ޕާކިންސަންސް ނުވަތަ ތުރުތުރު އަޅާ ބައްޔަކީ ދުނިޔޭގައި ދެވަނައަށް އެންމެ އާންމު ނާރުގެ ބައްޔެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އުމުރުން 60 އަހަރުން މަތީގެ ކޮންމެ 100 މީހަކުން ދެ މީހަކަށް މި ބަލި ޖެހޭ ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގައި ކްލިނިކަލް ނިއުރޯފިސިއޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ. ގްލޯރިއާ ތަންޖަންގް ވިދާޅުވެފައިވެއެވެ. ނަމަވެސް، ޒުވާން އުމުރުގައިވެސް މި ބަލި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މި ބަލީގެ ސަބަބުން ހަރަކާތްތައް މަޑުޖެހުމާއި، ހަށިގަނޑު ހަރުވުމާއި، އަތްފައި ތުރުތުރުލުން ފަދަ އުނދަގޫތައް ކުރިމަތިވެ، ބަލިމީހާގެ ދުވަހުގެ ދިރިއުޅުމުގެ ކަންކަން ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް މި ބައްޔާ ގުޅޭގޮތުން ޑރ.ގްލޯރިއާ އާއްމުކުރައްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވެއެވެ.
ޕާކިންސަންސް ބަލި ކުރިމަތިވަނީ ސިކުނޑީގައި ހުންނަ "ޑޯޕަމިން" (dopamine) ކިޔާ ކެމިކަލެއް މަދުވުމުގެ ސަބަބުންނެވެ. މި ބަލީގެ އުނދަގޫތައް ކޮންޓްރޯލް ކުރުމަށްޓަކައި ތަފާތު ބޭސްތައް ބޭނުންކުރާއިރު، އޭގެ ތެރެއިން އެންމެ އާންމުކޮށް ބޭނުންކުރަނީ "ލެވޮޑޯޕާ" (levodopa) އެކުލެވޭ ބޭސްތަކެވެ.
މި ބޭހަކީ ސިކުނޑީގައި ޑޯޕަމިން އުފެއްދުމަށް އެހީތެރިވެދޭ ބޭހެކެވެ. ނަމަވެސް، މި ބޭހުގެ އަސަރު ހަށިގަނޑުގައި ހުންނަނީ ވަރަށް ކުރު މުއްދަތަކަށެވެ. އެއީ ގާތްގަނޑަކަށް ތިން ނުވަތަ ހަތަރު ގަޑިއިރެވެ. އެހެންކަމުން، ބައެއް ބަލިމީހުން ދުވާލަކު ތިން ފަހަރަށްވުރެ ގިނައިން ބޭސް ބޭނުންކުރަން ޖެހޭ ކަމަށް ވެސް ޑރ. ގްލޯރިއާގެ ލިޔުއްވުމުގައި އިޝާރާތްކުރައްވާފައިވެއެވެ.

ޕާކިންސަންސް ބަލި ތަހައްމަލުކުރަމުންދާ މީހުން ރަމަޟާން މަހު ރޯދައަށް ހުރުމަށް ނިންމަންވާނީ ޑޮކްޓަރުންގެ ލަފާ އަދި އިރުޝާދުގެ ދަށުން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ ހެލްތުކެއަ
ޕާކިންސަންސް ބަލި ހުންނަ މީހުންނަށް ރޯދަހިފިދާނެ ހެއްޔެވެ؟
ރޯދަމަހު ރޯދަހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އެހެންނަމަވެސް، ބަލިމީހުންގެ ތެރެއިން ރޯދަހިފުމުގެ ސަބަބުން ބަލި އިތުރަށް ގޯސްވެދާނެ ނުވަތަ ފުރާނައަށް ނުރައްކާވެދާނެ މީހުން ރޯދަ ދޫކޮށްލުމުގެ އިޒުނަ އިސްލާމްދީނުގައި އޮވެއެވެ. ވީމާ، ޕާކިންސަންސް ބަލި ހުންނަ މީހުންނަށް ރޯދަހިފުމަކީ ކިހާވަރެއްގެ ކަމެއްތޯ މިއީ ވަރަށް ގިނަ ބައެއްގެ މެދުގައި ކުރެވޭ ބަހުސެކެވެ.
1. ރޯދަހިފުމުގައި ހުރި ނުރައްކާތައް:
ރޯދައަށް ހުރުމަށް ކުއްލިއަކަށް ބޭސް ބޭނުންކުރުން ހުއްޓާލުމަކީ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ހަށިގަނޑު ހަރުވެ، ހަރަކާތް ނުކުރެވޭ މިންވަރަށް ކަންތައް ދިމާވެދާނެ ކަމެކެވެ.
ދުވާލަކު ގިނަ ފަހަރު ބޭސް ބޭނުންކުރާ މީހުން ހަމައެކަނި ހާރާއި ރޯދަވީއްލާ ގަޑީގައި ބޭސް ބޭނުން ކުރުމުން، ބޭހުގެ އަސަރު ކެނޑޭ ވަގުތުތަކުގައި ބަލީގެ އުނދަގޫތައް (ތުރުތުރުލުމާއި ހަރަކާތް ކުރަން އުނދަގޫވުން) ބޮޑުވެއެވެ.
އަދި ރޯދަވީއްލާ ގަޑީގައި އެއްފަހަރާ ގިނަ އަދަދަކަށް ބޭސް ބޭނުންކުރުމުން "ޑިސްކައިނީޒިއާ" (dyskinesia - ސިކުނޑީގައި ޑޯޕަމިން ކުއްލިއަކަށް ގިނަވުމުގެ ސަބަބުން ހަށިގަނޑަށް އަންނަ އަމިއްލައަށް ކޮންޓްރޯލް ކުރުން އުނދަގޫ ހަރަކާތްތައް) ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.
2. ޑޮކްޓަރެއްގެ ލަފާ ހޯދުން:
ކޮންމެ ބަލިމީހެއްގެ ހާލަތަކީވެސް ތަފާތު ހާލަތެކެވެ. އެހެންކަމުން، ރޯދަހިފުމުގެ ކުރިން ބަލީގެ މިންވަރު ދެނެގަތުމަށްޓަކައި ޑޮކްޓަރެއްގެ ފުރިހަމަ އެސެސްމަންޓެއް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ބަލީގެ ހާލަތު ހުރި މިންވަރަކުން ރޯދަހިފުމުގައި ހުރި ނުރައްކާތައްވެސް ތަފާތުވާނެއެވެ.
އާންމުގޮތެއްގައި ބަލީގެ ކުރީކޮޅުގައި ތިބޭ މީހުންނަށް، ގިނަ ވަގުތު ހަށިގަނޑުގައި އަސަރު ހުންނަ ބޭސްތައް ބޭނުންކޮށްގެން ރޯދަހިފިދާނެއެވެ. ބަލީގެ ހާލަތު މެދު މިންވަރެއްގައި ހުރި މީހުންނަށް ބޭހަށް ބައެއް ބަދަލުތައް ގެނެސްގެން ރޯދަހިފިދާނެއެވެ. ނަމަވެސް، ބަލި ވަރަށް ބޮޑަށް ހުރި މީހުންނަށް ރޯދަހިފުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމަށް ޑރ. ގްލޯރިއާގެ ލިޔުމުގައި ވަނީ ބަޔާންކުރައްވާފައެވެ.
3. ބޭހުގެ މިންވަރާއި ބާވަތަށް ބަދަލު ގެނައުން:
ރޯދަހިފަން ގަސްދުކުރާ ޕާކިންސަންސް ބަލިމީހުން، ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކޮށް، ބޭހުގެ މިންވަރާއި ބާވަތަށް ގެންނަންޖެހޭ ބަދަލުތައް ނިންމަންވާނެއެވެ. މިއީ އާ ތަރުތީބަށް ހަށިގަނޑު ހޭނުމަށްޓަކައި ވަގުތު ހޯދުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެކެވެ.
ޑރ. ގްލޯރިއާ, ފާހަގަކުރައްވާފައިވާ ގޮތުގައި، ރޯދަމަހު ރޯދަހިފުމަކީ ޕާކިންސަންސް ބަލި ހުންނަ ބައެއް މީހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. މިއީ މުޅިން ނުކުރެވޭނެ ކަމެއް ނޫން ނަމަވެސް، އެންމެ އިސްކަމެއް ދޭންވާނީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ގްލީރިއާ ވިދާޅުވިއެވެ. އެހެންކަމުން، ރޯދަހިފުމުގެ ކުރިން ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް ޑރ. ގްލޯރިއާ ވަނީ ބަލިމީހުންނަށް އިލްތިމާސްކުރައްވާފައެވެ.