ކަރާ: ހިތުގެ ދުޅަހެޔޮކަމާއި އެކި ކަހަލަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މޭވާއެއް

ކަރާ: މަގުބޫލުކަމާ އެއްވަރަށް ސިއްހާ ފައިދާތައް ވެސް އެހާ ގިނަ--ފޮޓޯ/ޕިންޓްރެސްޓް

ކަރާއަކީ ދިވެހިންގެ ތެރޭގައި ޚާއްޞަކޮށް ރޯދަ މަހު ވަރަށް މަގުބޫލު މޭވާއެކެވެ. މިއީ މީރު ރަހައެއްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް ލިބޭ މޭވާއެކެވެ. ކަރަލުގެ ބޮޑު ބަޔަކީ ފެން ކަމަށްވުމުން ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށާއި ކަރުހިއްކުން ފިލުވައިދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން މިއީ ކެލަރީ މަދު އެއްޗަކަށްވުމުން ބަރުދަން ކޮންޓްރޯލް ކުރުމަށްވެސް ރަނގަޅު މޭވާއެކެވެ. ކަރަލުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިންތަކުގެ ސަބަބުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ވުމާއެކު ރޯދަ މަސް ނޫނަސް ދިރިއުޅުމުގެ އާދައިގެ ތެރޭގައި ކަރާ ބޭނުންކުރުމަކީ ސިއްހީ ގޮތުން ފައިދާހުރި ކަމެކެވެ.

  • ކަރަލުގައި ހިމެނޭ ފެނުގެ ސަބަބުން ހަށިގަނޑު ފެންމަދުވިޔަނުދީ ހިފަހައްޓައިދެއެވެ.
  • ކަސްރަތު ކުރުމަށްފަހު މަސްގަނޑުގައި އުފެދޭ ރިހުން ކުޑަކުރުމަށް އެހީތެރިވެދެއެވެ.
  • ލޮލުގެ ފެނުން ރައްކާތެރިކުރުމަށާއި ކަށިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
  • ކެންސަރާއި ހިތުގެ ބަލިތަކުން ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތައް އެކުލެވެއެވެ.

ކަރާ މިއީ ރަމަޟާން މަހު މުސްލިމުންގެ ހުރިހާ ގެއަކަށްވެސް އެންމެ މުހިއްމު އެއް މޭވާގެ ބާވަތެވެ.

ހަމައެކަނި ދިވެހި މުޖްތަމައަށް ބަލާލި ކަމަށްވިޔަސް ރަމަޟާން މަހާ އެކު ކަރައަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. ކަރާ ފަންޏާ ނުލައި ރޯދަ މަސް ފުރިހަމަނުވާ ގޭބިސީތައް ވެސް މަދުވާނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ކުދިބޮޑު އެންމެންގެ މެދުގައި މަގުބޫލު މި މޭވާގެ މީރުކަމާ އެއްވަރަށް މިއިން ހަށިގަނޑަށް ލިބިދޭ ސިއްހީ ފައިދާތައް ވެސް އެހާމެ ގިނައެވެ.

ކަރަލަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު އެންޓިއޮކްސިޑެންޓްތަކާއި ނިއުޓްރިއެންޓްސް (މާއްދާތައް) މުއްސަނދި މޭވާއެކެވެ. މިއީ ހަށިގަނޑުން ފެން މަދުވިޔަނުދީ ހިފެހެއްޓުމުގެ އިތުރުން، ހިތުގެ ދުޅަހެޔޮކަމާއި އެކި ކަހަލަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މޭވާއެކެވެ.

މުސްލިމުންގެ މެދުގައި ރޯދަވީއްލާ ވަގުތު އެންމެ މަގުބޫލު އެއް މޭވާ އަކީ ކަރާ--ފޮޓޯ/ޕިންޓްރެސްޓް

ޒަމާނުއްސުރެ މީހުން ބޭނުންކުރަމުން އަންނަ މި ފޮނި، މީރު މޭވާއަކީ ހޫނު މޫސުމުގައި ކަރުހިއްކުން ފިލުވައިލުމަށް އެންމެ އެކަށީގެންވާ އެއް މޭވާއެވެ. މިއީ ވިޓަމިން އޭ އަދި ސީ ފަދަ މުހިންމު މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވާ މޭވާއެކެވެ.

އެމެރިކާގެ ސެން ފްރެސިސްކޯ ބެއި އޭރިއާގައި ނިއުޓްރިޝަން ކައުންސިލިންގް ދެއްވުމުގައި ހަރަކާތްތެރިވެލައްވާ ރެޖިސްޓަޑް ޑައިޓީޝަން ކިމް ޗިން ވިދާޅުވެފައިވާ ގޮތުގައި، ކަރަލުގެ ބޮޑު ބަޔަކީ ފެން ކަމަށްވާތީ، މިއީ ދުވާލަކަށް ބޭނުންވާ ފެން ހޯދުމަށްޓަކައި ބޭނުންކުރެވިދާނެ ރަނގަޅު މޭވާއެކެވެ.

މީގެ އިތުރުން ކަރާގައި ކެލަރީ މަދުވުމުގެ ސަބަބުން، ބަރުދަން ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭ ކަމަށް ޑައިޓީޝަން ކިމް ޗިން ވިދާޅުވެފައިވެއެވެ.

ރާޖޭގެ ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި--ފޮޓޯ/ސަންއެމްވީ

ކަރާގައި އެކުލެވޭ މުހިއްމު ސިއްހީ މާއްދާތަކުގެތެރޭ، ކެލަރީ، ކަބޯހައިޑްރޭޓް، ފައިބަ، ހަކުރު، ޕްރޮޓީން އަދި ފެޓް ހިމެނެއެވެ.

މީގެ އިތުރުން ކަރާގައި އެކުލެވޭ 'ސިޓްރޫލިން' (Citrulline) އަކީ ކަސްރަތު ކުރުމުގައި ހަކަތަ އިތުރުކޮށްދޭ އެމިނޯ އެސިޑެކެވެ. އަދި އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކަކީ ހަކުރުބަލި، ހިތުގެ ބަލި އަދި ކެންސަރު ފަދަ ބަލިތަކުން ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަކެއް ކަމަށް ޑައިޓީޝަން ކިމް ޗިން ނެރުއްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވެއެވެ.

މި ލިޔުމުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ކަރަލުގައި ހިމެނޭ 'ލައިކޯޕީން' (Lycopene) އަދި 'ކިއުކާބިޓަސިން އީ' (Cucurbitacin E) ފަދަ މާއްދާތަކަކީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިގެންވާ މާއްދާތަކެއް ކަމަށް ދިރާސާތަކުން ދައްކައެވެ. ޚާއްޞަކޮށް ޕްރޮސްޓޭޓް ކެންސަރާއި ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް މިއީ އެހީތެރިވެދޭ މާއްދާތަކެކެވެ.

ހަމައެއާއެކު މިއީ އަލްޒައިމާ ފަދަ ބަލިތަކުން ސިކުނޑި ރައްކާތެރިކުރުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ.

ކަރަލުގައި ހިމެނޭ 'ބީޓާ-ކްރިޕްޓޯޒެންތިން' (Beta-cryptoxanthin) އަކީ ކަށިތަކާއި ހުޅުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހުޅުތައް ދުޅަވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ހުޅުތަކުގެ ބަލިތަކުންނާއި ކަށި ފީވުމުގެ ބަލިތަކުން ދުރުކޮށްދެއެވެ.

ލޮލުގެ ފެނުން ރައްކާތެރިކުރުންއުމުރުން ދުވަސްވުމުން ލޮލަށް ޖެހޭ ބަލިތަކުން (AMD) ރައްކާތެރިވުމަށް ކަރަލުގައި ހިމެނޭ ލައިކޯޕީން އެހީތެރިވެދެއެވެ.

މަސްގަނޑުގެ ރިހުން ކުޑަކުރުންކަރަލުގައި ހިމެނޭ ސިޓްރޫލިންގެ ސަބަބުން ކަސްރަތު ކުރުމަށްފަހު މަސްގަނޑުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ.

ކަރަލުގައި ހަކުރުގެ މާއްދާ އެކުލެވިފައިވާތީ ކަރަލުގައި ގުދުރަތީ ހަކުރު ހުރި ނަމަވެސް، އެހެން މޭވާތަކާ އަޅާބަލާއިރު ހަކުރު އެކުލެވޭ މިންވަރު މަދުކަމަށް ޑައިޓީޝަން ކިމް ޗިން ފާހަގަކުރައްވާފައިވެއެވެ. މިއީ ހަކުރުބަލި ހުންނަ މީހުންނަށް ވެސް ވަކި މިންވަގަނޑެއް ކަނޑައަޅައިގެން ކެއުމަށް ރަނގަޅު މޭވާއެކެވެ.

ކިމް ޗިން ފާހަގަކުރައްވާފައިވާ ގޮތުގައި ކަރަލަކީ ހަމައެކަނި ރަހަ މީރު މޭވާއެއް ނޫނެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަމަށާއި، ބަލިތަކުން ރައްކާތެރިވުމަށް ކޮންމެހެން ބޭނުންތެރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ. އެހެންކަމުން ރޯދަ މަސް ނޫނަސް އެހެން މަސް މަހުވެސް އާދަވަގެން ކަރާ ކެއުމަކީ ސިއްހީ އެތައް ފައިދާތަކެއް އެއިން ހަށިގަނޑަށް ފޯރުކޮށްދޭނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު