ރޯދަ މަހު ގޭސްޓްރިކް މައްސަލަ ކުރިމަތިވޭތަ؟ މިކަންކަމަށް ސަމާލުވޭ

އާއްމު މަސްތަކުގައި ވެސް ގޭސްޓްރިކް މައްސަލަ ދިމާވާ މީހުން ރަމަޟާން މަހު ކެއުމަށް ހާއްސަ ސަމާލުކަމެއްދީ ގޭސްޓްރިކް ވުމަށް މަގުފަހިކުރާ ކެއުންތަކުން ދުރުވުން މުހިއްމު--ފޮޓޯ/މިޑްޑޭ

ރަމަޟާން މަހު ގިނަ ވަގުތު ހުސްބަނޑާ ހުރުމުގެ ސަބަބުން ގޭހުގެ މައްސަލަ ދިމާވެ ބަނޑުގައި ވައިހެދި އެކަމުގެ އުނދަގޫ ތަހައްމަލުކުރާ މީހުން އަޅުގަނޑުމެންގެތެރޭ މަދެއް ނޫނެވެ.

ރޯދަ މަހު ނޫނަސް އާދައިގެ އެހެން މަސްތަކުގައި ވެސް ގޭސްޓްރިކްގެ މައްސަލަ އާއްމުކޮށް ކުރިމަތިވާ މީހުން ރޯދަ މަހު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ.

ގޭހުގެ މައްސަލަ އާއްމުކޮށް ދިމާވާ ސަބަބުތަކުގެތެރޭ ދިގު މުއްދަތަކަށް ޕެއިން ކިލާ ބޭނުންކުރުން، ކުޅިކޮށް ހުންނަ ކެއުންތައް އަދި ހަވާދުގެ ބާވަތްތައް އެކުލެވޭ ކެއުންތަކަށް އިންސާފުކުރުން، އެއްފަހަރާ މާގިނައިން ކެއުން އަދި ތެލުގެ ބާވަތްތައް މާގިނަ ކެއުންތައް ކެއުމުގައި ހިމެނުން ހިމެނެއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އަމިއްލައަށް ސަމާލުކަން ދެވިދާނެ ކަންކަމުގެތެރޭ ރޯދަވީއްލާ ވަގުތު އެއްފަހަރަ މާގިނައިން ކެއުމުން ދުރުވުމަށް އިންޑޮނޭޝިއާއަށް ނިސްބަތްވާ ޑރ.ދިކްސީ ނޮވްރިތަސާރީ އިރުޝާދު ދެއްވައެވެ.

ރޯދަވީއްލުމަށްފަހު ހާރުކެއުމާ ދެމެދު ކެއުމުގައި ވަކި މިންގަނޑެއް ގެންގުޅުމަކީ ގޭހުގެ މައްސަލައަށް ހައްލެއް ގެނުވައިދޭން އެހީތެރިވެދޭނެ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ގޫގްލް

ޑރ.ދިކްސީ މުތާލިއާ ކުރައްވާފައިވާ ސިއްހީ ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި ރޯދައަށް ހުންނައިރު ދިމާވާ ބަނޑުގެ އެކިއެކި މައްސަލަތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމުގެތެރޭ ތެލުލާފައި ހުންނަ ކާނާއާއި ހަވާދުގެ ބާވަތްތައް ކެއުމުގައި ހިމަނާ މިންވަރު މަދުކޮށްލުން ހިމެނެއެވެ.

ހަމައެއާއެކު މާ ހުތްގަދަ ކެއުންތަކުން ދުރުވުމަށް ވެސް ޑރ. ދިކްސީ ވަނީ އިރުޝާދު ދެއްވާފައެވެ. ސަބަބަކީ އޭގެ ސަބަބުން ގޭސްޓްރިކް ބައްޔަށް މީހާ ހުށަހަޅައިދިނުމުގެ ފުރުސަތު އޮތުމުންނެވެ. ރޯދަ ވީއްލާ ވަގުތު ޕޯޝަންތަކަކަށް ބަހާލައިގެން ލަސްލަހުން ކެއުމަށް އަޅުގަނޑުމެންނަށް އާދަކުރެވިދާނެ ކަމަށް ޑރ.ދިކްސީ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު ރޯދަވީއްލާ ވަގުތު ކެއުން އެއްވަރެއްގައި ބަހައްޓަން އާދަކުރެވިދާނެއެވެ. ރޯދަވީއްލާ ވަގުތު ހަށިގަނޑަށް ފައިދާހުރި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމަނާލުމަށް އިސްކަން ދިނުމަކީ ވެސް ގޭހުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމެވެ.

ހާރުކެއުމުގައި ވެސް އަވަހަށް އަދި ފަސޭހައިން ހަޖަމުކުރެވޭނެ ކާނާ ކެއުމުގައި ހިމަނާލުން މުހިއްމު ކަމަށް ވެސް ޑރ.ދިކްސީ ނޮވްރިތަސާރީ އިރުޝާދު ދެއްވައެވެ.

އެގޮތުން ހާރުކާ ގަޑީގައި މާބޮޑަށް ބަނޑުހައިނުވާނަމަ ލުއި ކެއުމަކަށް އިންސާފުކޮށްލުން ރަނގަޅެވެ. އެކަހަލަ ދުވަސްދުވަހު ކެއުމުގައި ކަދުރާއި، ކޮންމެވެސް ކަހަލަ ކިރުގެ ބާވަތެއް އަދި ގިނައިން ފެން ބޯން ހަނދާންކުރަންވާނެއެވެ.

comment ކޮމެންޓް