އޮޑިޓް އޮފީހުން ހަދާފައިވާ އޮޑިޓް ރިޕޯޓެއް ދޫނުކޮށްގެން، މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ދިއުމުން އެ ރިޕޯޓު ދޫކުރަން، ސިވިލް ކޯޓުން ހުކުމްކުރުމާ އެކު ރިޕޯޓު އާންމުކޮށްފިއެވެ.
މިއީ، އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ވެފައިވާ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވައިލުވުމުން މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅުމުން އެކަމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ނެރެފައިވާ އެސެސްމަންޓް ރިޕޯޓެކެވެ.
މި ރިޕޯޓް ދޫނުކޮށްގެން، އިބްރާހީމް އިސްމާއީލް (އިބްރާ)ގެ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ޝަރިއަތަށް ދިޔައެވެ. މި މައްސަލައިގައި އެ ރިޕޯޓު ހާމަކުރަން ހުކުމް ކުރެއްވީ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދެވެ.
އެ ރިޕޯޓުން އެނގޭ ގޮތުގައި މާލެ ހައި އިން ވަނީ ބަދަލުގެ ގޮތުގައި އެކި ނަންނަމުގައި އެތައް މިލިއަން ރުފިޔާއެއް ހޯދަން އެދި ހުށަހަޅައިފައެވެ. އެގޮތުން އެމްއީއެސް އިމާރާތުގެ އެއްބަސްވުން އުވައިލުމުން މަންދު ކޮލެޖުގެ ނަމާއި، އިތުބާރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 50 މިލިއަން ރުފިޔާ ހޯދަން ވަނީ ހުށަހަޅައިފައެވެ. އަދި އެ އިމާރާތުގައި ނައިޓް ކްލާސް ހިންގައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ ފައިދާ ވެސް ހޯދަން ވަނީ ހުށަަހަޅައިފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ސްކޫލް ހިންގައިގެން ލިބޭނެ ކަަމަށް ލަފާކުރާ ފައިދާއާއި، އެއްބަސްވުމުގެ ބާކީ އަށް އަހަރު ތެރޭ މަންދު ކޮލެޖު ހިންގައިގެން ލިބޭނެކަމަށް ބެލެވޭ ފައިދާއާއި، ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން 498 މިލިއަން ރުފިޔާ ވެސް ހޯދަަން އެދިފައިވެއެވެ.
މީގެ އިތުރުން ވެސް މާލެ ހައިގެ ފަރާތުން ވަނީ އެހެން ގިނަ ކަންތައްތަކެއް ވެސް ހުށަހަޅައިފައވެެ.
ނަމަވެސް އޮޑިޓް އޮފީހުގެ އެސެސްމަންޓު ރިޕޯޓުގައި ނިންމީ އެއްބަސްވުން ދެމިއޮތްނަމަ، އެއްބަސްވުމުގެ ބާކީ މުއްދަތުގެ ތެރޭގައި، އިންޓަނޭޝަނަލް ސްކޫލް ހިންގައިގެން އެ ކުންފުންޏަށް ލިބޭނެކަމަށް ލަފާކޮށްފައިވާ ފައިދާ ހިސާބުކޮށްފައިވަނީ އެއްބަސްވުން ދެމިއޮތްނަމަ، މުސްތަގްބަލުގައި ލިބޭނެ ފައިދާ ހިސާބުކުރުމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށްކަމަށް ނުދެކޭ ކަމަށެވެ. އަދި އެ ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެ، ފަދަ ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އެކަށީގެންނުވާ ޢަދަދެއްގެ މާލީ ބަދަލެއް ދިނުމަށް، މަގުފަހިވާނެކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.