ސަރުކާރުން ކޮންމެ މަހަކު ހައިކޮމިޝަންތަކަށާއި އެމްބަސީތަކަށް 54 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، އެ ކުރާ ޚަރަދާ ގާތަށް ވެސް އެމްބަސީތަކުން މަސައްކަތްނުކުރާ ކަމަށް ވިދާޅުވެ، އެމްބަސީތަކުން ނެރޭ ނަތީޖާއާ މެދު އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) މިއަދު ސުވާލު އުފައްދަވައިފިއެވެ.
މޯލްޓާއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް އާމިނަތު ޝަބީނާ ހަމަޖެއްސުމަށް މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި ފޮނުއްވި ރިޕޯޓަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީީ، މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވައިގެން ޚަރަދު ކުޑަކުރާ ވާހަކަ ސަރުކާރުން ދައްކާއިރު، ސަރުކާރުން މަހަކު 54 މިލިއަން ރުފިޔާ އެމްބަސީތަކަށް ޚަރަދުކުރާ ކަމަށެވެ.
ގައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރަނީ ގާބިލު ބޭފުޅުން ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން ކުރާ ޚަރަދާ އެއްވަރުގެ ނަތީޖާއެއް އެމްބަސީތަކުން ނެރޭތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ.
ދެހާސް ފަންސަވީސްވަނަ އަހަރު އަޅުގަނޑުމެން ބަޖެޓުގައި ޖެހީ ބޭރުން ދެ ބިލިއަން ލިބޭނެ ކަމަށް އާމްދަނީގެ ގޮތުގައި، އަޅުގަނޑުމެންނަށް އަހަރު ނިމުނުއިރު ލިބުނީ 50 މިލިއަން، މި އެމްބަސީތަކުގަ ތިބޭ ބޭފުޅުން ހަގީގަތުގައިވެސް މަސައްކަތެއް ނުކުރޭ އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މިކުރާ ޚަރަދާ ގާތަށްވެސް މަސައްކަތެއް ނުކުރޭ
ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ)
ޒިޔާދު ވިދާޅުވީ، 20ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ގިނައިން ކުރި މަސައްކަތަކީ ސަފީރުން އައްޔަންކުރުން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި އެމްބަސީތަކަށް ކުރާ ޚަރަދު ކުޑަކުރަން ޖެހެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އަށް ފޮރިން މިނިސްޓްރީން މިދިޔަ މަހު ދިން ޖަވާބުގައި ވަނީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް ބަލާއިރު، އެމްބަސީތަކަށް ކުރާ ޚަރަދު މަހަކަށް 54 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން، އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ މުވައްޒަފުންގެ އަސާސީ މުސާރައަށް އެކަނި 2.35 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ.
އަސާސީ މުސާރަ އެންމެ ބޮޑީ ހަތަރު ސަފީރެއްގެއެވެ. އެއީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު އަދި ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފަށެވެ. އެ ބޭފުޅުންގެ އަސާސީ މުސާރައަކީ 42،500 ރުފިޔާއެވެ.
އެހެން ސަފީރުންނާއި ހައިކޮމިޝަނަރުގެ މުސާރަ އާންމު ގޮތެއްގައި ހުރީ 29،500 ރުފިޔާގައި ކަމަށްވާއިރު، ޑެޕިއުޓީންނާއި ސްޕެޝަލް ކޮންސުލްގެ މަގާމުތަކަށް އަސާސީ މުސާރައަކީ 18،000 ރުފިޔާއެވެ.
ފޮރިން މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުގައިވާ ގޮތުން، އެމްބަސީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 82އަށް އަރާއިރު، އެ މުވައްޒަފުންގެ އަސާސީ މުސާރައަށް މަހަކު 1.85 މިލިއަން ރުފިޔާ ޚަރަދު ކުރެއެވެ.
ރާއްޖޭން ބޭރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، މަގާމާއި އެ ގައުމެއްގެ ދިރިއުޅުމުގެ ޚަރަދަށް ބަލައި، އިނާޔަތްތައް ދެއެވެ. އޭގެ ތެރޭގައި ލިވިން އެލަވަންސްއާއި އާއިލީ އެލަވަންސް ހިމެނެއެވެ. އެގޮތުން އާއިލީ އެލަވަންސް ދެނީ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއާއި ގިނަ ވެގެން ދެ ދަރިންނަށެވެ. މީގެ އިތުރުން، އެ މުވައްޒަފެއްގެ ދަރިންގެ ތައުލީމަށް ވެސް އިނާޔަތްތައް ކަނޑައަޅައިފައިވެއެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުން އިނާޔަތްތައް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަޕާނާއި ސްވިޒަލޭންޑް ހިމެނެއެވެ. އެގޮތުން ޖަޕާނުގެ ސަފީރާއި ސްވިޒަލޭންޑްގެ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއަށް ލިވިން އެލަވަންސްގެ ގޮތުގައި މަހަކަށް 52،000އަށް ވުރެ ގިނަ ރުފިޔާ ލިބެއެވެ.