ލެޕްޓޮޕް ދަބަހެއްގައި ފޮރުވައިގެން ރާއްޖެއަށް ޑުރަގު އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް

ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް --- ފޮޓޯ/ އެމްއޭސީއެލް

ލެޕްޓޮޕް ދަބަހެއްގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވަތާތަކެތި އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، އެމްޑި ސޮހަބް މިއާ ކިޔާ ބަންގްލަދޭޝް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާއާ ދެކޮޅަށް އުފުލާފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ.

ކުރިން 2024 ވަނަ އަހަރުގެ ޖުލައި މަހު ކޯޓަށް ހުށަހެޅި މި މައްސަލަ ނިމުނީ މިދިޔަ ހަފުތާގައެވެ. ދޮޅު އަހަރެއްހާ ދުވަސް، ކޯޓުގައިވީ މި މައްސަލައަކީ 2024 ވަނަ އަހަރުގެ ޖޫން މަހު، އެމްޑީ ސޮހަބް މިއަ، ޔޫއެސް ބަންގްލާ ފްލައިޓަކުން ބަންގްލަދޭޝްއިން މާލެއަށް އައިއިރު، އޭނާ ގެނައި ލެޕްޓޮޕް ދަބަހެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި ގެނައި މައްސަލައެވެ.

ކަސްޓަމްސްއަށް، އެއާޕޯޓުން އޭނާގެ ލަގެޖުގައި އެއްޗެއް ހުރިކަން ޝައްކުވެގެން ބެލި ބެލުމުން މަސްތުވާތަކެތި ފެނުނު އިރު، އެމްޑި ސޮހަބް މިއާ އޭނާގެ ދިފާއުގައި ބުނީ އެއީ، މުހައްމަދު ނަސީރު ކިޔާ މީހަކު އޭނާއާ ހަވާލުކުރި ދަބަހެއް ކަމަށެވެ. އެކަމަކު އެއީ ކޮން މުހައްމަދު ނަސީރެއް ކަމެއް ވެސް ކުޑަމިނުން އޭނާއަކަށް ބުނެއެއް ނުދެވުނެވެ.

މި މައްސަލައިގައި ދައުލަތުން ކުރި ދައުވާއަށް އޭނާ އިންކާރުކުރި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުގެ އަލީގައި ގާޒީ މުޒައްމިލު ނާސިރު ނިންމީ މައްސަލަ ސާބިތުވާ ކަމަށެވެ.

މައްސަލަ ސާބިތުވުމުން ގާޒީވަނީ އެމްޑީ ސޮހަބް މިއަގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު 100،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށްފައެވެ. އެމްޑީ ސޮހަބް މިއަ އުމުރަށް ޖަލަށްލީ ނަމަވެސް، މައްސަލައާ ގުޅިގެން އޭނާ ބަންދުކޮށްފައި ހުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި ތިން މަހާއި 25 ދުވަހުގެ ހުކުމެވެ.

comment ކޮމެންޓް