އާސަންދައާއި ސަބްސިޑީތަކާއި އިތުރު ހިލޭ އެހީއަށް، ދެ މަސް ތެރޭ ދެ ބިލިއަން ޚަރަދުކޮށްފި

ކާޑުގެ ބާވަތްތައް އުފުލުން: އާސަންދައާއި ސަބްސިޑީތަކާއި ހިލޭ އެހީއަށް ދެ މަސް ތެރޭ ވަނީ ދެ ބިލިއަން ޚަރަދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި އާސަންދައާއި ސަބްސިޑީތަކުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދައުލަތުން ވަނީ 2.04 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 20 ޕަސެންޓްގެ އިތުރުވުމެކެވެ. މީގެ ތެރެއިން 440 މިލިއަން ރުފިޔާ އާސަންދައަށް ޚަރަދުވެފައިވާއިރު، 619 މިލިއަން ރުފިޔާ ވަނީ ސަބްސިޑީގެ ގޮތުގައި ހޭދަކޮށްފައެވެ. ދައުލަތުގެ ދަރަނި ބޮޑުވެ، މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިފަދަ ޚަރަދުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ތަކުރާރުކޮށް ލަފާ ދެމުން އައި ނަމަވެސް، އެކަމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އަދި އައިސްފައެއް ނުވެއެވެ.

  • މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ޚަރަދުތައް 2.04 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
  • އާސަންދައާއި ސަބްސިޑީގެ ޚަރަދުތައް މިދިޔަ އަހަރާ އަޅައިބަލާއިރު 20 ޕަސެންޓް އިތުރުވެފައިވެއެވެ.
  • ރާއްޖޭގެ މާލީ ހާލަތު ދަތިވެފައިވާތީ، ޚަރަދު ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގޮވާލަމުންދެއެވެ.
  • މި އަހަރު އެކަނިވެސް އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހިފައިވުމަކީ ބޮޑު ގޮންޖެހުމެކެވެ.

މި އަހަރުގެ ފުރަތަމަ ދެ މަސް ތެރޭ އާސަންދައާއި ސަބްސިޑީތަކާއި އެހެނިހެން ހިލޭ އެހީއަށް ދައުލަތުން ކުރީ ޚަރަދު ދެ ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ޚަރަދުގެ ތަފުސީލް ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ހިލޭ އެހީތަކާއި ސަބްސިޑީތަކަށް ދައުލަތުން މިހާތަނަށް ވަނީ 2.04 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ 20 ޕަސެންޓްގެ އިތުރުވުމެކެވެ.

އެ އެހީތަކުގެ ދަށުން އަންނަ، އާސަންދައާއި މެޑިކަލް ވެލްފެއާގެ ޚަރަދު ވަނީ 440 މިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ސަބްސިޑީއަށް ވަކިން ކުރި ޚަރަދު ހުރީ 619 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ޚަރަދުކޮށްފައިވަނީ އެއަށްވުރެ 37 މިލިއަން ރުފިޔާ މަދުކޮށް، 582 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން އެހެނިހެން ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މި މުއްދަތުގައި 558.9 މިލިއަން ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

https://sun.mv/216917

އާސަންދައާއި ސަބްސިޑީއަށް ކޮންމެ އަހަރަކު ވެސް ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެގޮތުން، މިދިޔަ އަހަރު އާސަންދައާއި ސަބްސިޑީއަށް ބަޖެޓުކުރީ 3.7 ބިލިއަން ރުފިޔާ ނަމަވެސް، އެ އަހަރު ނިމުނުއިރު އެ ކަމަށް 6.03 ބިލިއަން ރުފިޔާ އޮތީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުން ބޭރުން 2.3 ބިލިއަން ރުފިޔާ ހިމެނޭ ގޮތަށެވެ.

ރާއްޖޭގައި ކަރަންޓާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ބޮޑު ޚަރަދެއް ސަބްސިޑީއަށް ކުރެއެވެ. އެކަމަކު، އެންމެ ބޭނުންވާ މީހުންނަށް އެކަނި ސަބްސިޑީ ދޭގޮތަށް އިސްލާހުކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެކަމަކު، އެކަމެއް ނުކުރެއެވެ.

ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: އާސަންދައާއި މެޑިކަލް ވެލްފެއާގެ ޚަރަދު ވަނީ 440 މިލިއަން ރުފިޔާއަށް އަރައިފައި --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އެ އިސްލާހުތައް ގެންނަން ސަރުކާރުން 2024 ވަނަ އަހަރު ނިންމައި ބަޖެޓުގައި ހިމެނި ނަމަވެސް، އެ ބަދަލުތައް ނުގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ.

އާސަންދައާއި ސަބްސިޑީ އިސްލާހުކުރަން ބޭރުގެ އިދާރާތަކުން ގޮވާލާ ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ދަރަނި ބޮޑުވުން ހިމެނެއެވެ. އެގޮތުން އަންނަ މަހު އެއްފަހަރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭ ގޮތަށް، މި އަހަރު އެކަނިވެސް ރާއްޖޭން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން މިދިޔަ މަހުގެ 28ގައި ފަށައިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވެސް އިގުތިސާދީ ގޮތުން ނޭދެވޭ އަސަރުތައް ދަނީ ކުރަމުންނެވެ. އެގޮތުން ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ފަތުރުވެރިން އައުން މަދުވުމާއި ތެލުގެ ޚަރަދު ބޮޑުވުމުން އާންމު ދިރިއުޅުމަށް ދިމާވާ ދަތިތައް ހިމެނެއެވެ.

https://sun.mv/219197

އެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި އިގުތިސާދުތައް ހިމެނޭ ގޮތަށް، ގައުމުތަކުން އަންނަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖޭގައި އެފަދަ ފިޔަވަޅުތައް އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މި ސަރުކާރުން އަންނަނީ، ރާއްޖޭގެ ދަރަނި ދެއްކޭ ވަރަށް ފައިސާ ހުރިކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް