މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓްތަކަށް ބުރޫ އަރާފައިވާއިރު، އިންޑިއާއިން، ބަންގްލަދޭޝް-އިންޑިއާ ފްރެންޑްޝިޕް ޕައިޕްލައިން (ބީއައިއެފްޕީ) މެދުވެރިކޮށް ބަންގްލަދޭޝްއަށް ގާތްގަނޑަކަށް 5،000 މެޓްރިކް ޓަނުގެ ޑީސަލް ފޯރުކޮށްދޭން ފަށައިފިއެވެ.
ހޯމަ ދުވަހު އާސާމްގެ ނޫމަލިގަރު ރިފައިނަރީން ޕަމްޕްކޮށްފައިވާ މި ތެޔޮ ގާތްގަނޑަކަށް 44 ގަޑިއިރު ތެރޭގައި ދިނާޖްޕޫރަށް ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޑިއާގެ ދައުލަތުގެ މީޑިއާ ދޫދަރުޝަން ނިއުސް އިން ބުނެއެވެ.
އިންޑިއާއިން ތެޔޮ ފޯރުކޮށްދެނީ ބަންގްލަދޭޝްއިން އެކަމަށް އެދުމުން ކަމަށާއި ބީއައިއެފްޕީ ޕައިޕްލައިން މެދުވެރިކޮށް ގާތްގަޑަކަށް 180،000 ޓަނުގެ ޑީސަލް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ޓީއާރްޓީން ރިޕޯޓުކޮށްފައިވެއެވެ.
ބަންގްލަދޭޝްއަކީ ތެލުގެ މާބޮޑު ރިޒާވްއެއް ނެތް އިމްޕޯޓަށް ބަރޯސާވާން ޖެހިފައިވާ ގައުމެެކެވެ. ތެޔޮ ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޔުނިވާސިޓީތަކާއި ސްކޫލްތައްވެސް ބަންދުކޮށްފައެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހަރުމޮޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ތެޔޮ އުފައްދާ މިންވަރުވެސް މަދުކުރަމުންނެވެ.