ފަލަސްތީނާއި އިތުރު އަރަބި 6 ގައުމެއްގެ ބިމަކީ އިސްރާއީލުގެ މިލްކެއް: އެމެރިކާގެ ސަފީރު

ޓާކާ ކާލްސަން އާއި އެމެރިކާގެ ސަފީރު ހަކަބީ

ފަލަސްތީނުގެ އިތުރުން އަރަބި އެތަށް ގައުމުތަކެއްގެ ބިންތަކަށް އަތް ގަދަކޮށް އެ ބިންތައް ފޭރިގަތުމަކީ އިސްރާއީލުގެ ހައްގެއް ކަމަށް ބުނެ އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ދާދިފަހުން ވާހަކަ ދެއްކެވުމުން ސައޫދީ ހިމެނޭގޮތަށް އަރަބި އެތަށް ގައުމަކާއި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާއިން އެކަން ކުށްވެރިކޮށް ބަޔާންތައް ނެރެފިއެވެ.

މި ބަޔާންތަކުގައި ވަނީ އަރަބި ގައުމުތަކުގެ ބިންތައް ފޭރިގަތުމަކީ އިސްރާއީލަށް ލިބިފައިވާ އަދި ލިބޭނެ ހައްގެއްވެސް ނޫންކަމަށާ ހަކަބީގެ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ޗާޓަރާ މުޅިން ޚިލާފު ޣައިރު ގާނޫނީ ވާހަކަތަކެއްކަން ހާމަކޮށް އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް ބުނެފައެވެ.

ހަކަބީ އަކީ ޔަހޫދީންނަކީ މުގައްދަސް ބައެއްކަމަށް ގަބޫލުކުރާ އިންޖީލީ ފިކުރުގެ ހަރުކަށި ނަސާރާއެކެވެ. އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަކޯރާ ދެމެދުގައިވާ އަރަބި ގައުމުތަކުގެ ބިންތަކަކީ ޔަހޫދީންގެ ބޮޑު ދައުލަތް ކަމަށްވާ ގްރޭޓާ އިސްރާއީލު އުފައްދަންޖެހޭ ބިންކަމަށް އިންޖީލީ ހަރުކަށި ފިކުރުގެ ނަސާރާއިން ދެކެއެވެ.

ނަމަވެސް މިއީ މިގޮތަށް ބުނެލުން ފިޔަވައި އެއްވެސް ގާނޫނީ އަސާސެއް އޮތްކަމެއް ނޫނެވެ. ބައިނަލްއަގްވާމީ ގާނޫނާ އަދި އދ.ގެ ނިޒާމަކީ ދީނީ ނައްސުތަކާއި ދީނީ ފޮތްތައް ގަބޫލުކުރާ ނިޒާމެއް ނޫނެވެ.

ހަކަބީ މިހެން ބުނެފައިވަނީ އެމެރިކާގެ ކަނާތު ފިޔައިގެ ނޫސްވެރިއެއްކަމަށްވާ ޓާކާ ކާލްސަން އަށް ދިން ބަސްދީ ގަތުމެއްގައެވެ. ޓާކާ ކާލްސަން އަކީ ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އަގައިން" (މާގާ) ފިކުރުގެ ބޭފުޅެކެވެ.

އެހެންކަމުން އޭނާއަކީ އެމެރިކާއަށް ވުރެ އިސްރާއީލު އިސްކުރަން ޓްރަމްޕްގެ މުސްތަޝާރުންގެ ތެރޭގައި ހިމެނޭ ޔަހޫދީ ހަރުކަށި ފިކުރަށާއި އިސްރާއީލަށް ތާއީދުކުރާ އިންޖީލީ ފިކުރުގެ ނާސާރާއިންނާ ވަރަށް އިދިކޮޅު ބޭފުޅެކެވެ.

ޓާކާ ކާލްސަން އާއި އެމެރިކާގެ ސަފީރު ހަކަބީ

ފަލަސްތީނުގެ ބިމަކީ މާތް ﷲ ޔަހުދީންނަށް ވައުދު ކުރައްވާފައިވާ ބިމެއްކަމުގެ އެއްވެސް ހެއްކެތް ދެއްކުމަށް ހަކަބީ ގެ ކިބައިން ޓާކާ ކާލްސަން އެދުމުން ހަކަބީ ވަނީ ފަލަސްތީނު ބިމުގައިވާ ގައުތަކާއި ބިމުގެ ފަސްގަނޑާއި ގަސްގަހާ ގެއްސާއި އިމާތާތްތައް އެކަމަށް ހެކިދޭކަމަށް ބުނެ އެކަމަށް ގާނޫނީ އެއްވެސް ހެއްކެތް ދެއްކުމަށް އުޒުރުވެރިވެފައެވެ.

ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ބިމެއްނަމަ ބެލްފޯރ ޑެކްލަރޭޝަން އާ ގުޅިގެން ޔޫރަޕުން ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރަންޖެހޭނެތޯ އަދި ބޭރުން ޔަހޫދީންގެ ނަމުގައި ބަޔަކު ފަލަސްތީނަށް އައީ ކިއްވެގެންތޯ ޓާކާ ކާލްސަން ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްތީނު ބިމަކީ ޔަހޫދީންގެ ބިމެއްނަމަ އެޔަހޫދީން ތިބޭނީ ފަލަސްތީނު ބިމުގައެވެ. ޔޫރަޕާއި އެމެރިކާއިން ފަލަސްތީނަށް ހިޖުރަކުރާކަމަށް ނުޖެހޭނެއެވެ. މިކަމަށްވެސް ހަކަބީ އަށް އެއްވެސް ހުއްޖަތެއް ނުދެއްކުނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ޕޮލެންޑުން ފަލަސްތީނުގެ ބިމަށް ހިޖުރަކުރި މީހަކަށްވެފައި އޭނާގެ ކާބަފައިން ތިބީ ޕޮލެންޑްގައި ކަމަށްވާއިރު ނަތަންޔާހޫގެ ބިމަކީ ފަލަސްތީނުގެ ބިންކަމަށްވާނީ ކޮންގޮތަކަށްތޯ ޓާކާ ކާލްސަން ސުވާލުކުރުމުން ހަކަބީ އަށް އެސުވާލަށްވެސް ޖަވާބެއް ނުދެވުނެވެ.

އިރާގުގެ ފުރާތު ކޯރުން ފެށިގެން މިސްރުގެ ނީލަކޯރާ ދެމެދުގައިވާ އަރަބި ގައުމުތަކުގެ ބިންތަކަކީ ޔަހޫދީންގެ ބިންތަކެއްކަމަށް ޔަހޫދީ ޒަޔަނިސްޓުންނާއި އިންޖީލީ ފިކުރުގެ ނާސާރާއިން ދައުވާކުރަނީ އެއީ ތަވްރާތުގައި ލިޔެފައި އޮންނަ ވާހަކަތަކެއް ކަމަށް ބުނެފައެވެ. ނަމަވެސް ތަވްރާތަކީ ޔަހޫދީން އެތަށް ފަހަރަކު އެއަށް ބަދަލު ގެނަސްފައިވާ އެއްޗެކެވެ.

މިސާލަކަށް ތަވްރާތުގައި އެގޮތަށް އޮތްނަމަވެސް އެއީ ފަލަސްތީނުގެ ބިމާއި ސަރަހައްދުގެ އެނޫން ބިންތައް ޔަހޫދީންނަށް ލިބެންޖެހޭ ކަމުގެ ގާނޫނީ ހެއްކެއް ނޫންކަމަށާ ސަބަބަކީ ބައިނަލްއަގްވާމީ ގާނޫނާއި ނިޒާމަކީ ދީނީ ފޮތްތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫންކަމަށް ޓާކާ ކާލްސަން ވިދާޅުވިއެވެ. މިކަމަށްވެސް ހަކަބީއަށް ރައްދެއް ނުދެވުނެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަކީ ޔަހޫދީންގެ ތަނެއްކަމަށް ދައުވާކުރާއިރު އިސްރާއީލު މީހުންނަކީ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައަށްފަހު ޔޫރަޕާއި އެމެރިކާއިން ފަލަސްތީނަށް ހިޖުރަކުރި ބައެކެވެ. އެއީ އުޘްމާނީ ޚިލާފަތް ބަލިވެ އިނގިރޭސި އިސްތިއުމާރުގެ ދަށަށް ފަލަސްތީނުގެ ބިން ދިޔުމާ ގުޅިގެންނެވެ.

މިގޮތަށް ހިޖުރަކުރި މީހުންނަކީ ފަލަސްތީނުގެ ބިމުގައި އުޅުނުކަމަށް ބުނާ އަސްލު ޔަހުދީ ދަރިކޮޅުގެ މީހުންކަން އެއްވެސް ވަރަކަށް ޔަގީނެއް ނޫނެވެ. އެކަން ސާބިތު ކުރުމަށް އިސްރާއީލު ގެ ޔަހޫދީންގެ ޑީއެންއޭ ހެދުމަށް އިސްރާއީލު ސަރުކާރު ކަނޑައެޅިގެން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ސަބަބަކަށްވަނީ ޔަހޫދީންނަކީ ޒަމާނެއްގައި ވަކި ދަރިކޮޅަކަށް ވިޔަސް ފަހުގެ ގަރުނުތަކުގައި އެއީ ވަކި ދަރިކޮޅެއްގެ ބަޔަކަށް ނުވާތީއެވެ. އަދި ޔަހޫދީ ދީނަކީ ނަސްލެއްގެ ބަދަލުގައި މިހާރު ދީނީ ފިކުރެއްކަމަށް ވާތީއެވެ.

އިސްރާއީލުގައި ޔަހޫދީން ގެ ނަމުގައި ދިރިއުޅޭ 95 މީހުންނަކީ ޔޫރަޕާއި އެމެރިކާއާއި އެނޫން ގައުމުތަކުގެ މީހުންނެވެ. އެމީހުންގެ ކާބަފައިންވެސް ތިބީ ޔޫރަޕާއި އެމެރިކާއާއި އެނޫން ގައުމުތަކުގައި ކަމަށް ޓާކާ ކާލްސަން ވިދާޅުވިއެވެ.

މިގޮތުން އިސްރާއީލުގެ ސްޓްރެޓީޖިކް ކަންތައްތަކާ ބެހޭ ވަޒީރު ރޮން ޑެރްމާ އަކީވެސް އެމެރިކާގެ ފޮލޮރިޑާ އިން ދާދިފަހުން އިސްރާއީލަށް ހިޖުރަކޮށްގެން އުޅޭ މީހެއްކަމާއި ޑެރްމާގެ ކާބައިންނައި ދުރުތާ އާއިލާވެސް ނިސްބަތްވަނީ ފްލޮރިޑާ އަށް ކަން ޓާކާ ކާލްސަން ހާމަކުރެއްވިއެވެ. އަދި އިސްރާއީލުގެ 95 އިންސައްތަ މީހުންނަކީވެސް މިގޮތަށް ތިބި ބައެއްކަން އޭނާ ހާމަކުރެއްވިއެވެ.

އިސްރާއީލު ފަލަސްތީނުގެ ބިމުގައި އުފައްދާފައިވަނީ ވަރަށް ފޭކު އަދި އެއްވެސް އަސާސެއްނެތް ދީނީ ތޯތޯ ޚުރާފާތު ތަކަކާއި އަސާސެއްނެތް ބޯދާ ވާހަކަތަކެއްގެ މައްޗަށް ކަމަށާ އިސްރާއީލަށް ފަލަސްތީނު ބިމުގައި ދެމި އޮވެވެނީ އެމެރިކާއާއި ޔޫރަޕްގެ އަސްކަރީ ބާރުގައި އެކަނިކަމަށް ކާލްސަން ފާހަގަ ކުރެއްވިއެވެ.

ފަލަސްތީނުގެ އިތުރުން އަރަބި 7 ގައުމެއްގެ ބިން ހިމެނޭގޮތަށް އެބިންތައް ހިފައި އެތަނުގައި ގްރޭޓާ އިސްރާއީލު ނުވަތަ ބޮޑު އިސްރާއީލު އުފައްދަންޖެހޭ ކަމަށް ބުނެ މިޒަމާނުގެ ހިޓްލަރު ކަމަށް ސިފަކުރެވޭ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެތަށް ފަހަރަކު ވާހަކަ ދައްކާފައެވެ. ނަމަވެސް އަރަބި ގައުމުތައް މި ނުރައްކަލާ ކުރިމަތިލުމަށް ދޭންވާވަރާ ގާތަށްވެސް ސަމާލުކަން ނުދޭކަމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.

ޓާކާ ކާލްސަން ވަނީ ޔަހޫދީން އެމެރިކާގެ ކަންތައްތަކަށް އަތްގަދަކޮށް އެމެރިކާގެ މަސްއޫލުވެރިންނަކީ އެމެރިކާ ގެ ރައްޔިތުންނަށްވުރެ އިސްރާއީލު އިސްކޮށް ގެން އުޅޭ ބައެއްކަމަށް ވިދާޅުވެފައެވެ. އަދި ޔަހުދީން ނަކީ ގޯޑް ޗޫސެން ޕީޕަލް ނުވަތަ މާތްﷲ މާތް ކުރައްވައި އިޚްތިޔާރު ކުރައްވާފައިވާ ބައެއްކަމަށް ބުނެ ޔަހޫދީން ހަދަނީ މުޅިން ދޮގު ޚުރާފާތު ތަކެއް ކަމަށް ވިދާޅުވެ އެމެރިކާގެ ސަފީރާ ޖަދަލުކުރައްވައި އޭނާ ބޭޒާރު ކޮށްލައްވާފައެވެ.

ފަލަސްތީނުގެ ބިމަކީ ޔަހޫދީންނަށް ވައުދު ކުރައްވާފައިވާ ބިމެއްކަމަށް ބުނެ ތޯތޯ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ޔަހޫދީން ހަދާފައިވާ މިދޮގުތައް އެމެރިކާ އާއި ޔޫރަޕްގެ ޒުވާން ޖީލުގެ ގިނަ ބަޔަކު މިހާރު ދަނީ ބޭޒާރު ކުރަމުންނެވެ. މިކަމުގެ ސަބަބުން އިސްރާއީލުވަނީ ވަރަށް ބޮޑަށް ބިރު ހީވެފައެވެ. ސަބަބަކީ ފަލަސްތީނު ބިމުގައި އިސްރާއީލު އޮތުމުގެ އަސާސް މިކަމުގެ ސަބަބުން ރޫޅި ހުޅަނގުގެ ތާއީދު މުސްތަގްބަލް އިސްރާއީލަށް ގެއްލިގެން ހިނގައިދާނެތީއެެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު