އެކްޓަރު އާރް މާދަވަންގެ ނަމުގައި ފޭކް އެކައުންޓްތަކެއް ދައުރުވާތީ ސަމާލުވުމަށް އެދެފި

އިންޑިއާގެ އެކްޓަރު އާރް މާދަވަން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަގުބޫލު އެކްޓަރު އާރް. މާދަވަންގެ ނަމުގައި ބަޔަކުމީހުން ފޭކު އެކައުންޓުތަކެއް ހިންގަމުންދާތީ އެކަމާ މެދު ސަމާލުވުމަށް އޭނާ ސަޕޯޓަރުންނަށް އިލްތިމާސްކޮށްފިއެވެ.

މާދަވަން ބުނި ގޮތުގައި އެ އެކައުންޓް ހިންގާ ފަރާތް ޒިންމާދާރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ދަނީ އަޅަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު މާދަވަންގެ އިންސްޓަގްރާމްގައި އެ ފޭކު އެކައުންޓުގެ ސްކްރީންޝޮޓެއް ހިއްސާކުރަމުން އޭނާ ވަނީ، އޭނާގެ ރަސްމީ އެކައުންޓްތައް ފިޔަވައި އޭނާ ތަމްސީލުކުރާ ނުވަތަ އޭނާގެ ނަމުގައި ވާހަކަދައްކާނެ އެހެން އެއްވެސް އެކައުންޓެއް ނޯންނާނެކަން ސާފުކޮށްދީފައެވެ.

މާދަވަންގެ ނަމުގައި ހިންގަމުން އަންނަ ފޭކް ސޯޝަލް މީޑިއާ އެކައުންޓްގެ ސްކްރީން ޝޮޓެއް--ފޮޓޯ/ފޭސްބުކް

"މިއީ މަކަރާއި ހީލަތެއް... މި މީހާއަކީ އަހަންނާ ނުވަތަ އަހަރެންގެ ޓީމާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން. މިއީ ސޯޝަލް މީޑިއާގައި އަހަރެންގެ ނަމުގައި މީހުންނާ ވާހަކަދައްކައި، އަހަރެން ތަމްސީލުކުރާ ކަމަށް ދަޢުވާކުރާ ފޭކު އެކައުންޓެއް. އެހެންކަމުން މިކަމަށް އެންމެހާ ބޭފުޅުން ސަމާލުވުމަށް އެދެން," މާދަވަންގެ ނަމުގައި ހިންގާ އެކައުންޓުގެ ޔޫޒާނޭމް ހިއްސާކުރަމުން އެކްޓަރު ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.

އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފިލްމީ ތަރިންގެ ނަމުގައި މިފަދަ އެކައުންޓްތަކާއި ވަޓްސްއަޕް ނަމްބަރުތައް ހިންގުމަކީ މިފަހަކަށް އައިސް ވަރަށް އާއްމުކަމެކެވެ.

އެފަދަ ފަރާތްތަކުން ފިލްމީ ތަރިންގެ ނަމުގައި އެކި އެޖެންސީތަކާ މުއާމަލާތުކޮށް ފައިސާ ހޯދުމުގެ މަސައްކަތް ވެސް މާޒީގައި ކޮށްފައިވެއެވެ.

މާދަވަންގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ސަމަންތާ ރުތް ޕްރަބޫ، ތަމަންނާ ބާޓިއާ، ރަކުލް ޕްރީތު، ވިދްޔާ ބާލަންގެ އިތުރުން ރާނީ މުކަރުޖީ ފަދަ ތަރިންގެ ނަމުގައި ވެސް މީގެކުރިން ބަޔަކު މީހުން ވަނީ ފޭކް އައިޑީތަކެއް ހަދާފައެވެ.

comment ކޮމެންޓް