ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫސީ ވައިލްސް އަށް އުރަމަތީގެ ކެންސަރު ޖެހިއްޖެ

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫސީ ވައިލްސް. އޭނާ ވަނީ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އިއުލާނުކޮށްފައި. ފޮޓޯ/ގެޓީ

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫސީ ވައިލްސްއަށް އުރަމަތީގެ ކެންސަރު ޖެހިއްޖެއެވެ.

ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާނެ ކަމަށް ސޫސީ ވަނީ ބުނެފައެވެ.

"އެމެރިކާގެ ކޮންމެ އަށް އަންހެނަކުން ގާތްގަނޑަކަށް އެކަކު މި ބައްޔާ ކުރިމަތިލާން ޖެހޭ. އެ މީހުންނަކީ އާއިލާ ތަރުބިއްޔަތުކޮށް، މަސައްކަތަށް ގޮސް، މުޖުތަމައުތަކަށް ހިދުމަތް ދިނުމުގައި ކުރިއަށްދާ ބައެއް. އަހަރެން މިހާރު މި ގުޅުނީ އެމީހުންނާ," އުމުރުން 68 އަހަރުގެ ވައިލްސް ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ފަރުވާގެ ޕްލޭންގެ ތަފްސީލެއް ހިއްސާ ނުކުރި ނަމަވެސް ޑޮކްޓަރުންނަށް ކެންސަރު އަވަހަށް ފާހަގަވެފައިވާ ކަމަށް ސޫސީ ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިލްސްގެ ހިތްވަރަށް ތައުރީފު ކުރައްވާފައެވެ.

"އަހަރެންގެ އެންމެ ގާތް އަދި އެންމެ މުހިންމު އެޑްވައިޒަރުގެ ގޮތުގައި ހުރި ސޫސީ އަކީ އެމެރިކާގެ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސާބިތުވި ހުރި މީހެއް. އޭނާ ވަރަށް އަވަހަށް ކުރިއަށްވުރެ ރަނގަޅުވާނެ،" ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔުއްވާފައިވެއެވެ. އަދި ސޫސީ އަދިވެސް ވައިޓްހައުސްގައި ފުލްޓައިމްކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސޫސީ އަކީ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ އޮޕަރޭޓިވްއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ސޫސީ ވަނީ ޓްރަމްޕް ސިޔާސީ ގޮތުން އެނބުރި އައުމުގައި މުހިންމު ދައުރެއް އަދާކޮށް، 2024 ވަނަ އަހަރުގެ ކެމްޕޭން ކާމިޔާބީ ޓްރަމްޕަށް ހޯދައިދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ސޫސީ އަކީ ޓްރަމްޕްގެ ގާތް މީހުންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެކަކެވެ.

comment ކޮމެންޓް