރުމުގެ ކުރިން އޭނާއަށް ފޯމަކަށް އެޅި، ކޯޗުގެ އިތުބާރު ހޯދިދާނެތޯ މިއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ. މިއީ ނޭމާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު އިމްތިހާނެކެވެ.