ނުފުރުނު 164 އުމްރާވެރިންނަށް ހައްޖު ކޯޕަރޭޝަނުން ފްލައިޓެއް ޗާޓަރުކޮށް، މިރޭ ފުރުވާލަނީ

އުމްރާއަށް ފުރާ މީހުންގެ ފޮށިތަކެއް: އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިންނަށް މިރޭ އުމްރާއަށް ފުރޭ ގޮތަށް އިންތިޒާމު ވަނީ ހަމަޖައްސައިފައި -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ޢުމްރާއަށް ފުރަން އުޅެނިކޮށް، އެކި ސަބަބުތައް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ފުރުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝަހީމް ވިދާޅުވި ގޮތުގައި، އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް އުޅުނު ބައެއް މީހުންނާއި، ޓްރާންސިޓްކޮޮށް ފުރަން އުޅުނު ބައެއް މީހުންގެ ފުލައިޓު ކެންސަލްވުމުގެ ސަބަބުން، ނުފުރި ތިބި މީހުންގެ ތެރެއިން އުމްރާއަށް ފުރަން ބޭނުންވެފައި 150 މީހަކު ތިބި ކަމަށެވެ.

އެ މީހުންނާ ގުޅޭ ގޮތުން، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެ އަދަދު މިހާރު 164އަށް އަރާ ކަމަށެވެ. އަދި އެ މީހުން މިރޭ އުމްރާއަށް ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ މީހުން ގެންދިޔުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް މައްކާގައި ތިބެވޭނެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވި ކަމަށް ވިދާޅުވެ ޝަހީމް ވަނީ އެ މަނިކުފާނަށް ޝުކުރު ދަންނަވައިފައެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ، އުމްރާ ދަތުރު ހަމަޖައްސާ ގުރޫޕެއް ކަމަށްވާ އަލް-އަބްރާރު ކުންފުނީގެ ދަށުން ފުރުމަށް ޢުމްރާވެރިން ތައްޔާރުވަމުން ދަނިކޮށް، ދަތުރު ކެންސަލްކުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ އެ މިނިސްޓްރީއާއި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އެ ކުންފުނިން ފައިސާ ނެގުމަށް ފަހު އުމްރާއަށް ނުގެންދިޔުމުން އަޅުކަމަށް ނުދެވުނު 28 މީހަކަށް ސަޢޫދީ ޢަރަބިއްޔާއަށް ދެވޭނެ އިންތިޒާމު ޙައްޖު ކޯޕަރޭޝަނުން މިދިޔަ ބުދަ ދުވަހު ހަމަޖައްސައިދިނެވެ.

comment ކޮމެންޓް