މަސްވެރިންގެ ޕާކުގައިތިބި ކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެ ގަޑިއިރު ބޭއްތިބުމުން ނުރުހުން

މާޗް 25، 2020: ދެ ފުލުހަކު މަގުމަތި ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަސްވެރިންގެ ޕާކުގައި ތިބި 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދެ ގަޑިއިރު ވަންދެން ބޭތިއްބި މައްސަލައަކާ ގުޅިގެން ބެލެނިވެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ބެލެނިވެރިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ވަނީ މި ކުދިންނަށް ބިރުދައްކައި އަދި ބެލެނިވެރިންނާ ގުޅުމުގެ ފުރުސަތު ވެސް ނުދީ، ކުށްވެރިންނާ މެދު އަމަލުކުރާ އުސޫލުން ގެންގުޅެފައެވެ. މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެ ކުދިން ގެންދިޔައީ އާންމު ތަނެއްގައި ތިއްބާ މައުލޫމާތު ލިބުމުން، އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

  • މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން ބެލެނިވެރިންގެ ކަންބޮޑުވުން ފާޅުކުރުން.
  • ފުލުހުންގެ އަމަލުތަކާ ގުޅޭގޮތުން ހަރުކަށި ތުހުމަތުތަކެއް ބެލެނިވެރިންގެ ފަރާތުން ކުރުން.
  • ފުލުހުންގެ ފަރާތުން މިއީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ބުނެ ދިފާއުވުން.
  • މި މައްސަލައިގައި ކުދިން މިހާރު ވަނީ އާއިލާތަކާ ހަވާލުކުރެވިފައި.
  • ކުޑަކުދިންގެ ރައްކާތެރިކަމާއި ފުލުހުންގެ ޒިންމާތަކާމެދު އާންމުންގެ މެދުގައި ބަހުސްތަކެއް އުފެދުން.

މާލޭގެ މަސްވެރިންގެ ޕާކުގައި ތިބި ކުޑަކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް "ޑިޓެއިން" ކުރި ކަމަށް ބުނެ ފުލުހުން އެ ކުދިންނަށް އިންޒާރުދިންކަމަށް ތުހުމަތުކޮށް، އެ ކުދިންގެ ބެލެނިވެރިއަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ކުއްޖެއްގެ ބެލެނިވެރިއަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރޭ 21:20 އިން 22:33 އާ ދެމެދު މަސްވެރިންގެ ޕާކުގައި އިށީނދެލައިގެން ތިބި 18 އަހަރުން ދަށުގެ ކުދިންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ވަގުތު އެތަނުގައި ހުރި ފުލުސް އޮފިސަރަކު، އެއްވެސް ބެލެނިވެރިއަކަށް ގުޅައިގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދިން ކަމަށާއި، އެ ކުދިން ތިބީ "ޑިޓެއިން" ކުރެވިފައި ކަމަށް ބުނި ކަމަށް ވެސް ބެލެނިވެރިޔާ ތުހުމަތުކޮށްފައިވެއެވެ.

ބެލެނިވެރިޔާ އިތުރަށް ފާހަގަކުރި ގޮތުގައި، 21:30 އަކީ ދަންވަރުގެ ވަގުތަކަށް ނުވާއިރު، އާންމު ތަންތަނުގައި ކުޑަކުދިން ހިނގާބިނގާވެ އުޅުމުގެ ހައްގު ފުލުހުން ކަށަވަރުކޮށްދޭން ޖެހޭނެއެވެ. އަދި ކުށްވެރިންނަށް ހަދައިގެން ފުލުސް އޮފީހުގެ ތެރޭގައި ދެ ގަޑިއިރު ވަންދެން ބޭންދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ.

އަދި އެ ކުދިން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނި ގޮތުގައި މިއީ އެ ކުދިންގެ ސަލާމަތަށް ޓަކައި އެޅި ފިޔަވަޅެކެވެ.

އަދި އެ ކުދިން މިހާރު ވަނީ ބެލެނިވެރިންނާ ހަވާލުކުރެވިފައެވެ.

ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅޭ ކަންބޮޑުވުންތަކުގައި ހަރުދަނާ ފިޔަވަޅު އެޅުމަކީ އަބަދުވެސް އިސްކަންދޭނެ ކަމެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

ކުޑަކުދިންތަކަކާ ގުޅޭ މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، އެކިއެކި ގޭންގު ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުވުމާއި، ބައިވެރިވުމުގެ އެކި މައްސަލަތައް މިހާރަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެހެންވެ އާންމުކޮށް ގްރޫޕް ހަދައިގެން މީހުން އެއްވެ އުޅޭ ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިން އެކަނި ބޭރުތެރެއަށް ނިކުތުމަށް ހުއްދަ ދޭއިރު، ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ފާރަވެރިވެރިވެ އުޅޭނޫޅޭ ތަންތަން ކަށަވަރުކުރުމަށް ވެސް މީގެ ކުރިން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު