މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކެއްކުމަށް ބޭނުންކުރާ ގޭހުގެ ސަޕްލްލައިއަށް ބުރޫ އަރައި އިންޑިއާގެ ރެސްޓޯރެންޓުތައް ބަންދު ކުރަން ޖެހިދާނެ ކަމުގެ ބިރު ހީވެފައިވާ ކަަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެ ގިނައިން ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) އިމްޕޯޓްކުރާ އިންޑިއާ އިން މިދިޔަ ހަފްތާ ވަނީ ގޭގޭގައި ބޭނުންކުރާނެ ގޭހުގެ ސަޕްލައި އިތުުރުކޮށްދިނުމަށް އުފައްދާ ކުންފުނިތަކުގައި އެދިފައެވެ. ނަމަވެސް ހޮޓެލްތަކާއި ރެސްޓޯރެންޓުތަކަށް އެކަށީގެންވާ ގޭހުގެ ސަޕްލައި ލިބުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
"އަޅުގަނޑުމެންގެ އަތުގައި ދެ ދުވަހުގެ އެލްޕީޖީ ސްޓޮކް އެބަހުރި. އިތުރަށް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ." އިންޑިއާގެ ދެކުނު ބެންގަލޫރާއި ޗެންނާއީ އާއި ނޮއިޑާ އާ ހަމައަށް 100 އަށް ވުރެ ގިނަ ރެސްޓޯރެންޓް ހިންގާ, މެކްސިކޯގެ ފުޑް ޗެއިން، ކެލިފޯނިއާ ބުރިޓޯގެ ވެރިޔާ ބާޓް މުއެލާ ވިދާޅުވިއެވެ.
އިންޑިއާގެ ސިލިކަން ވެލީގެ ނަމުން ނަންދެވިފައިވާ ބެންގަލޫރުގެ ދެކުނުގެ ޓެކް ހަބުގައި ހިންގާ ބައެއް ރެސްޓޯރެންޓްތަކުން ބުނީ ޑެލިވަރީތައް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، މި ހާލަތު ހައްލު ނުކުރެވިއްޖެނަމަ ރެސްޓޯރެންޓުތަކުގެ ބަދިގެތައް ބަންދު ކުރަން މަޖުބޫރުވާނެ ކަމަށެވެ.
އިންޑިއާގެ ތެލާ ބެހޭ ވުޒާރާއިން ބުނީ ރެސްޓޯރެންޓްތަކަށާއި އެހެން ސިނާއަތްތަކަށް އެލްޕީޖީ ފޯރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތައް ރިވިއު ކުރުމަށް ޕެނަލެއް އެކުލަވާލާފައިވާ ކަމަށެވެ.
"ރެސްޓޯރެންޓް އިންޑަސްޓްރީ ހިންގުމަށް ބޮޑަށް ބަރޯސާވެފައިވަނީ ގޭގޭގައި އާންމުކޮށް ބޭނުންނުކުރާ، ކޮމާޝިއަލް ގޭހަށް. ގޭސް ލިބުމަށް އެއްވެސް ވަރެއްގެ ބުރޫއެރުމެއް އައިސްފިނަމަ، ތަންތަން ބަންދުވާނެ." ބައި މިލިއަނަށް ވުރެ ގިނަ ރެސްޓޯރެންޓް ތަމްސީލުކުރާ, ނޭޝަނަލް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް އިންޑިއާ (އެންއާރުއޭއައި) އިން ބުނެފައިވެއެވެ.
އިންޑިއާގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގޭހުގެ އަގު އުފުލާފައިވާއިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގު ވެސް އަންނަނީ އުފުލެމުންނެވެ.
އިންޑިއާއަށް އެންމެ ގިނައިން ގޭސް ސަޕްލައި ކުރާ ގަތަރުން މިދިޔަ ހަފްތާ އުފެއްދުން ހުއްޓާލީ އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ގަލްފް ގައުމުތަކަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެންނެވެ.
ތެލާއި ގޭހުގެ އަގު އެހާ ބޮޑަށް އުފުލިފައި މިވަނީ, ހަނގުރާމައިގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅިން ބޯޓުތައް ދަތުރު ކުރުން ހުއްޓި، ހަކަތައިގެ އަގު އުފުލި, ދަތުރުފަތުރުގެ ހަރަދުތައް މައްޗަށް ގޮސް، ގަތަރާއި ސައުދީ އަރަބިއްޔާ ފަދަ ގަލްފުގެ އުފެއްދުންތެރިންގެ އެކްސްޕޯޓަށް އަސަރުކޮށްފައިވާތީއެވެ.