ﷲ މިފަހަރު މިސާލުޖައްސަވަނީ މުއްސަނދި ބައެއްގެ ވާހަކައިންނެވެ. ﷲ އެމީހުންނަށް އަމާންކަން ދެއްވިއެވެ. އެއާއެކު އެމީހުންނަށް ތަނަވަސްކަން ދެއްވިއެވެ. މިހުރިހާ ކަމަކާއެކު އެމީހުންވީ ހުރިހާ ކަމެއް ފުދި ހަމަޖެހިގެންތިބި ބަޔަކަށެވެ. މިޒަމާނުގެ ބަހުރުވައިންނަމަ އެމީހުންނަކީ އުފަލުގައި ތިބި ބައެކެވެ.
އައްނަޙުލު ސޫރަތުގެ 112 ވަނަ އާޔަތުގައި ﷲ މިސާލެއް ދެއްވައެވެ. މި މިސާލުގައި ﷲ ބަޔާންކުރައްވަނީ އަމާންކަމާއި ހިތްހަމަޖެހުމުގައި ގައުމެއްގައި އުޅުނު ބައެއްގެ ވާހަކައެވެ. ހުރިހާ ދިމާއަކުން އެމީހުންނަށް ރިޒުގާއި ތަނަވަސްކަން ލިބުނެވެ. މިމިސާލުން، ދުނިޔަވީ ގޮތުން ގައުމެއް ކާމިޔާބާއި ބާއްޖަވެރިކަން ހޯދާގޮތާއި އެ ގައުމަކުން އެކަން ނެތި ބީގެވެން ދާގޮތަށް އިންސާނާ ހޭލައްވައެވެ.
މި މިސާލުން ﷲ، އަޅުގަނޑުމެންނަށް ދެއްވަނީ ބަދަލުނުވާނެ އަސާސެއް ނުވަތަ ހަގީގަތެކެވެ. ސައެންސްގެ ފޯމިއުލާތަކަކީ ޤުދުރަތީ ގާނޫނެވެ. އެފަދަ ގާނޫނަކީ ބަދަލުވާ އެއްޗެއްނޫނެވެ. އެގޮތުން ﷲ ދެއްވާ ފޯމިއުލާއަކީވެސް ދާއިމަށް ދެމިއޮންނާނެ ޤުދުރަތުގެ ގާނޫނެވެ. ﷲ ދެއްވާ ފޯމިއުލާގައި ހިފާ މީހާއަށް ތެދުމަގުލިބި އޭނާއަށް އޮތީ ކާމިޔާބާއި ފަލާހެވެ. ހަގީގަތާމެދު ދެގޮތަކަށް ބެލިދާނެއެވެ. އެއްގޮތަކީ ދުނިޔަވީ ނަޒަރަކުން ބެލުމެވެ. އަނެއް ގޮތަކީ ހަގީގަތާމެދު ރޫޙީ ނަޒަރަކުން ބެލުމެވެ. އެންމެ ބުއްދިވެރި ގޮތަކީ ހަގީގަތާމެދު ދެ ނަޒަރުންވެސް ބެލުމެވެ.
ނަޙުލު ސޫރަތުގައި ﷲ ބަޔާންކުރައްވަނީ ރަށެއްގެ ވާހަކައެވެ. މިރަށުން ﷲ ފާހަގަކުރައްވާ ފުރަތަމަ ސިފައަކީ އެމީހުންގެ އަމާންކަމާއި ސުލްހަވެރިކަމެވެ. އެމީހުންނަށް އެއްވެސް ދިމާއަކުން އެއްވެސް ކަހަލަ ނުރައްކަލެއްނެތް ވާހަކައެވެ. ސަލާމަތީގޮތުން އެމީހުންނަށް ރައްކާތެރިކަން އޮތް ވާހަކައެވެ. ތަނެއް އަމާންވިއަސް އެތަން ތަނަވަސް ތަނަކަށް ނުވެއެވެ. ތަނަވަސްކަން ލިބެނީ އެތަނުގައި އިގުތިސާދީ ހަރަކާތްތައް ހިނގައި މީހުންނަށް އާމްދަނީ ލިބޭނެގޮތް ވުމުންނެވެ.
މިރަށުން ﷲ ފާހަގަކުރައްވާ ދެވަނަ ސިފަޔަކީ މީހުންގެ ހަމަޖެހުމެވެ. އެމީހުން ފުދިގެން ތިބުމެވެ. މިއިން އަންގައިދެނީ އަމާންކަމުގެ އިތުރަށް އެމީހުންގެ މެދުގައި އިގުތިސާދާއި ސިނާއަތާއި ވަޒީފާތައް އޮތްކަމެވެ. އިގުތިސާދީ ހަރަކާތްތަކުން ލިބޭ ނަފާއާއި ފައިދާގެ ސަބަބުން އެމީހުންނަށް ހިތްހަމަޖެހުން ލިބުނުކަމެވެ. ތަނަވަސްކަންވެސް އޮތެވެ. ތަނަވަސްކަން އޮތުމުން މީހުން ތިބެނީ ހަމަޖެހިގެންނެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގާއިރު ކޮންމެ ގައުމަކުންވެސް އެންމެ އިސްކަންދޭ ކަމަކީ ގައުމުގެ ސަލާމަތާއި އިގުތިސާދެވެ. މި ދެބައި ފުރިހަމަވުމުން ނިކުންނަނީ ހިތްހަމަޖެހުމެވެ. ޒަމާނީ ބަހުރުވައިން ނަމަ އުފާވެރިކަމެވެ. އުފާވެރިކަމުގެ މިންގަނޑުގައި އެންމެ ކުރީ ސަފުގައި ހުރި ގައުމުތަކުން ފެންނަނީ ކީރިތި ޤުރްއާން ބަޔާންކުރާ އަސާސްތަކެވެ.
މިއާޔަތުގައި ﷲ ދެން ފާހަގަކުރައްވަނީ އެމީހުންނަށް ހުރިހާ ދިމާއަކުން ރިޒުގު އަންނަ ވާހަކައެވެ. އަދުގެ ދުނިޔެއަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ދުބާއީ އަކީ އެކުވެރި އަރަބި އިމާރާތުގެ އެއް އިމާރާތެވެ. އެމީހުންވަނީ އެ ރަށް އިގުތިސާދާއި ދަތުރުފަތުރާއި މުވާސަލާތުގެ ނާރެހަކަށް ހަދާފައެވެ. މިކަމުގެ ސަބަބުން ހުރިހާ ދިމާއަކުން އެމީހުންނަށް މުދަލާއި ޚިދުމަތް ލިބި މުދަލާއި ޚިދުމަތް ބަދަލުކުރެވެއެވެ. ނަތީޖާއަކީ މުޅި ދުނިޔެއިން އެމީހުންނަށް ކާބޯތަކެއްޗާއި ތިޔާގިކަން އައުމެވެ. މިއާޔަތުން އަޅުގަނޑުމެންނަށް ކުރަހާލެވެނީ ދުބާއީފަދަ ރިޒުގުތަނަވަސް ރަށެކެވެ.
މިއާޔަތުގައި ދެން ﷲ ބަޔާންކުރައްވަނީ އެރަށުގެ އަހުލުވެރިން ﷲ ދެއްވި ނިޢުމަތްތަކަށް ކާފިރުވި ވާހަކައެވެ. ސަލާމަތާއި އަމާންކަމާއި ތަނަވަސްކަމާއި ހަމަޖެހުމާއި ހުރިހާ ކަމެއް ދެއްވުމުން އެމީހުން ކަންތައްކުރި ނުބައި ގޮތުގެ ވާހަކައެވެ. އެމީހުން ﷲ އަށް ޝުކުރުވެރިވުމުގެ ބަދަލުގައި ހަރާންކޯރުވި ވާހަކައެވެ. އެމީހުންގެ ކުށަކީ ބަޔަކަށް ކުރެވޭނެ އެންމެބޮޑު ކުށެވެ. އެއީ ﷲ އަށް އުރެދުމުގެ ބޮޑު ޖަރީމާއާއި އެމީހުން ކުރި އަމަލުތަކެވެ.
މިއާޔަތުގައި ﷲ ދެން ބަޔާންކުރައްވަނީ އެމީހުން ހިންގި ބޮޑު ޖަރީމާއަށް ﷲ ދެއްވި އަދަބުގެ ވާހަކައެވެ. އެގޮތުން ﷲ ވަޙީކުރައްވަނީ ވަރަށް އާދަޔާޚިލާފު މަޖާޒީ ބަސްފުޅެކެވެ. އެއީ ބަނޑުހައިހޫނުކަމާއި ބިރުވެރިކަމުގެ ފޭރާމުގެ ރަހަ އެމީހުންނަށް ދެއްވި ވާހަކައެވެ. ފޭރާމަކީ އިންސާނާގެ މުޅި ހަށިގަނޑުގައި ޖެހި ހިފާފައި ހުންނަ އެއްޗެކެވެ. އެހެންވެ ފޭރާމުން ރަމްޒުކޮށްދޭ އެއް މާނަޔަކީ މުޅި ހަށިގަނޑުގައިވުމެވެ. ފޭރާމާ ޚިލާފަށް ރަހައަކީ ވަގުތީ އެއްޗެކެވެ. އިންސާނާއަށް ރަހަ ލިބެނީ އޭނާ ކޮންމެވެސް އެއްޗެއް ބުއިމުން ނުވަތަ ކެއުމުންނެވެ. ރަހަ ދެމިއޮންނަނީ އޭނާގެ ދުލުގައި އެ ޖެހޭ ވަގުތު އެކަންޏެވެ. ރަހައާއި ޚިލާފަށް ފޭރާމަކީ އަބަދުވެސް މުޅި ހަށިގަނޑު އިހުސާސްކުރާ އެއްޗެކެވެ.
ނަޙުލު ސޫރަތުގެ ކުރީ ބައިތަކުގައި ﷲ ބަޔާންކުރައްވަމުން ގެންދެވީ އިންސާނާ ޝުކުރުވެރިވާންޖެހޭ ސަބަބުތަކެވެ. މިސޫރަތުގެ ފަސްވަނަ އާޔަތުން ފަށައިގެން ސޫރަތުގެ އެކި ހިސާބުގައި އިންސާނާއަށް ދެއްވި ގިނަގުނަ ނިޢުމަތްތައް ވަރަށް ސަރީހަކޮށް ﷲ ބަޔާންކުރައްވައެވެ. އަދި ﷲ ގެ އަޒާބު މީހުންގެ މައްޗަށް ހުށަހެޅިގެންދާ ސަބަބުތައްވެސްމެއެވެ. އިންސާނާގެ ނުބައި އަމަލުތަކުގެ ވާހަކަ ފަށްޓަވަނީ މިސޫރަތުގެ ހަތަރުވަނަ އާޔަތުންނެވެ. އެގޮތުން އޭނާގެ ދެކޮޅުވެރިކަމާއި އާޚިރަތަށް އީމާންނުވުމާއި ކިބުރުވެރިކަމާއި ޝިރުކު ފާހަގަކުރައްވައެވެ.
މި މިސާލުން ލިބޭ އިބުރަތަކީ އިންސާނުން ތަރައްގީގައި ކުރިއަށް ދާއިރު އެމީހުންގެ މުޅި ފޯކަސް މާއްދިއްޔަތަށް ބިނާވާކަމެވެ. ހަށިގަނޑަށް އެކަނި އަމާޒުކޮށްގެން ކުރިއަށް ދާކަމެވެ. އެމީހުންގެ ކުރިއެރުމާއި ތަރައްގީގައި ރޫޙީ އެއްވެސް ކަމެއް ނުވާކަމެވެ. ނަތީޖާއަކީ އެމީހުންގެ ނަޒަރުން ފުރާނަ ނުވަތަ ނަފުސު އެއްކޮށް އުނިވެގެން ދިއުމެވެ.
ނޯޓް:
ތައުލީމީ ދާއިރާ އާއި ހިންގުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ, އަޙްމަދު ފަޔާޟް ޙަސަން މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމާއި ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވައިފައެވެ. އަދި އޭނާ ވަނީ ފޮތް ލިޔުއްވުމުގެ އިތުރުން އެކި ދާއިރާތަކުން ލިޔުންތައް ލިޔުއްވައި ޝާއިއު ކުރައްވައިފައެވެ. މިހާރު ވެސް ފަޔާޒަކީ ކީރިތި ޤުރްއާން އުނގެނި ދަސްކުރާ ދަރިވަރެކެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ދާރިސެކެވެ.