ރައްޔިތުންގެ މަޖިލިސް އިންތިޚާބު، ރިޔާސީ އިންތިޚާބު އޮންނަ ދުވަހު ބާއްވަން ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހުތަކާ ގުޅިގެން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ބާއްވަނީ އެ ދެ ވޯޓު ވެސް އެކުގައި އޮތުމުން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެތީކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ދުސްތޫރީ އެހެން މައްސަލަތައް ކުރިއަށް ނުގެންގޮސް މި ވަގުތު ފެންނަ ނުފެންނަ ވޯޓެއް އަވަސް އަރުވައިލައިގެން ބާއްވަން ސަރުކާރުން އުޅޭކަމަށް ބުނެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެ ކަންބޮޑުވުމާ ގުޅިގެން ހުސްނުއްސުއޫދަށް ރައްދު ދެއްވަމުން އެޓާނީ ޖެނެރަލް އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް ހުރިކަން އެންމެންވެސް ގަބޫލުކުރާ ކަމަށާއި، އެކަންކަން އިސްލާހުކުރުމަށް ސަރުކާރުން ތިން މައިގަނޑު އިސްލާހެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ތިން އިސްލާހަކީ:
- ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
- ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
އުޝާމް ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ، އެއަށް އަމަލުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ސީދާ ލާޒިމްކުރާ ކަމެކެވެ. ނަމަވެސް ދެން ހުރި އިސްލާހުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫނެވެ.
މި ވަގުތު މި އިސްލާހުގެ މަސައްކަތް ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ މަދުވެގެން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުމާ އެކުއެކީގައި މި ވޯޓު ނެގުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބި، އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭޖީ އިތުރަށް ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެން އިސްލާހުތައް ވެސް މާލަސްތަކެއް ނުވެ މަޖިލީހަށް ހުށަހަޅާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އަންނަނީ ބުނަމުންނެެވެ. ދެ އެއް ދުވަހަކަށް އެއްކުރުމަކީ ވެސް އެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ނަމަވެސް އިދިކޮޅުން އަދި އެ ކަމާ ދެކޮޅު ރައްޔިތުން ބުނަމުން އަންނަނީ އެއީ ޑިމޮކްރަސީއާ ބީރައްޓެހި، ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހަށް އޮންނަ ޒިންމާ އަދާކުރުމުގެ ފުރުސަތު އެކީ ބަންދުވާނެ ކަމެއް ކަމަށެވެ. އަދި ވެރިކަން ޒިންމާދާރުކުރުވުމުގެ ގުނަވަނުގެ ބާރު ވެސް ވެރިކަމުގެ އަތްމައްޗަށް ލިބި ޚުދުމުހުތާރު ވެރިކަމެއް ކުރަން މަގުފަހިވާނެ ކަމެއް ކަމަށެވެ.