ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހު ތަސްދީގުކުރުމާމެދު ނަގާ ފެންނަނުފެންނަ ވޯޓު ހުއްޓުވަން ސުޕްރީމް ކޯޓަށް ދިއުމަށް އަދިވެސް ވަގުތު އެބައޮތް ކަަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
ފެންނަނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ގޮވައިލައި، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދީދީ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރަން ފާސްކުރި ނިންމުމަކީ އެއްވެސް ގޮތަކުން ގާނޫނީ ގޮތުން ސައްހަ ނޫން ނިންމުމެއް ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި މި އިސްލާހު ހުށަހަޅައި ދައުރުން ބޭރު ޖަލްސާ ބޭއްވުމަކީ އިޖުރާއީ ގޮތުން ލެޖިޓެމެސީ، ނުވަތަ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އިސްލާހު ހުށަހަޅާ ސަބަބު ބިލުގައި ބަޔާންކޮށްފައި ނެތްކަމަށާއި އެ ކަން ހާމަކުރަނީ ކޮންމެވެސް ސިޔާސީ ބޭފުޅަކު ދައްކަވާ ވާހަކައަކުން ނުވަތަ ރައީސުލުޖުމްހޫރިއްޔާގެ ކޮންމެވެސް ވާހަކަފުޅަކުން ކަމަށް ދީދީ ވިދާޅުވިއެވެ. އެ ކަމުން ދޭހަވަނީ އެއީ އަމިއްލަ އެދުމެއް އޮވެގެން ހުށަަހެޅި އިސްލާހެއްކަންކަމަށް ދީދީ ވިދާޅުވިއެވެ.
"... ރައީސުލްޖުމްހޫރިއްޔާގެ ކޮންމެވެސް ޚިޠާބެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ތަގުރީރެއްގައި، އަޅުގަނޑު ކަނޑައަޅައިފައި އޮތީއޭ، އަޅުގަނޑު ހުށަހަޅަން ނިންމި އެއްޗެކޭ. އެހެންވީމާ އެއިން ވެސް ދޭހަވެގެންދޭ އެއީ ޝަޚްސީ މައްސަލައެއްކަން،" ދީދީ ވިދާޅުވިއެވެ.
ހަމައެއާއެކު ގާނޫނު އަސާސީ އިސްލާހުކުރުމުގެ ކުރިން، ފުރިހަމަކުރަންޖެހޭ ވަރަށް ޚާއްސަ މަރުހަލާތަކެއް ހުންނަ ކަމަށާއި، އެ ފަދަ އެއްވެސް ކަމަކަށް ވެސް އެކަށީގެންވާ ވަގުތު ނުދީ މަޖިލީހުން އިސްލާހު ފާސްކުރި ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
"..އާދައިގެ ގާނޫނަކަށްވުރެ، އާދައިގެ ގާނޫނުތައް މި ފާސްކުރާވަރަށްވުރެ މާ އަވަސް މިނެއްގައި ފާސްކުރެވިގެން ދިޔައީމާ އެއީވެސް އޭގެ ލެޖިޓެމެސީ ގެއްލިގެންދާ ކަމެއް،" ދީދީ ވިދާޅުވިއެވެ.
މީގެ އިތުރުން ރިފަރެންޑަމަށް ރައީސް ހުށަހަޅުއްވައިފައިވާ ސުވާލަކީ ވެސް ގާނޫނާ ޚިލާފު ނުވަތަ ޣައިރު ދުސްތޫރީ ސުވާލެއްކަމަށް ދީދީ ވިދާޅުވިއެވެ. އެ ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ އިސްލާހު ތަސްދީގުކުރައްވަން ފެނޭތޯ ނުވަތަ ނޫންތޯ ކުރަންޖެހޭ ސުވާލެއް ނޫން ކަމަށާއި، ސުވާލަކަށް ވާންވާނީ ގާނޫނު އަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާ މެދު ރައްޔިތުން ރުހޭތޯ ނުވަތަ ނޫންތޯކަމަށް ދީދީ ވިދާޅުވިއެވެ.
"އެއްވެސް ހާލެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން. އެހެންވީމާ އެއީ ޣައިރު ދުސްތޫރީ ސުވާލެއް އެއޮތީ ކޮށްފައި،" ސުވާލު ބަދަލުކުރުމަށް ފުރުސަތު އޮތްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ފަދަ އިސްލާހެއް ގެންނަންވާނީ ރައްޔިތުން އެކަމަށް ބޭނުންވެގެން ކަމަށާއި، ވަކި މީހަކު ނުވަތަ ފަސް އަހަރަށް ހޮވައިފައި އޮންނަ މަޖިލީހަކުން ބޭނުންވުމުން މިފަދަ އިސްލާހެއް ގެނެވިގެން ނުވާނެ ކަމަށެވެ. ސަބަބަކީ ފަސް އަހަރަށް ހޮވައިފައި ތިބި މެންބަރުންނަކީ މުޅި ގައުމު ތަމްސީލްކުރާ ބައެއް ނޫންކަމަށާއި އެއީ މި ވަގުތަށް ތިބި ބައެއް އެކަނި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޚާއްސަ މަޖިލީހެއް އެކުލަވައިލައިގެން ނޫނީ އެ ފަދަ އަސާސީ ބަދަލެއް ގާނޫނުއަސާސީއަށް ގެނެވިގެންނުވާނެ ކަމަށް ދެކެވަޑައިގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
"އަދިވެސް އެބައޮތް ވަގުތު ސުޕްރީމް ކޯޓަށް މި މައްސަލަ ވަދައިގެން މި ރިމޫވްކުރުވުމުގެ ވެސް. ސަބަބަކީ މިއީ އަންކޮންސްޓިޓިއުޝަނަލް އިސްލާހެއް ފުރަތަމަ މި އިސްލާހަކީ. އޭގެ އިތުރުން މި ރިފަރެންޑަމްގެ ގަރާރަކީ ވެސް އަންކޮންސްޓިޓިއުޝަނަލް ރެފަރަންޑަމެއް،" ދީދީ ވިދާޅުވިއެވެ.