މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގެ ހޮޓަލްތަކުގެ ބުކިންތައް ގާތްގަނޑަކަށް ހުއްޓި، ހޮޓަލްތަކުގެ އަގުތައް ދަށަށް ގޮސްފިއެވެ.
އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އިގުތިސާދީ ތަންތަނާއި އެއާޕޯޓުތަކަށް ވެސް މިސައިލާއި ޑްރޯން ހަމަލާ އަމާޒުކުރަމުންނެވެ.
"މިދިޔަ ހަފުތާގައި ހޮޓަލުގެ އޮކިއުޕެންސީ ގާތްގަނޑަކަށް 20 ޕަސަންޓަށް ދަށްވެފައި އޮތީ. އަލުން ރަނގަޅުވާނެ ވަގުތުކޮޅެއް ނަގާނެ،" ދުބާއީގެ ލަގްޒަރީ ހޮޓަލެއްގައި މަސައްކަތްކުރާ ހޮޓެލިއަރަކު ބުންޏެވެ.
މި ހާލަތަށް އަހުލުވެރި އެހެން މީހަކު ބުނީ، އެވްރެޖްކޮށް ދުވާލެއްގެ ރޭޓް ހަފުތާއަކު 50 ޕަސަންޓަށް ދަށްވެފައިވާ ކަމަށެވެ. އާ 'ސްޓޭ އެންޑް ޑައިން' އޮފާއެއްގައިވާ ގޮތުން ދުބާއީ އަގުބޮޑު ރިސޯޓެއް ކަމަށްވާ، ފައިވް ޕާމް ޖުމެއިރާގައި އަގު ބޮޑު ކޮޓަރިއެއް މިހާރު މީހަކަށް 349 ދިރްހަމް (1469 ރުފިޔާ) ފެށިގެން ލިބެއެވެ.
އޭގެ އަގު ބޮޑު ކޮޓަރިއެއްގެ އާންމު ރޭޓަކީ 1000 ދިރްހަމް (4210 ރުފިޔާ) އަށް ކަމަށް ވެސް އިންޑްސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނެއެވެ.
މަޝްހޫރު ޓްރެވަލް ޕޯޓަލެއްގައި ޝާއިއުކޮށްފައިވާ ރޭޓްތަކުގައިވާ ގޮތުން މި މަހުގެ 11 ވަނަ ދުވަހު ތާޖް ޖުމެއިރާ ލޭކްސް ޓަވާސްގެ ކޮޓަރިއެއް 288 ދިރްހަމް،(1212 ރުފިޔާ) އަށް ލިބޭއިރު، ޝަންގްރިއްލާ ދުބާއީގެ ކޮޓަރިއެއް 549 ދިރްހަމް (2311 ރުފިޔާ) އަށް ލިބެއެވެ. ތާޖް ދުބާއީގެ ކޮޓަރިއެއް ހަމަ އެ ތާރީޚަށް 500 ދިރްހަމް (2105 ރުފިޔާ) އަށް ލިބޭއިރު، ޖުމެއިރާގެ ލެމަން ޓްރީ ހޮޓަލުން ކޮޓަރިއެއް ލިބެން ހުރީ 236 ދިރްހަމް (993 ރުފިޔާ) އަށެވެ.
ލެމަން ޓްރީ ހޮޓެލްސްގެ ފައުންޑަރު ޕަތަންޖަލީ ގޮވިންދު ކެސްވާނީ ވިދާޅުވީ، ރޭޓާއި އޮކިއުޕެންސީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ.
އާންމު ހާލަތުގައި ފެބްރުއަރީ މަހަކީ ދުބާއީގައި ހޮޓަލުގެ ޕާފޯމަންސަށް ވަރުގަދަ މަހެއް ނަމަވެސް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ފަހު ކުއާޓަރުގައި ބައެއް ދުވަސްތަކުގައި ކޮޓަރިއަކަށް ލިބޭ އާމްދަނީ 25 ޕަސަންޓާ ހަމައަށް ދަށްވެ، ޖުމްލަ ގޮތެއްގައި ކޮޓަރިއަކަށް ލިބޭ އާމްދަނީ އެ މަހު ތިނެއް ނުވަތަ ހަތަރު ޕަސަންޓާއި ދެމެދުގެ އަދަދަކަށް ދަށްވެފައިވާ ކަމަށް ހޮޓެލްޓިވޭޓްގެ ފައުންޑާ ޗެއާމަން މަނާވް ތަދާނީ ވިދާޅުވިއެވެ.
"މި ހަމަނުޖެހުމުގެ ކުރި އަސަރު އަދިވެސް ޔަގީން ނުވާތީ އިންތިޒާރުކުރަން ޖެހޭނެ ކަމަށް ބެލެވެނީ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު ދޭން ފެށި ހަމަލާތަކަށް 11 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ހަމަނުޖެހުންތަކުގެ އަސަރު މުޅި މެދުއިރުމައްޗަށް އަންނަނީ ކުރަމުންނެވެ. ހަމަނުޖެހުންތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގަށެވެ.