ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި, މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ މިހާރު ކުރަން ލަސްވެސް ވެއްޖެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހު ރައީސް ތަސްދީގުކުރައްވާނީ، އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އެ ގޮތަށް ނިންމައިފިނަމައެވެ.
އެގޮތުން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު އެ ވޯޓު ނަގާނެއެވެ.
ދެ އިންތިޚާބު އެއްކުރަން ޕީއެންސީންނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑަށް ދައްކަވާ ސަބަބަކީ ދައުލަތުގެ ޚަރަދު ކުޑަކުރުމެވެ. އަދި އެންމެ ގިނައިން ވޯޓުލާން މީހުން ނިކުންނަ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާ، މަޖިލިސް އިންތިޚާބު އެއްކުރުމުން ގިނަ ބަޔަކު ވޯޓުލައި ޑިމޮކްރަސީ ހަރުދަނާވާނެ ކަމަށް ވެސް ރައީސް ވިދާޅުވެއެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.
މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެ، ގާސިމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ 2008 ގެ ރިޔާސީ އިންތިޚާބަށް ފަހު ވެރިކަމަށް އައި ކޮންމެ ސަރުކާރަކުން ވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރުމަކީ ހަގީގަތެއް ކަމަށެވެ. އެގޮތުން 2019 އަދި 2023 ގެ މަޖިލިސް އިންތިޚާބުގައި މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ގޮނޑި ވެރިކަން ހިންގާ ޕާޓީއަށް ރައްޔިތުން ދީފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ.
މިހާރު އޮތް ގޮތުން ރައްޔިތުން ފަސް އަހަރުގެ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ކުރާ ބޭފުޅަކަށް ޖެހެނީ މަޖިލީހުގެ މެޖޯރިޓީ ހޯދަން ވެރިކަމުގެ ފުރަތަމަ ހަމަސްދުވަސް އެކަމުގައި ހޭދަކުރަން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަޖިލީހުގައި އޮތް މެޖޯރިޓީ ބޭނުންކޮށް، އަލަށް އެކުލަވާލާ ސަރުކާރަށް ޖެއްސުންކޮށް، އެ ސަރުކާރުގެ ފުރަތަމަ ބަޖެޓު ހާވިޔާކޮށް، ރައީސަކަށް ހޮވޭ ފަރާތެއްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަންވެސް ބައެއްފަހަރު ފާއިތުވި މަޖިލީސްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެހެންކަމުން ގައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި ވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މަޖިލީހުން ގެންނެވި މި އިސްލާހު ރައީސް ތަސްދީގުކުރައްވާނީ، ރައްޔިތުން މިކަމަށް އާބަސް ބުނުމުން ކަމަށް ވާތީ، އަޅުގަނޑު އެދެނީ އަންނަ އޭޕްރީލް މަހުގެ ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއެކު އޮންނަ ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް،
ގާސިމް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ވޯޓު އޮންނަ ދުވަހު، މަޖިލިސް އިންތިޚާބު ބޭއްވުމުން ފައިދާ ބޮޑީ ހުރިހާ ގޮތަކުން ވެސް ރައްޔިތުންނަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތްކުރެވި، އެ ފައިސާ ރައްޔިތުންގެ އެހެން ބޭނުންތަކަށް ބޭނުންކުރުމަށް ފުރުސަތު ލިބިގެން ދާނެކަން ގާސިމް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން ސިޔާސީ ނިޒާމުގައި މިހާތަނަށް އުފެދިފައިވާ ހަމަނުޖެހުންތަކާއި، އިންތިޚާބާއި ގުޅުން ހުންނަ ކަމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް މިކަމުގެ ސަބަބުން ކުޑަވެގެން ދާނެކަމީ ޝައްކެތް އޮތް ކަމެއް ވެސް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނަމަ، ރައްޔިތުން އެކަމަށް ހޭލުންތެރިވެ، ގޮތް ނިންމުމަށް އެކަށީގެންވާ ވަގުތު ވެސް އެންމެ ކުޑަމިނުން ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.