އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތަކާއެކު އިސްރާއީލުގެ ސްކޫލުތައް ބަންދު

އީރާނުން ރައްދުގައި ޔަހޫދީ އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އިސްރާއީލު ސަރުކާރުން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މި ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައި، މިއަދުން ފެށިގެން އިސްރާއީލުގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ. މީގެ އިތުރުން، އާންމު ތަންތަނަށް މީހުން އެއްވެ އުޅުން މަނާކޮށް، ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ނެރުނު އާ އިރުޝާދުތަކުގައިވާ ގޮތުން، މުޅި އެ ގައުމު މިވަގުތު އޮތީ "ރެޑް އެލާޓް" ގެ ހާލަތުގައެވެ. މި އެލާޓާއެކު، ހަމަލާގެ އިންޒާރު ލިބޭތާ 15 އާއި 30 މިނެޓާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި ރައްކާތެރި ތަންތަނަށް ވަނުމަށް އާންމުންނަށް ވަނީ އަންގާފައެވެ.

ނަތަންޔާހޫ ޓްރަމްޕްއާއެކު---

ޚަބަރުތައް ބުނާގޮތުން އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ކަމަށްވާ "އަޔަން ޑޯމް" އަދި "އެރޯ" ސިސްޓަމްތައް ވަނީ އެންމެ މަތީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އަދި ޒަރޫރީ ޚިދުމަތްތައް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް ހުއްޓާލުމަށް އަންގައި، ބައެއް ސަރަހައްދުތަކުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި ހަމަލާތަކަކީ މިއަދު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގެ ރައްދުގައި އީރާނުން ދިން ހަމަލާތަކެކެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުމުން ދިން "ވަރުގަދަ ރައްދެއް" ކަމަށެވެ. މިކަމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް