އުވާލާފައިވާ ޑީއާރުޕީގެ ދަރަނި އެންމެ ފަހުން ކާނަލް ނަޝީދަށް!

މުހައްމަދު ނަޝީދު (ކާނަލް) ސަން އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު އުވާލާފައިވާ، ދިވެހި ރައްޔިތުންގެ ޕާޓީ- ޑީއާރުޕީގެ ދަރަންޏަށް، އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު – ކާނަލް ނަޝީދު ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އާމިރަށް ޑީއާރުޕީން ދައްކަންޖެހޭ ހަތަރު މިލިއަން ރުފިޔާގެ ދަރަނި އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު ދައްކަން ޖެހޭނެ ކަމަށް ހުކުމް ކުރީ ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލް ގަފޫރުއެވެ.

އަޒްފާގެ ހުކުމަކުން، ކާނަލް ނަޝީދުގެ މައްޗަށް ޒިންމާކުރުވި ފައިސާއަކީ، ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އާމިރު ހިންގި ވީޑިއޯ ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކުގެ އަގެވެ. އޭރު ނަޝީދަކީ ޑީއާރުޕީގެ ލީޑަރެއް ނޫނެވެ.

ޑީއާރުޕީން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އޮތްނަމަވެސް، ހައިކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނި ކުރުމަށްފަހު، ހިދުމަތުގެ އަގު އެކަނި ނަގައިދޭށެވެ. އެ ހުކުމް ސުޕްރީމް ކޯޓާ ހިސާބަށްވެސް ދިޔައެވެ. އެކަމަކު އެ މައްސަލަ ޝަރުއީ މަރުހަލާގައި އޮއްވާ، ޑީއާރުޕީވަނީ އުވާލާފައެވެ. އެއީ ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީއެވެ.

އެ ޕާޓީ އުވާލިއިރު ގިނަ އަދަދެއްގެ ދަރަނި އޮތްއިރު، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ އެ ދަރަންޏަށް ޒިންމާވާން ޖެހޭނީ ޕާޓީ އުވާލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. ޑީއާރްޕީ އުވާލިއިރު ޕާޓީގެ ރައީސްގެ މަގާމުގައި ނަޝީދު ހުންނެވި ނަމަވެސް، ނަޝީދުގެ ފަރާތުން އެ މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން ކޭސް ނިންމީ ޢައިރު ހާޒިރުގައެވެ.

ނަޝީދު ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހިދުމަތުގެ އަގަށްވާ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު