އެވަޓަން ބަލިކޮށް، އާސެނަލްއިން ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނެގި މެޗުގައި އާސެނަލްގެ ޒުވާން އުންމީދީ ތަރި މެކްސް ޑައުމަން ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުން އެވަޓަން 2-0 އިން ބަލިކޮށް، އާސެނަލްއިން ތާރީޚީ މޮޅެއް ހޯދި މެޗުގައި އާސެނަލްގެ އުމުރުން އެންމެ 16 އަހަރުގެ މެކްސް ޑައުމަން ވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
އޭނާ ބޯޅަ ހިފައިގެން ގޮސް ކާމިޔާބުކުރި ހިތްގައިމު ލަނޑާއެކު އާސެނަލްއިން ވަނީ ލީގު ތާވަލުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
މެންޗެސްޓާ ސިޓީން ފަހުން ކުޅެން އޮތް މެޗުގެ ކުރިން އާސެނަލްއިން ހޯދި މި މުހިންމު މޮޅާއެކު، ލީގު ކާމިޔާބުކުރުމަށް މިކޭލް އާޓެޓާގެ ޓީމުން ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. އަދި ވާދަވެރި ޓީމުތަކަށް މީގެ ސަބަބުން ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެއެވެ.
އާސެނަލުން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. މެޗުގެ ކުރީކޮޅު ނޯނީ މަޑުއޭކޭ އަދި ރިކާޑޯ ކަލަފިއޯރީ ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ބުކާޔޯ ސާކާގެ ފަރާތުން އެވަޓަންގެ ޑިފެންސަށް ބޮޑު ނުރައްކަލެއް ކުރިމަތިވި ނަމަވެސް، އެވަޓަންއިން ވަނީ ކުޅުމުގެ ތެރެއަށް ވަދެ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ޑްވައިޓް މެކްނީލް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. ފުރަތަމަ ހާފުގައި އާސެނަލްއިން 13 ޝޮޓު ހެދި ނަމަވެސް، ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ދެވަނަ ހާފުގައި ވެސް އާސެނަލްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، އެވަޓަންއިން ދިޔައީ ވަރުގަދައަށް ޑިފެންސް ކުރަމުންނެވެ. އެވަޓަންގެ ބެޓޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ވިލިއަމް ސަލީބާގެ އަތުން ބައިކޮޅަށް ލަނޑެއް ނުވަނީ ކިރިޔާއެވެ.
މެޗުގެ ނުތަނަވަސްކަން ބޮޑުވަމުން ދިޔަ ވަގުތު، ކޯޗު އާޓެޓާ ވަނީ މެޗު ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް އުމުރުން 16 އަހަރުގެ ޑައުމަން ކުޅުމަށް ނެރެފައެވެ. މިއީ މެޗުގެ ނަތީޖާ ބަދަލުކޮށްލި މުހިންމު ނިންމުމަކަށް ވެގެންދިޔައެވެ.
މެޗުގެ 89 ވަނަ މިނެޓުގައި އާސެނަލްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ވިކްޓާ ގިޔޯކަރެސްއެވެ. މި ލަނޑު ޖެހުމަށް މަގުފަހިވީ ޑައުމަން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ނުރައްކާތެރި ބޯޅައަކުންނެވެ. މި ބޯޅަ ދިފާއުކުރުމުގައި އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ގިޔޯކަރެސް ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ނަމަވެސް މެޗުގެ އެންމެ ޚާއްސަ ވަގުތު ފެނިގެންދިޔައީ އޭގެ ފަހުންނެވެ. އެވަޓަންއިން ނަތީޖާ ހަމަހަމަކުރުމަށް ކުރިއަށް ޖެހިލި ވަގުތު، އާސެނަލްގެ އެކަޑަމީން އުފެދުނު ޒުވާން ހުނަރުވެރިޔާ ޑައުމަން ވަނީ މުޅި ދަނޑު ހުރަސްކޮށް އެކަނި މާއެކަނި ބޯޅަ ހިފައިގެން ގޮސް ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ތާރީޚު އާކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީޚުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.