އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑަށް ހޮސްޕިޓަލް ބޯޓެއް ފޮނުވަން ރާވާފައިވާ ކަމަށާއި ނަމަވެސް އެކަމަށް ޝުކުރު އަދާނުކުރާނެ ކަމަށް ގްރީންލޭންޑުން ބުނެފިއެވެ.
ގައުމީ ސަލާމަތީ ސަބަބުތަކަށްޓަކައި ގްރީންލޭންޑް ބޭނުންވާ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ޖެންސް-ފްރެޑެރިކް ނީލްސަން އާދީއްތަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ހޮސްޕިޓަލް ފޮނުވުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން "ނޯޓް" ކުރެވިފައިވާ ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންގެ މިއޮތީ ރައްޔިތުންނަށް ހިލޭ ފަރުވާ ލިބޭ ޕަބްލިކް ހެލްތްކެއާ ސިސްޓަމެއް." ގްރީންލޭންޑުން މަޝްވަރާއާއި އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތްކަން ތަކުރާރު ކުރައްވައި ނީލްސަން ވިދާޅުވިއެވެ. އަދި ހަމައެކަނި ސޯޝަލް މީޑިއާގައި ވާހަކަ ނުދައްކައި އެބޭފުޅުންނާ ވާހަކަ ދެއްކެވުމަށްވެސް ނީލްސަން ވިދާޅުވިއެވެ.
ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ ގްރީންލޭންޑުގެ އާބާދީއަށް ބޭނުންވާ ސިއްޙީ ފަރުވާ މިހާރުވެސް ލިބޭ ކަމަށް ޑެންމާކުގެ ދިފާއީ ވަޒީރު ޓްރޮއެލްސް ލަންޑް ޕައުލްސަންވެސް ވަނީ ވިދާޅުވެފައެވެ.
"އެމީހުންނަށް ގްރީންލޭންޑުގައި ފަރުވާ ލިބޭނެ. ހާއްސަ ފަރުވާއެއް ބޭނުންވާ ނަމަ ޑެންމާކުން ލިބޭނެ. ގްރީންލޭންޑުގައި އިތުރު ހެލްތުކެއާ އިނީޝިއޭޓިވްއެއް ބޭނުމެއް ނުވާނެ." ޕައުލްސަން ވިދާޅުވިއެވެ.
ގްރީންލޭންޑުގައި ސިއްޙީ ފަރުވާ ލިބުމުން އެކަހެރިކޮށްފައި ތިބި މީހުންނަށް ޔޫއެސްއެންއެސް މާސީ ދަތުރުކުރަމުންދާ ކަމަށް ހޮނިހިރު ދުވަހު ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަކީ އެމެރިކާގެ ޤައުމީ ސަލާމަތް ރައްކާތެރިކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، ޓްރަމްޕް ވަނީ ގްރީންލޭންޑު ހޯއްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް ގްރީންލޭންޑާއި ޔޫރަޕުން ވަނީ އެކަމާ ދެކޮޅު ހަދައި، ގްރީންލޭންޑްގެ އިސްތިގުލާލު ދަމަހައްޓާފައެވެ.
ޑެންމާކުގެ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި އޮންނަ ގްރީންލޭންޑުގެ ރައްޔިތުންނަށް ވޯޓުލުމުގެ މިނިވަންކަމާއި އަމިއްލަ ދާހިލީ ކަންކަން ނިންމުމުގެ ބާރު އޮތް ނަމަވެސް ހާރިޖީ އަދި ދިފާއީ ކަންކަން އޮންނަނީ ޑެންމާކް ސަރުކާރުގެ ބާރުގެ ދަށުގައެވެ.