ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ "ގޫގުލް ޑްރައިވް" އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުޅެވި، ބ. ކުޑަރިކިލު, ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފުރަތަމަ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ. އޭގެ ފަހުން، އިއްޔެ އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު ހަތް ދުވަސް ދީފައި ކަމަށާއި މި މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.