އަންނާރުން ލިބިދޭ ސިއްހީ ފައިދާތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ

އަންނާރު: ފައިދާތަކުން މުއްސަނދި މޭވާއެއް--ފޮޓޯ/ގޫގްލް

އަންނާރަކީ ބާޒާރުން ލިބެން ހުންނަ މޭވާއަކަށްވީ ނަމަވެސް މިއީ ގިނަ ބަޔަކު އަގުބޮޑު މޭވާއެއްގެ ގޮތުގައި ސިފަކުރާ މޭވާއެކެވެ.

އެހެންވެ އަންނާރުން ލިބޭ ފައިދާތައް ކިތަންމެ ގިނަނަމަވެސް ކޮންމެ ކޮންމެ ދުވަހަކު ކެއުމުގައި އަންނާރު ހިމެނުމަކީ ގިނަ ބަޔަކަށް ފަސޭހަ ކަމެއް ނޫނެވެ.

އަންނާރަކީ ކެލޮރީ އަދި ފެޓް މަދު، ނަމަވެސް ފައިބަރާއި، ވިޓަމިންސް އަދި މިނަރަލްސްއިން މުއްސަނދި މޭވާއެކެވެ. މީގެ ފައިދާތަކުގެ ތެރޭގައި އެންޓިއޮކްސިޑެންޓްސް ލިބުމާއި، ހިތުގެ ދުޅަހެޔޮކަމާއި، ކުޑަކަމުދާ ނިޒާމުގެ ސިއްހަތާއި، ހަށިގަނޑުގެ ވަރުގަދަކަން އިތުރުވުން ފަދަ ކަންކަން ހިމެނެއެވެ.

އަންނާރު ޖޫހަކީ ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު ބުއިމެއް--ފޮޓޯ/ގޫގްލް

އަންނާރު އެންމެ މަޝްހޫރުވެފައި ވަނީ އޭގެ ގަދަ ރަތްކުލައިގެ ޖޫހުގެ ސަބަބުން ކަމުގައި ވިޔަސް، މި މޭވާއިން މިއަށްވުރެ މާ ގިނަ ފައިދާތަކެއް ލިބިދޭ ކަމަށް އެޓްލާންޓާއަށް ނިސްބަތްވާ ލައިފްސްޓައިލް ޑައިޓީޝަން އަދި ރެޖިސްޓަޑް ޑައިޓީޝަނެއްގެ އިތުރުން ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖެރިލީން ޖޯންސް ވަނީ ވިދާޅުވެފައެވެ.

އަންނާރަކީ ކެލޮރީ އާއި ފެޓް މަދު، އެކަމަކު ފައިބާ އާއި ވިޓަމިންސް އަދި މިނަރަލް ގިނަ މޭވާއެކެވެ. އާދައިގެ އަންނާރެއްގެ އޮށްތަކުގައި ހިމެނޭ ސިއްހީ މާއްދާތަކުގެތެރޭ، ޕްރޮޓީން، ފެޓް، ކާބޯހައިޑްރޭޓްސް، ފައިބަ، ވިޓަމިން ސީ، ފޯލޭޓް، މެގްނީޒިއަމް، ފޮސްފަރަސް އަދި ޕޮޓޭސިއަމް ހިމެނެއެވެ.

އަންނާރު ޖޫހުން ފައިބާ އާއި ވިޓަމިން ސީ ލިބޭ މިންވަރު މަދުއިރު މުޅި މޭވާ އެއްކޮށް ކެއުމުން ހަށިގަނޑަށް ބޭނުންވާ ފައިބާގެ އިތުރުން މުހިންމު ވިޓަމިންތައް ފުރިހަމައަށް ލިބިދޭ ކަމަށް ވެސް ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖެރިލީން ޖޯންސް ވަނީ ވިދާޅުވެފައެވެ.

އަންނާރަކީ އޭގައި ހިމެނޭ ސިއްހީ ފައިދާތަކުގެ ސަބަބުން ގިނަ ބަލިތަކުން ރައްކާތެރިކަން ހޯދުމަށް އެހީތެރިވެދޭ މޭވާއެއް--ފޮޓޯ/ޕިންޓްރެސްޓް

މި މޭވާއިން ހަށިގަނޑަށް ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެތެރޭ، މީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ހޯދައިދެއެވެ.

މީގެއިތުރުން އަންނާރު ކެއުމުން އޭގައި ހިމެނޭ "ޕިއުނިކަލަޖިންސް" (punicalagins) ފަދަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދުޅަވުން ކުޑަކޮށްދެއެވެ.

ޑައިޓީޝަން ޖެރިލީން ޖޯންސް ވިދާޅުވެފައިވާ ގޮތުގައި އަންނާރު ޖޫހަކީ މޭގައި ރިއްސުން ކުޑަކޮށްދީ، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ބުއިމެކެވެ. އަދި މިއީ ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައިދޭ މޭވާއެކެވެ.

ހަމައެއާއެކު ކުޑަކަމުދާ ނިޒާމުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، ގެއްލުން ދެނިވި ޖަރާސީމުތަކާ ދެކޮޅަށް މި މޭވާގައި ހިމެނޭ ސިއްހީ މާއްދާތައް މަސައްކަތްކުރެއެވެ.

ޑައިޓީޝަން ޖެރިލީން ޖޯންސް ވިދާޅުވެފައިވާ ގޮތުގައި ކޮންމެ ދުވަހަކު އަންނާރު ކެއުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަމުގެ މައްސަލަތައް (ރޫޖެހުން ފަދަ) ކުޑަކޮށްދޭ ކަމެކެވެ. އަދި ހަނދާން ގަދަކުރުމަށްވެސް އެހީވެދޭ މޭވާއެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުން އަންނާރުގައި ހަކުރު ގިނަކަމުން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ޖެރިލީން ޖޯންސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މި މޭވާގައި ޕޮޓޭސިއަމް ގިނަވުމުގެ ސަބަބުން، ކިޑްނީގެ ބަލި ހުންނަ މީހުން އަންނާރު ބޭނުންކުރުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް ޖެރިލީން ޖޯންސް ބަޔާންކޮށްފައިވެއެވެ.

މިއީ އަގުބޮޑު ތަދު މޭވާއަކަށްވީ ނަމަވެސް އަންނާރަކީ ނުކައި ދޫކޮށްލެވޭ ވަރަށްވުރެ އޭގައި ހިމެނޭ ފައިދާތައް މާގިނަ މޭވާއެކެވެ.

comment ކޮމެންޓް