ސަލީމް ޚާންގެ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު އާއްމު ނުކުރުމަށް އާއިލާއިން ހޮސްޕިޓަލަށް އަންގައިފި

އިންޑިއާގެ މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ބުދަ ދުވަހު ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދެމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ލިޔުންތެރިޔާ ސަލީމް ޚާންގެ ސިއްހަތާ ގުޅުންހުރި މައުލޫމާތުތައް އާއްމު ނުކުރުމަށް ސަލީމްގެ އާއިލާއިން ހޮސްޕިޓަލަށް އަންގައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންގެ ސިއްހީ ހާލަތާ ގުޅުންހުރި މައުލޫމާތުތައް ސަލީމަށް ފަރުވާ ދެމުން އަންނަ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުން އާއްމުކޮށް މީޑިއާއާ ހިއްސާކުރާތީ އާއިލާއިން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ސަލީމްގެ ސިއްހީ މައުލޫމާތަކީ ވަރަށް ޒާތީ މައުލޫމާތަކަށް ވާތީ އެކަން އާއްމުކޮށް ގިނަބަޔަކަށް އެނގޭނެހެން ހިއްސާ ކުރުމަކީ ޚުދު ސަލީމް ވެސް ބޭނުންވާ ކަމެއްނޫން ކަމަށާއި މިވަގުތު އެ އާއިލާއަށް ޕްރައިވެސީ ބޭނުންވާކަމަށް ވެސް ސަލީމް އެދިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސަލީމް ޚާން ދަރިފުޅު އަދި އެކްޓަރު ސަލްމާން ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މަގުބޫލު ލިޔުންތެރިއެއް ކަމަށްވާ ސަލީމްއަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ފަރާތަކަށް ވާތީ ސަލީމްއަށް ހެޔޮ ދުއާކޮށް ހާލު އަހުވާލު ބަލަން ގިނަ ބަޔަކު ބޭނުންވާނެކަމަށް ގަބޫލުކުރާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

ނަމަވެސް ކޮންމެ މީހެއްގެވެސް ސިއްހީ ހާލަތާ ގުޅޭ މައުލޫމާތަކީ ވަރަށް ޒާތީ މައުލޫމާތު ކަމަށްވެފައި އެފަދަ އެއްވެސް މައުލޫމާތެއް ޕަބްލިކަށް ދޫކޮށްލުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށް ސަލްމާންގެ އާއިލާގެ ފަރާތުން މީޑިއާގައި ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދޭ ހައިޕްރޮފައިލް ޝަހްސިއްޔަތުންނާ ގުޅޭ ސިއްހީ މައުލޫމާތުތައް އެ ހޮސްޕިޓަލުން ހިއްސާކުރުމަކީ އާއްމުކަމެކެވެ. އެހެންނަމަވެސް ސަލީމްގެ އާއިލާގެ އެދުމަށް އިހުތިރާމް ކުރުމުގެ ގޮތުން އިތުރު މައުލޫމާތު އާއްމު ނުކުރުމަށް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.

ސަލީމް އެޑުމިޓްކޮށް ސިކުނޑީގެ ކުޑަ ޕްރޮސީޖާއެއް ކަމަށްވާ ޑިޖިޓަލް ސަބްޓްރެކްޝަން އެންޖިއޮގްރަފީ (DSA) ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން އޭނާ ވަނީ ހޮސްޕިޓަލުގެ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ފަރުވާއަށްފަހު ސަލީމްގެ ހާލު މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.

comment ކޮމެންޓް