އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި، ދުބާއީން އެނބުރި އިންޑިއާއަށް ކުރި ދަތުރުގައި ކުރިމަތިވި ބިރުވެރި ތަޖުރިބާތަކުގެ ވާހަކަ މަޝްހޫރު ފިލްމީ ތަރި ލާރާ ދައްތާ ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ލާރާ ބުނީ ދުބާއީއިން އެނބުރި އިންޑިއާއަށް ކުރި އެ ދަތުރުގައި ކުރިމަތިވި ހާދިސާތައް ސިފަކުރެވުނީ 2016 ވަނަ އަހަރު ނެރުނު ބޮލީވުޑް ފިލްމު "އެއާލިފްޓް" ގެ ދެވަނަ ބައެއްގެ މަންޒަރުތަކެއްގެ ގޮތުގައެވެ.
މި މަހުގެ ކުރީކޮޅު ލާރާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، މި ހަމަނުޖެހުންތަކުގެ ތެރޭގައި އޭނާގެ ދަރިފުޅު ސައިރާއާއެކު ދުބާއީގައި ތާށިވި ކަމަށެވެ.
މިހާރު އޭނާ އެނބުރި އިންޑިއާއަށް ގޮސްފައިވާއިރު، އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެ ބިރުވެރި ދަތުރުގެ ތަފުސީލު ބަތަލާ ވަނީ ކިޔައިދީފައެވެ.

ލާރާ ދަރިފުޅު އަދި ފިރިމީހާއާ އެކު--ފޮޓޯ/މިޑްޑޭ
ލާރާ ބުނި ގޮތުގައި އޭނާ ދުބާއީއަށް ބަދަލުވީ ދަރިފުޅަށް ޓެނިސް ދާއިރާއިން ކޯޗިންގްކޮށްދީ އެކަމަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމަށެވެ. އެ ވަގުތު އޭނާގެ ފިރިމީހާ، ކުރީގެ ޓެނިސް ކުޅުންތެރިޔާ މަހޭޝް ބޫޕަތީ ހުރީ ލަންޑަނުގައި ކަމަށާއި އެހެންކަމުން، ނުތަނަވަސްކަން ބޮޑުވި ވަގުތު ދުބާއީގައި އޭނާއާއި ދަރިފުޅު ތިބީ އެކަނިވެފައި ކަމަށް ލާރާ ވަނީ ބުނެފައެވެ.
"އަހަރެމެން ތިބީ ކޮންމެ ދުވަހަކު ބޮން އަޅަމުންދިޔަ ޖަބަލް އަލީ ބަނދަރާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރުގައި. އާއިލާއާ ބައްދަލުކުރުމަށްޓަކައި އަހަރެމެން ނިންމީ ނުރައްކަލަކަށް ކުރިމަތިލައިގެން ނަމަވެސް އެނބުރި ދާން. ފުޖައިރާއަށް ދިއުމަށް ދެ ގަޑިއިރު ދުއްވަން ޖެހުނުއިރު، އޭގެ އެއް ދުވަސް ކުރިން ފުޖައިރާ ބަނދަރަށާއި ތެޔޮ ސާފުކުރާ ކާރުހާނާއަށް ވެސް އޮތީ ބޮން އަޅާފައި. އެއީ ވަރަށް ބިރުވެރި ވަގުތުކޮޅެއް. އަހަރެންގެ ފިލްމީ އެކުވެރިޔާ އަކްޝޭ ކުމާރު ގާތު މަޖާވެލާފައި ބުނިން، އަހަންނަށް ހީވަނީ 'އެއާލިފްޓް 2' ގެ ބައެއްގެ ގޮތުގައި އުޅެވޭހެންނޭ،" ލާރާ ބުނެފައިވެއެވެ.
އަކްޝޭ ލީޑް ރޯލްކުޅެފައިވާ ފިލްމު "އެއާލިފްޓް"އަކީ ގަލްފް ހަނގުރާމަައިގެ ކުރީކޮޅު ކުވައިތުގައި ދިރިއުޅެމުންދިޔަ އިންޑިއާ ރައްޔިތުން އެނބުރި ޤައުމަށް ފޮނުވުމުގެ މަސައްކަތް އެ ޤައުމުގެ އިންޑިއާ އެމްބަސީން ކުރިއަށް ގެންދިޔަ ގޮތް ދައްކުވައިދިން ފިލްމެކެވެ.
"ގޮވާ އަޑުތައް އަހަރެމެންނަށް ދިޔައީ އިވެމުން. އެއާލައިންތަކުން ކުރި މަސައްކަތަށް ސާބަސް ދެން. އަހަރެން ޔަގީންކުރަނީ މި ތަޖުރިބާގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ނަފުސާނީ ގޮތުން އަސަރުތަކެއް ކުރާނެ ކަމަށް،" އެއާޕޯޓަށް ދެވުމުންވެސް ހިތުގައި އުފެދުނު ނުތަނަވަސްކަން ފިލައިގެން ނުދާކަމަށް ލާރާ ވަނީ ބުނެފައެވެ.
ލާރާގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ސޯނަލް ޗައުހާން، އީޝާ ގުޕްތާ އަދި ވިޝްނޫ މަންޗޫ ފަދަ އިންޑިއާގެ އިތުރު ފަންނާނުން ވެސް މި ހަމަނުޖެހުންތަކުގެ ތެރޭގައި ދުބާއީގައި ތާށިވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރެއިން ސޯނަލް އާއި އީޝާ މިހާރު އިންޑިއާއަށް ގޮސްފައިވާއިރު، ވިޝްނޫއާ ބެހޭ އެންމެ ފަހުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.