ހޮރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަން: ހަނގުރާމައިގެ ބިރަށް ތެޔޮ އުފުލުން މެދުކަނޑާލައިފި

--

މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، އީރާނާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފެށުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތައް ބޮޑެތި ޝިޕިން ކުންފުނިތަކުން މިއަދު މެދުކަނޑާލައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަކާއި، އޭގެ ރައްދުގައި އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ބޮޑު ހުރަހެއް އެޅި، ތެލުގެ އަގު އުފުލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

ރޮއިޓާސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑެތި ތެޔޮ ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރެއިން ހަތަރު ކުންފުންޏަކުން ވަނީ އެ ކުންފުނިތަކުގެ ޓޭންކަރުތައް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

"އަޅުގަނޑުމެންގެ ބޯޓުތައް ކުރިއަށް އޮތް ދުވަސްތަކުގައި ދަތުރުނުކޮށް މަޑުކޮށްގެން ތިބޭނެ" ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ވިޔަފާރިވެރިޔަކު ވިދާޅުވިއެވެ.

ހަކަތައިގެ ވިޔަފާރި ދިރާސާކުރާ ބޭފުޅުން ހާމަކުރި ގޮތުގައި، ގޭސް އުފުލާ 11 ޓޭންކަރެއް މިހާރު ވަނީ މިސްރާބު ބަދަލުކޮށް ނުވަތަ ކަނޑުއޮޅިއާ ކައިރި ހިސާބުތަކުގައި މަޑުކޮށްފައެވެ.

ބައިނަލްއަގުވާމީ ނޫސްތައް ބުނާގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ގަލްފު ސަރަހައްދާއި، އޮމާން ކަނޑު އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އާންމު ވިޔަފާރި ބޯޓުތަކުގެ ސަލާމަތްތެރިކަން ކަށަވަރު ނުކޮށްދެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި ހުރަސްކޮށެވެ. މި މަގު ބަންދުވެއްޖެނަމަ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.

މި ހަމަނުޖެހުންތައް ފެށުނީ އީރާނާއި އެމެރިކާގެ ދެބަސްވުންތަކަށް ސިޔާސީ ހައްލެއް ނުލިބި، މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާއިން ވަނީ އީރާނުގެ ލީޑަޝިޕްގެ ބޭފުޅުންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ.

މި ހާލަތާ ގުޅިގެން ގަތަރުން ދުނިޔޭގެ ބާޒާރަށް ނެރޭ ގޭހުގެ ސަޕްލައިއަށްވެސް ބުރޫއަރާނެ ކަމަށް ވަނީ ބެލެވިފައެވެ. ރާބޯބޭންކްގެ ހަކަތައާބެހޭ ތަޖުރިބާކާރެއް ކަމަށްވާ ފްލޮރެންސް ޝްމިޓް ވިދާޅުވީ، ގަތަރުގެ ގޭސް އެކްސްޕޯޓަށް ހުރަސްއެޅިއްޖެނަމަ، އޭގެ އަސަރު އޭޝިއާއާއި ޔޫރަޕްގެ މާކެޓްތަކަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

މިވަގުތު ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުވެފައި ނުވި ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ ބޯޓުތަކުން ދަނީ އެ ސަރަހައްދަށް ވަނުމަށް ފަސްޖެހެމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ހަމަލާތައް އިތުރަށް ވަރުގަދަވެއްޖެނަމަ، މި މުހިންމު ވިޔަފާރި މަގު އެއްކޮށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ.

comment ކޮމެންޓް