އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތައް ވަރަށް އަވަހަށް ނިންމާލާނެ ކަމަށް އެެމެރިކާގެ ރައީސް ޑޮޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ފްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް އެގޮތަށް ވިދާޅުވި ނަމަވެސް ހަމަލާތައް ނިމޭނެ ވަކި ތާރީޚެއް ވިދާޅެއްނުވެއެވެ. އަދި ފެބްރުއަރީ 28 އިން ފެށިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައަކީ ހީކުރި ވަރަށް ވުރެ މާ އަވަހަށް ކާމިޔާބުވި ކުރު ދަތުރެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ހަނގުރާމައިގައި ހާސިލް ކުރަން ބޭނުންވި ވަރަށް ގިނަ ކަންކަން ހާސިލުކުރެވިއްޖެ ކަމަށާއި ނަމަވެސް އަދި އެކަށީގެންވާ ވަރަށް ކާމިޔާބު ނުލިބޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ. ނަމަވެސް އީރާނުން އަނެއްކާވެސް ފަށައިފިނަމަ އަހަރެމެން އަނެއްކާ ކުރިއަށްވުރެ ވަރުގަދަޔަށް ހަމަލާ ދޭނަން." ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުން ހަރްމޮޒް ކަނޑުއޮޅިން ބޯޓުތައް ދަތުރުކުރުން ހުއްޓުވާނަމަ، ބޮޑު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ދެއްވިއެވެ.
ދުނިޔޭގެ ތެލުގެ ބާޒާރުގެ ގާތްގަޑަކަށް ފަސް ބައިކުޅަ އެއްބައި ދަތުރުކުރާ ހަރްމުޒް ކަނޑުއޮޅިން ބޯޓުތައް ދަތުރުކުރުން ގާތްގަޑަކަށް ހުއްޓި ސަޕްލައިއަށް ބުރޫއެރުމުގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު ވަނީ 119 ޑޮލަރަށް އުފުލިފައެވެ.
"ދުނިޔޭގެ ތެޔޮ ސަޕްލައި ހުއްޓުވަން މަސައްކަތް ކުރުމުގެ ފުރުސަތެއް ނުދޭނަން. އަދި އެކަން ކުރުމަށް އީރާނުން އެއްވެސް ކަމެއް ކޮށްފިނަމަ އެ މީހުންނަށް މާ ބޮޑަށް ގެއްލުން ލިބޭނެ." ޓްރަޕްމް ވިދާޅުވިއެވެ.
ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުން ނިންމާނީ އީރާނުން ކަމަށާއި އެމެރިކާއިން ނޫން ކަމަށް ބުނެ ރައްދު ދީފައެވެ.

އީރާނުގެ މިނާބްގައި ހުންނަ އަންހެން ކުދިންގެ އެލިމެންޓަރީ ސްކޫލަކަށް އިސްރާއީލާއި އެމެރިކާއިން ދިން ހަަމަލާއެއްގެ މަރުވި ކުދިން ވަޅުލަން ތައްޔާރުކޮށްފައި. ފޮޓޯ/އޭޕީ
އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުހައްމަދު ނައިނީ ވަނީ ޓްރަމްޕްގެ ވާހަކަތަކަކީ "ދޮގު ނޫން އެހެން އެއްޗެއް ނޫން" ކަމަށް ސިފަކުރައްވާފައެވެ. އަދި އެމެރިކާ ވަރަށް ލަދުވެތި ބަލިވުމަކުން ބަލިވުމުން ޓްރަމްޕް މަސައްކަތް ކުރައްވަނީ އެކަން ފޮރުވައި އަސްކަރީ ކާމިޔާބު ލިބުނުކަން ދެެއްކުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ހަނގުރާމަ ނިމޭނެ ގޮތް ކަނޑައަޅާނީ އަޅުގަނޑުމެން." ނައިނީ ވިދާޅުވި ކަމަށް ތަސްނީމް ނޫސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.
"އަޅުގަނޑުމެންނަށް އެނގޭ ތިޔަބޭފުޅުންގެ ވަޒަން ހުސްވާން އުޅޭކަން އަދި ހަނގުރާމައިން ނިކުތުމަށް ޝަރަފުވެރި ގޮތެއް ހޯދަމުންދާކަން. ޕާޝިއަން ގަލްފް ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ އިންފްރާސްޓްރަކްޗަރެއް ހަލާކުވެފައިވާކަން އެމެރިކާ މީހުންނަށް އެނގޭކަށް ޓްރަމްޕް ބޭނުމެއް ނޫން." ނައިނީ އިތުރަށް ވިދާޅުވިއެވެ.
އަދި ތެލާއި ގޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކަކީ "ވަގުތީ އަދި ބޭކާރު" މަސައްކަތްތަކެއް ކަމަށް ވިދާޅުވެ، އިތުރު ނޯޓިސްއެއް ނުދޭހާ ހިނދަކު ހަރްމޮޒް ކަނޑުއޮޅިން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ނައިނީ ވިދާޅުވިއެވެ.
އީސްރާއީލާއި އެމެރިކާއާއި ގުޅިގެން އީރާނަަށް ހަމަލާ ދެމުންގެންދާތާ 9 ދުވަސް ވެފައިވާއިރު، އެކަމުގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލި އިންފްލޭޝަން މަތިވަމުންދާ ކަމަށް މާހިރުން ވިދާޅުވެއެވެ.
ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިގްތިސާދީ އެހެނިހެން ސަރަހައްދުތަކަށްވެސް މިސައިލާއި ޑްރޯން ހަމަލާތައް އަމާޒުކުރަމުންނެވެ.