ވަގަށް ނަގައިފައިވާ ލޯ ނަރު ވިއްކަން އުޅުނު މައްސަލައެއްގައި، ދެ މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބަންދު އަމުރު ޖަހައިފައި ވަނީ 37 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުންނަށް ވައްކަމުގެ ތުހުމަތުކޮށްފައިވާއިރު، ދެ މީހުންނަށް ވެސް ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
އެ ކޯޓަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި، ވަގަށް ނަގައިގެން ބުރިކޮށްފައިވާ ލޯ ނަރުތައް އެ މީހުންގެ އަތުން ފެނުން ހިމެނޭ ކަމަށް އަމުރުގައިވެއެވެ.
އެ ދެ މީހުންގެ ތެރެއިން 37 އަހަރުގެ މީހާ ވަނީ އެ ތަކެތި ވަގަށް ނެގި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. އަދި 44 އަހަރުގެ މީހާ ވަނީ، އެ ތަކެތި ވަގަށް ނެގި ކަމަށް ނޭނގުނު ނަމަވެސް، އެ ތަކެތި ވިއްކުމުގައި ބައިވެރިވި ކަމަށް އިއުތިރާފުވެފައެވެ.
އެ ދެ މީހުންނަކީ ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހުންނެވެ.
އެ މައްސަލައިގައި ކޯޓުން އަމުރުކުރީ ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށް، ލޯ ނަރު ވިއްކުމަކީ ނުރައްކާތެރި ނަމަވެސް، އާންމުވެފައިވާ ވައްކަމެކެވެ. އެގޮތުން ކޭބަލް ބުރި ކުރަނިކޮށް ބައެއް މީހުންނަށް ވަރަށް ބޮޑަށް އަނިޔާވެ، ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ. އެފަދަ ވައްކަމުގެ ނުރައްކާ ފާހަގަކޮށް، އެކަން ނުކުރުމަށް، ސްޓެލްކޯއާއި ފެނަކައިން ވެސް މީގެ ކުރިން އިލްތިމާސްކޮށްފައިވެއެވެ.