މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުއައްޒަފުންނަށް އޯވާޓައިމްގެ ފައިސާ ދޭ އުސޫލު މި ރޯދަމަހަށް ހަރުކަށި ކުރުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު، މީގެކުރިން އެ ފައިސާ ދިން އުސޫލަށް އަމަލުކުރަން އަލުން ނިންމައިފިއެވެ.
ރޯދަމަހާ ދިމާކޮށް އެ ކުންފުނިން ނެރުނު ސާކިއުލާއެއްގައި ވަނީ، ޑިއުޓީ އުސޫލުން މަސައްކަތްކުރާ މުވައްޒަފުންގެ ގަޑި ކަނޑއަޅާނީ އެ މުވައްޒަފެއް މަސައްކަތްކުރާ ޑިޕާޓްމަންޓަކުން ކަމަށެވެ. އަދި ރަސްމީ ވަގުތުގެ ބޭރުން ކުރާ މަސައްކަތްތަކަށް 48 ގަޑިއިރު ނުވާ ނަމަ، އިތުރުގަޑީގެ ފައިސާ މުވައްޒަފުންނަށް ނުލިބޭނެ ކަމަށެވެ.
'ސަން'އަށް މައުލޫމާތު ދެމުން އެމްއޭސީއެލްގެ ސްޓާފަކު ބުނީ، މިއަދު އެ ކުންފުނިން އައު ސާކިއުލާއެއް ފޮނުވާފައި ވާކަމަށެވެ. މިހާރުގެ ސާކިއުލާގައިވަނީ، ފަސް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުމުން އޯޓީ ދޭނެ ކަމަށެވެ.
މީގެ އިތުރުން، ޝިފްޓް ޑިއުޓީ ނޫން މަގާމުތަކުގައި އުޅޭ މުވައްޒަފުންނަށް ރޯދަމަހުގެ ފަހު 10ގެ ދުވަސްތައް ބަންދުވާނޭ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
މި ރަމަޟާން މަހު ސަރުކާރު ހުޅުވާފައި ހުންނާނީ ހެނދުނު ނުވަޔަކުން ފެށިގެން މެންދުރު އެކެއް ޖެހުމާ ހަމައަށެވެ. ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނުވަތަ ހަ ރޯދައިގެ ދުވަސްތަކުގައި ވެސް ސަރުކާރު އޮފީސްތައް ހުޅުވާނީ އެ ގަޑީގައި ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.