މައްސަލަތައް ތަހުގީގުކުރަން ދިމާވާ އެއް ގޮންޖެހުމަކީ ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ދިނުން ލަސްކުރުން: އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ ރައީސް ރަމީލާއާއި އިތުރު މެންބަރުން -- ފޮޓޯ: އެޗްއާރްސީއެމް/އެކްސް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުމުގައި ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ދިނުން ލަސްވުމަކީ ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެޗްއާރްސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނާއި 2013 ވަނަ އަހަރުގެ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މައްސަލަތައް ތަހުގީގު ކުރުމުގައި ކޮމިޝަނަށް ތަފާތު ގޮންޖެހުންތައް ހުރިކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން މައްސަލަތައް ތަހުގީގު ކުރުމަށް ބޭނުންވާ ގާބިލް މުވައްޒަފުން ލިބުމުގައި ދަތިތަކެއް ހުރި އިރު، މުވައްޒަފުން ވަޒީފާއިން ވަކިވެގެން ދިއުމުގެ ސަބަބުން ކޭސްލޯޑް އިތުރުވެ، މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމަށް ހުރަސްތަކެއް ކުރިމަތިވާކަން ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން މަދުވުމަކީވެސް ތަހުގީގުތަކަށް ދިމާވާ އިތުރު ގޮންޖެހުމެކެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ އަވަސްމިނެއްގައި މައުލޫމާތު ނުލިބުމާއި، މައްސަލަތަކާ ގުޅުންހުރި ލިޔެކިޔުންތައް ލިބުން ލަސްވުމުގެ ސަބަބުން މައްސަލަތައް ނުނިމި ދިގުލައިގެންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ އިންސާފު ގާއިމުކުރުމަށް އެޅޭ ބޮޑު ހުރަހެއްގެ ގޮތުގައި ކޮމިޝަނުން ދެކެއެވެ.

https://sun.mv/218928

ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ފާހަގަވާ ނިޒާމީ މައްސަލަތަކާއި އެހެނިހެން ކަންބޮޑުވުންތައް ކަމާގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަންކަން އިސްލާހުކުރުމަށް ދޭ މުއްދަތުގައި ފުރިހަމަވެފައި ނުވާކަން އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ. މީގެ ސަބަބުން އެފަދަ މައްސަލަތައް ތަކުރާރުވަމުންދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އަދި ބައެއް ހާލަތްތަކުގައި އިދާރާތަކަށް އެކަށީގެންވާ ބަޖެޓު ނުލިބުމަކީ ކޮމިޝަނުން ދޭ ހުށަހެޅުންތަކާއި އިލްތިމާސްތައް ތަންފީޒުކުރުމަށް އެ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެހެންމެ، އެޗްއާރްސީއެމްގެ މުވައްޒަފުން ތަމްރީނުކުރުމަށާއި އަހަރީ މަސައްކަތު ތާވަލުގައިވާ ކަންކަން ތަންފީޒުކުރުމަށް އެކަށީގެންވާ ބަޖެޓު ނުލިބުމަކީ ވެސް ކޮމިޝަނުގެ މަސައްކަތްތަކަށް ކުރިމަތިވާ ހުރަހެއް ކަމަށް ވަނީ ބުނެފައެވެ.

ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކުގެ ތެރެއިން އެޗްއާރްސީއެމްއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި، ކަށަވަރުކުރާ އިދާރާއެކެވެ. ނަމަވެސް އެ އިދާރާއަށް ހުށަހަޅާ މައްސަލަތައް ބެލުމުގައި ލަސްވުމާއި، ޖަވާބު ނުލިބުމާއި، ދިގުލައިގެން ދިއުމުގެ ކަންބޮޑުވުން އާންމުންނާއި، ސިޔާސީ ފަރާތްތަކުން ވެސް ފާޅުކުރެއެވެ.

comment ކޮމެންޓް