އެޕަލްގެ އާ އޮޕަރޭޓިންގ ސިސްޓަމްތައް ސަޕޯޓްނުކުރާ، ކުރީގެ އައިފޯނު އަދި އައިޕެޑް މޮޑެލްތަކަށް އަމާޒުކޮށްގެން އެޕަލް ކުންފުނިން އައިއޯއެސް 16 އަދި 15 ގެ އާ އަޕްޑޭޓްތަކެއް ބުދަ ދުވަހު ނެރެފިއެވެ.
މި އަޕްޑޭޓްތަކުގެ މައިގަނޑު ބޭނުމަކީ ފަހަކަށް އައިސް ފެންމަތިވެފައިވާ ނުރައްކާތެރި "ކޮރޫނާ" އެކްސްޕްލޮއިޓްގެ ސަބަބުން ފޯނުތަކަށް ދިމާވެފައިވާ ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމެވެ.
ސެކިއުރިޓީ ރިސާޗަރުން ހާމަކޮށްފައިވާ ގޮތުގައި، ކޮރޫނާ އެޓޭކަކީ އައިއޯއެސް 13 އިން ފެށިގެން 17.2.1 އާ ދެމެދުގެ ވާޝަންތައް ބޭނުންކުރާ ޑިވައިސްތަކަށް އަމާޒުކޮށްފައިވާ އެޓޭކެކެވެ. މިކަން ހައްލުކުރުމަށް އެޕަލް އިން ވަނީ އައިއޯއެސް 16.7.15 އަދި އައިއޯއެސް 15.8.7 ގެ އިތުރުން އައިޕެޑްތަކަށް އައިޕެޑްއޯއެސް 16.7.15 އާއި އައިޕެޑްއޯއެސް 15.8.7 ނެރެފައެވެ.
މި އަޕްޑޭޓްތަކުގައި މުހިންމު ސެކިއުރިޓީ ފިކްސްތަކެއް ހިމެނޭކަމަށް އެޕަލްއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ފޯނުގެ ކާނަލް އަދި ވެބްކިޓް ގައި ހުރި ބަގްތަކެއް ވަނީ ރަނގަޅުކޮށްފައެވެ.
މި މައްސަލަތަކުގެ ސަބަބުން ހެކަރުންނަށް ފޯނުގެ ތެރެއަށް ވަދެ، ނުރައްކާތެރި ކޯޑުތައް (އާބިޓްރޭ ކޯޑް) ރަންކުރުމުގެ ފުރުސަތު އޮވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މައްސަލައަކީ މެމޮރީ މެނޭޖްމަންޓްގެ މައްސަލައެއްކަމަށްވާ "ޔޫސް-އާފްޓާ-ފްރީ" ބަގެކެވެ.
މީގެ އިތުރުން ވެބްކިޓްގައި ހުރި މައްސަލަތަކުގެ ސަބަބުން، ވެބްސައިޓްތައް މެދުވެރިކޮށް ފޯނަށް ގެއްލުންދިނުމުގެ ފުރުސަތުވެސް އޮތީ ހުޅުވިފައެވެ.
ކޮރޫނާ އެކްސްޕްލޮއިޓް އަކީ ކޮބާ؟
މި ނުރައްކާތެރި އެކްސްޕްލޮއިޓް ހޯދާފައިވަނީ މި މަހުގެ ކުރީކޮޅު "ގޫގުލް ތްރެޓް އިންޓެލިޖެންސް ގްރޫޕް" (ޖީޓީއައިޖީ) އިންނެވެ. ގޫގުލްއިން ބުނާގޮތުގައި މިއީ އައިއޯއެސްގެ 23 ވަލްނަރަބިލިޓީއެއް (ބަގެއް) އެއްކޮށްލައިގެން އުފައްދާފައިވާ ނުރައްކާތެރި އެޓޭކެކެވެ. މީގެ ސަބަބުން ސިސްޓަމްގެ ސެކިއުރިޓީ ފަށަލަތައް ފަސޭހަކަމާއެކު މުގުރާލައި، އެޓޭކްކުރާ ފަރާތްތަކަށް ފޯނުގެ ފުންމިނަށް ވާސިލުވެ ފޯނުގެ ކޮންޓްރޯލް ނެގުމުގެ މަގުފަހިވެއެވެ.
މި އެކްސްޕްލޮއިޓްގެ ނުރައްކާ ބޮޑަށް އޮތީ ސެޕްޓެމްބަރ 2019 އާއި ޑިސެމްބަރ 2023 އާ ދެމެދު ނެރެފައިވާ އައިއޯއެސް ވާޝަންތަކަށެވެ. އެހެންކަމުން އެޕަލް އިން މިވަނީ އާ އައިއޯއެސް ނޭޅޭ ފޯނުތަކަށްވެސް މި ސެކިއުރިޓީ އަޕްޑޭޓްތައް ފޯރުކޮށްދީފައެވެ.
އަޕްޑޭޓް އިންސްޓޯލް ކުރާނީ ކިހިނެއް؟
ކުރީގެ އައިފޯނާއި އައިޕެޑް ގެންގުޅޭ ފަރާތްތަކުން ވީހާވެސް އަވަހަކަށް މި އަޕްޑޭޓްތައް އެޅުމަށް އެޕަލް އިން އިރުޝާދުދެއެވެ. އަޕްޑޭޓް ކުރުމަށް:
ފޯނުގެ Settings އަށް ވަންނަވާށެވެ.
General އަށް ފިތާލުމަށްފަހު Software Update އަށް ވަންނަވާށެވެ.
އޭރުން ފޯނަށް އައިސްފައިވާ އާ އަޕްޑޭޓް އޮޓަމެޓިކުން ފެންނާނެއެވެ.
Download & Install އަށް ފިތާލުމަށްފަހު، ޝަރުތުތަކަށް އެއްބަސްވެ އަޕްޑޭޓް އިންސްޓޯލް ވަންދެން މަޑުކޮށްލައްވާށެވެ. އަޕްޑޭޓްވަމުންދާއިރު ފޯނު ދެތިން ފަހަރަކު ރީސްޓާޓް ވުމަކީ އެކަށީގެންވާ ކަމެކެވެ.