ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައި އޮންނަ، އީރާނުގެ އިގްތިސާދީ މައިބަދަ ކަމަށްވާ، ޚާގަށް އެމެރިކާއިން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އީރާނާ ގާތްގަޑަކަށް 15 ނޯޓިކަލް މޭލު ދުރުގައި އޮންނަ ޚާގްއަކީ އީރާނުގެ އިގްތިސާދީ އެންމެ މުހިންމު އެއް ތަނބެެވެ. އެ ރަށަކީ އެ ގައުމުގެ ސާފުނުކުރާ ތެލުގެ 90 އިންސައްތަ އެކްސްޕޯޓްކުރާ ރަށެވެ.
"އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މެދުއިރުމަތީގެ ތާރީޚުގައި ދިން އެންމެ ވަރުގަދަ އެއް ބޮމުގެ ހަމަލާ ދީ، އީރާނުގެ ޖަވާހިރު ޚާގް ގައި ހުރި ކޮންމެ އަސްކަރީ އަމާޒެއް މުޅިން ނައްތާލައިފިން." ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
"އެ ރަށުގެ ތެލުގެ ވަސީލަތްތަކަށް އަދި ހަމަލާއެއް ނުދެން. ނަމަވެސް އީރާނުން ނުވަތަ އެހެން ފަރާތަކުން ހޮރްމުޒް ކަނޑުއޮޅިން ބޯޓުތައް މިނިވަންކަމާއެކު ރައްކާތެރިކަމާއެކު ދަތުރުކުރުމަށް ހުރަސްއެޅޭނެ ކަމެއް ކޮށްފިނަމަ ހަމަލާ ދިނުމަށް ވިސްނާނަން."
އެމެރިކާ އާއި އިސްރާއީލުން އެ ރަށް ވަށައިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތް ނަމަވެސް ޚާގް ހިފުމާމެދު އަދި ދަނީ މަޝްވަރާ ކުރަމުން ކަމަށް، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ޓްރަމްޕްގެ ވާހަކަފުޅަށް ފަހު އީރާނުން ވަނީ އެ ކަމަށް ރައްދު ދީފައެވެ.
އީރާނުގެ އަސްކަރީ މައި މަރުކަޒު، ޚާތިމް އަލް އަންބިޔާގެ ތަރުޖަމާނުގެ ބަޔާނާ ހަވާލާދީ އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ދީފިނަމަ، އެމެރިކާގެ ހިއްސާ އޮންނަ ނުވަތަ އެމެރިކާއާ އެއްބާރުލުންދޭ މުޅި ސަރަހައްދުގެ ތެޔޮ ކުންފުނިތަކަށް ނިސްބަތްވާ ހުރިހާ ތެލާއި ހަކަތައިގެ ވަސީލަތްތަަކަށް އެ ގައުމުން ހަމަލާދޭނެއެވެ.
ނަމަވެސް ޚާގަށް ހަމަލާ ދީފައިވާ ކަމެއް އީރާނުން ބުނެފައެއްނުވެއެވެ. އީރާނުގެ ފާސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޚާގް އިން ކަޅު ދުން އަރާ މަންޒަރު ވަނީ ފެނިފައެވެ. އަދި އެ ސަަރަހައްދުން ގާތްގަނޑަކަށް 15 ވަރަކަށް ގޮވުން ގޮވާފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
އީރާނުގެ ތެލުގެ ނުވަދިހަ ޕަސެންޓް ނުވަތަ އެއަށްވުރެ ގިނަ ތެޔޮ ޚާގްއިން ބޭރުކުރާއިރު، އެމެރިކާއިން އެތަނުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ދޭން ނިންމައިފިނަމަ، އެއީ ވަރަށް ބޮޑު ގެއްލުމަކަށްވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.
އެނާޖީ އިކޮނޮމިސްޓް އަދި ޔުނިވާސިޓީ އޮފް ހިއުސްޓަންގެ ލެކްޗަރާ އެޑް ހިރްސް ވިދާޅުވީ އެމެރިކާއިން ޚާގަށް ހަމަލާ ދީފައި ވާނަމަ އޭގެ ސަބަބުން އީރާނުގެ ތެޔޮ އެކްސްޕޯޓަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ޓްރަމްޕް ވިދާޅުވީ އެ ރަށުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާ ނުދޭ ކަމަށް. އެކަމަކު އެއީ ވަރަށް ކުޑަ ރަށެއް. ތެޔޮ އެކްސްޕޯޓް ކުރާ އާލާތަށް ބުރޫ އަރާފައި ނުވާނެ ކަމަށް ހިޔެއްނުވޭ." ހިރްސް އަލްޖަޒީރާއަށް ވިދާޅުވިއެވެ.
އެހެންވެއްޖެނަމަ، އީރާނުގެ ތެޔޮ އެކްސްޕޯޓުކުރުމަށް ހުރަސް އެޅުނީ ކަމަށާއި ހަނގުރާމައިގެ ސަބަބުން އިރާގާއި ކުވޭތު ފަދަ ތަންތަނުންވެސް ތެޔޮ އެކްސްޕޯޓުކުރުން ހުއްޓިފައި އޮތުމުން ތެލުގެ އަގު އުފުލެމުންދާނެ ކަަމަށް ހިރްސް ވިދާޅުވިއެވެ.
"މިއީ ހަގީގަތުގައި ވެސް ސާފުނުކުރާ ތެލާއި ރިފައިންޑް ޕްރޮޑަކްޓްތައް އިންތިހާއަށް އެތެރެކުރާ އޭޝިއާގެ އިގްތިސާދުތަކަށް ގެއްލުންވާނެ ކަމެއް." ހިރްސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28ގައި ފެށި އެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ދަނީ އުފުލެމުންނެވެ. ތެލުގެ އަގު ތިރިކުރުމަށް، އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ)އިން ވަނީ ރެކޯޑް އަދަދެއް ކަމަށްވާ، 400 މިލިއަން ފީފާގެ ތެޔޮ ބާޒާރަަށް ނެރޭނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ.