ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލަށް ހޮވުމަކީ ރައްޔިތުންނަށް އޮތް މުހިންމު މަސްއޫލިއްޔަތެއް: ޝަހީމް

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ރައީސް މުއިއްޒު: ޝަހީމް ވަނީ ޕީއެންސީގެ ކެނޑިޑޭޓުން ކައުންސިލަށް ވެއްދުމަކީ ރައްޔިތުންނަށް އޮތް މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފަ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ރައްޔިތުންނަށް އޮތް މުހިންމު މަސްއޫލިއްޔަތެއް ކަމުގައި އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ، ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލޭ ކެމްޕެއިން އޮފީސް އިފުތިތާޙްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ތިނަދޫ ސިޓީއަށް ވަރަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމަށެވެ. އެހެންކަމުން ތިނަދޫ ސިޓީގައި މިހާރު ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކަމާއެކު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝަހީމް ވިދާޅުވީ، ތިނަދޫ ސިޓީއަށް ކުރިމަތިލާފައިވަނީ ޕީއެންސީގެ ވަރަށް ގާބިލް ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން އެ ކެންޑިޑޭޓުން ތިނަދޫ ސިޓީގެ ކައުންސިލަށް ވެއްދުމަކީ އެ ސިޓީގެ ރައްޔިތުންނަށް އޮތް ވަރަށްވެސް މުހިންމު މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން އެކު އެކީގައި ގަދަ އަޅައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރުން. ވަގުތު ހޯއްދަވައިގެން އެކުވެރިކަމާ އެކުގައި މަސައްކަތް ކުރައްވަން. މިގޮތަށް މަސައްކަތް ކުރައްވައިފި ކަމުގައި ވާނަމަ މި އިންތިޚާބަ ވަރަށް ފުރިހަމަ ކަމާ އެކުގައި ކާމިޔާބު ވެގެންދާނެ. މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސައީދު

ޝަހީމް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަށް ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަކީ ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ޕީއެންސީގެ ކެނޑިޑޭޓުންނަކީ ތަހުޒީބު، ގާބިލް އަދި ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ވުމުން ކަމަށެވެ.

ޝަހީމް ވަނީ މި ވަގުތަކީ ރައްޔިތުންގެ އަޚުވަންތަކަން އިތުރަށް ބަދަހިކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް، ސިޔާސީ ގޮތުން އިދިކޮޅުގައި ތިބި މީހުން ވެސް ޕީއެންސީއާ ގުޅުމަށް ގޮވާލައްވައިފައެވެ.

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ، 69 ގޮނޑި ކާމިޔާބުކޮށްފައެވެ.

https://sun.mv/218011

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު މީގެ ކުރިން ވަނީ، ކައުންސިލާއި ޑަބްލިޔުޑީސީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި އެ ޕާޓީއަށް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެ އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް 678 އިންތިޚާބުކުރަންޖެހެއެވެ. އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 1,356 މެންބަރުން އިންތިޚާބުކުރާނެއެވެ.

comment ކޮމެންޓް