ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ މީހާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެއް ކަމަށާއި އޭނާ އައީ ވެސް ރައްޓެއްސަކު ދިން އޮފާއެއްގައި ކަމަށް އޭނާ ކޯޓުގައި މިއަދު ބުނެފިއެވެ.
ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މެލޭޝިޔާ އަންހެނަކާއި ދިވެހި ދެ ފިރިހެނުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ ފެބުރުވަރީ 28 ވަނަ ދުވަހެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރަންޖިނި ޖީވަނަންތަން، މެލޭޝިއާ، (38އ) އާއި ގދ. ވާދޫ / ފުރުސަތު، ލޫޠު އިބްރާހީމް (29އ) އާއި ގއ. ދާންދޫ / ސަންލައިޓްވިލާ، އަޙްމަދު ރިޝްމާހް (21އ) އެވެ.
މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ލޫޠު އިބްރާހީމާއި އަޙްމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.
މި އަންހެން މީހާގެ ބަންދަށް ފުރަތަމަ ކޯޓުން ޖެހި 15 ދުވަސް ހަމަވެގެން އަލުން ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 20 ދުވަސް މިއަދު ވަނީ ޖަހާފައެވެ. މިއަދުގެ ބަންދު އަމުރުގައި އެ މީހާއާ ހަވާލާދީ ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ގެނައި ފޮއްޓަކީ ރައްޓެއްސަކު ދިން ފޮއްޓެކެވެ.
އެ ފޮއްޓާ މާލޭން މީހަކު ހަވާލުވާނެ ކަމަށް ވެސް އޭނާއާ ހަވާލާދީ ބަންދު ރިޕޯޓުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ އަންހެން މީހާ ރާއްޖެއަށް އައީ އެންމެ ތިން ދުވަހަށް ކަމަށް ވެސް އޭނާއާ ހަވާލާދީ ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.