ރާއްޖޭގެ ފުޓުބޯޅަ ވަޅުޖެހިފައިވަނިކޮށް 2024 ވަނަ އަހަރު ބާއްވަން ފެށި ނައިންޓީ ޕްލަސް ގޯލްޑްކަޕަށްވުރެ މިއަހަރު ކ. ހިންމަފުށީގައި ބާއްވާ ގޯލްޑްކަޕުގެ ފެންވަރު ރަނގަޅުވާނެކަމަށް މުބާރާތުގެ ފައުންޑާ މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
މިއީ މާލެއިން ބޭރުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ ޖުލައި 25 ވަނަ ދުވަހުގައެވެ.
"ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެމުން ޝާޒް ބުނީ މިއަހަރު ހިންމަފުށީގައި ބާއްވާ މި މުބާރާތް މިދިޔަ އަހަރު މުބާރާތަށްވުރެ ފޯރިގަދަވެފަ ފުރިހަމަވާނެ ކަމަށާއި މިއަހަރުގެ މުބާރާތަށް ހިންމަފުށީގެ ކައުންސިލުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ.
"މިދިޔަ އަހަރު ބޭއްވީ ގޯޅްޑްކަޕް މެނޭޖްމަންޓުން، މިއަހަރު ކުރިއަށްދާނީ ގޯލްޑްކަޕް މެނޭޖްމަންޓާއި ހިންމަފުށީ މެނޭޖްމަންޓުގެ އިތުރުން ހިންމަފުށީ ރައްޔިތުންނާއެކު، އުންމީދުކުރަނީ މިނިސްޓްރީއާ އެފްއޭއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް، މިދިޔަ އަހަރަށްވުރެ މާ ރަނގަޅު މާ ފުރިހަމަ މުބާރާތެއް މިއަހަރު ފެނިގެންދާނެ" ޝާޒް ބުންޏެވެ.
ގޯލްޑްކަޕުގެ ފުރަތަމަ މުބާރާތް މާލޭގައި ބޭއްވިއިރު، އެ މުބާރާތުން ބޭނުންވާވަރުގެ ޝައުގުވެރިކަމަކާއި "ހައިޕް" ފެނިގެންދިޔަ ކަމަށާއި، އޭރުވެސް އަތޮޅުތެރޭގައި މުބާރާތް ބޭއްވުމުގެ ވިސްނުން ގެންގުޅުން ކަމަށެވެ.

ނައިންޓީ ޕްލަސް ގޯލްޑްކަޕުގެ ހޯސްޓަކަށް ހިންމަފުށި ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން
މިއަހަރުގެ މުބާރާތް ބާއްވަން ހިންމަފުށީ ކައުންސިލުން ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކޮށް ޝާޒް ބުނީ ހިންމަފުއްޓަކީ މިހާރުވެސް ފުޓުބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ ބައެއް ކަމަށާއި އެރަށް އޮތީ މި މުބާރާތް ބާއްވަން ތައްޔާރަށް ކަމަށެވެ.
"ވަރަށް ބޮޑު ސަޕޯޓެއް ހިންމަފުށި ކައުންސިލުން ފަރާތުން، ހާއްސަކޮށް ކައުންސިލް ރައީސްގެ ފަރާތުން ލިބުނު ހޯސްޓުކުރަން، ޖުމްލަކޮށް ބަލާއިރު ވަރަށް ރަނގަޅު ހޯސްޓެއްގެ ގޮތުގައި ހިންމަފުށި ދެކެނީ" ޝާޒް ބުންޏެވެ.
މިދިޔަ އަހަރުގެ ވާދަވެރިކޮށް ބައިވެރިވި ހުރިހާ ޓީމުތަކަށް މާލޭގަ ލިބުނު ހިދުމަތަށްވުރެ މާ ފުރިހަމަކޮށް ހިންމަފުށިން އެ ޓީމުތަކަށް ލިބިގެންދާނެކަމުގެ ޔަގީންކަން ދެމުން ޝާޒް ބުނީ ހިންމަފުށީގައި މުބާރާތް ބާއްވަން ނިންމީ ގިނަ މަޝްވަރާތަކަކަށްފަހު ކަމަށެވެ.
ކާމިޔާބު މުބާރާތެއްގެ ގޮތުގައި މި މުބާރާތް ބޭއްވުމަށް ހިންމަފުށި ކައުންސިލާމެދު ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާނެކަމަށް ޝާޒް ބުންޏެވެ.
"މާލެއާ ވަރަށް ކައިރި، ދަތުރުކުރަން ޓީމުތަކަށްވެސް ފަސޭހަތަކެއް ހުންނާނެ" ޝާޒް ބުންޏެވެ.
ގޯލްޑް ކަޕު މިއަހަރު ހިންމަފުށީގައި ބާއްވަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ ދެވަނަ ދުވަހުގައެވެ.
އެއްބަސްުވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ހިންމަފުށި ކައުންސިލް ރައީސް ފާއިޒް ވިދާޅުވީ މި ނިންމުން ނިންމުމުގަ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ފުޓުބޯޅައިގެ ފޯރި ގަދަކުރުމަށް ކަމަށެވެ.
"މުބާރާތް ބާއްވާނަމަ ހިންމަފުއްޓަށް ގިނަ ފައިދާތަކެއް ވާނެ، އަދި ރަށުގެ ފުޓުބޯޅައަށްވެސް މީގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނާނެ،" ހަސަން ފާއިޒް ވިދާޅުވިއެވެ.
އުންމީދުކުރަނީ ގޯލްޑް ކަޕު ޓީމާއެކު މަޝްވަރާކުރެވުނު ގޮތަށް ހުރިހާ ޓީމަކަށް ރަނގަޅު އެކޮމޮޑޭޝަންތަކާއެކު ފެންވަރު ރަނގަޅު މުބާރާތަކަށް މި މުބާރާތްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ގަލޮޅު ދަނޑުގައި މުބާރާތް ފެށީ ހައިޕް ކްރިއޭޓުކުރަން، ވިސްނުމަކީ މިއީ މުޅި ރާއްޖޭގެ އެންމެންގެ މުބާރާތެއްގެ ގޮތުގައި، މިދިޔަ އަހަރުވެސް ވިސްނާފަ އޮންނާނީ އަތޮޅުތެރޭގައި ހޯސްޓުކުރެވޭ ކަމަށްވާނަމަ ކުރިއަށްދާން، ވަރަށް ބޮޑު ސަޕޯޓެއް ހިންމަފުށިން ލިބުނު، މިދިޔަ މުބާރާތް ނިންމާފައި" ޝާޒް ވިދާޅުވިއެވެ.
ގޯލްޑް ކަޕް އިންތިޒާމު ކުރާ ނައިންޓީ ޕްލަސްއިން ވަނީ މިފަހަރުގެ މުބާރާތް 28 ޓީމުގެ ފޯމެޓަށް ބާއްވަން ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން 18 ޓީމެއް ހޮވާނީ 18 އަތޮޅުގެ ކޮލިފައިން މަރުހަލާއިންނެވެ.
ނައިންޓީ ޕްލަސްއިން ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ އަށް ޓީމަށް އޮޓޮމެޓިކް ކޮލިފައިން ޖާގަ ދިނުމަށެވެ. ގަދަ އަށެއްގައި ހިމެނިގެން ކ. އަތޮޅުގެ ދެ ޓީމަކުން މިހާރު ވެސް ވަނީ މިފަހަރުގެ މުބާރާތުން ޖާގަ ހޯދައިފައެވެ. އެއީ މާފުއްޓާއި ގުރައިދޫއެވެ.
މިދިޔަ އަހަރުގެ ގަދަ އަށެއްގައި ހިމެނިގެން ދެން މުބާރާތުން ޖާގަ ހޯދާފައިވާ ޓީމުތަކަކީ؛ ބ. އޭދަފުށި، ރަނަރަފް އައްޑޫ، އަދި ސެމީ ފައިނަލްގައި ދެން ވާދަ ކުރި މާލެ އާއި ރ. އަލިފުށީގެ އިތުރުން ފުވައްމުލަކު އަދި ޅ. ނައިފަރެވެ.
އިންވިޓޭޝަން އުސޫލުން ކުޅުދުއްފުށީ ސިޓީ އަށާއި ތިނަދޫ ސިޓީ އަށް މުބާރާތުން ފުރުސަތު ދޭން ވަނީ ނިންމާފައެވެ. ސިޓީތަކާއި ރަށްތަކަށް ހާއްސަކޮށް މިދިޔަ އަހަރު ބާއްވަން ފެށި މުބާރާތުގައި، ފަސް ސިޓީގެ ތެރެއިން ވާދަނުކުރަނީ އެ ދެ ސިޓީ އެވެ.
ނިމިދިޔަ ގޯލްޑްކަޕު ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ އައްޑޫ ސިޓީއާއި ބ. އޭދަފުއްޓެވެ. ކާމިޔާބުކަމާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު މި މުބާރާތް ނިންމާލާފައިވާއިރު، އައްޑޫ ސިޓީ އަދި އޭދަފުށި ބައްދަލުކުރި ފޯރިގަދަ މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފުޓުބޯޅައަށް މަޝްހޫރު އޭދަފުއްޓެވެ.