އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ފަަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން 10 ބިލިއަން ޑޮލަރުގެ އެހީއެއް ދޭނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ޓްރަމްޕު އިސްވެ ހުންނަވައި އުފެއްދެވި 'ބޯޑް އޮފް ޕީސް' އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕު ވަނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން ޣައްޒާއަށް ފައިސާ އާއި ސިފައިން ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ. އެ ބޯޑުގެ ނުވަ މެންބަރު ގައުމުން ހަތް ބިލިއަން ޑޮލަރު ދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ކަޒަކިސްތާން، އަޒަރުބައިޖާން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، މޮރޮކޯ، ބަހްރެއިން، ގަތަރު، ސައުދީ އަރަބިއްޔާ، އުޒްބެކިސްތާން އަދި ކުވައިތުންވެސް ޣައްޒާ އަލުން ބިނާކުރުމަށް އެހީވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެގޮތުން ގައުމުތަކުން ޖުމްލަ 6.5 ބިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށް ވައިޓް ހައުސް ބުންޏެވެ.
މިއީ މުހިންމު ފައިސާ ނަމަވެސް މިއީ އިސްރާއީލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފަލަސްތީނުގެ ސަރަހައްދު އަލުން ބިނާކުރުމަށް ބޭނުންވާ ކަމަށް ލަފާކުރެވޭ 70 ބިލިއަން ޑޮލަރުގެ ކުޑަ އިންސައްތައެކެވެ.
މީގެ އިތުރުން އިންޑޮނޭޝިއާ، މޮރޮކޯ، ކަޒަކިސްތާން، ކޮސޯވޯ އަދި އަލްބޭނިއާ އިން ވަނީ ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް ސިފައިން ފޮނުވުމަށް ވައުދުވެފައެވެ. މިސްރާއި އުރުދުން އިން ވަނީ ފުލުހުން ތަމްރީނު ކުރުމަށް ވައުދުވެފައެވެ.
އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ އެ ގައުމުން 8000 ސިފައިން ޣައްޒާގެ ސުލްހަ ބެލެހެއްޓުމަށް ފޮނުވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

ބޯޑު އޮފް ޕީސްގެ ބައްދަލުވުން. ފޮޓޯ/އޭޕީ
ބޯޑް އޮފް ޕީސް އިން ޣައްޒާއަށް ފޮނުވާ ސަލާމަތީ ފައުޖެއް ޑެޕިއުޓީ ކޮމާންޑަރަކީ އިންޑޮނޭޝިއާއެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް 'ބޯޑް އޮފް ޕީސް' ގާއިމުކުރުމަށް ޓްރަމްޕް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުން ބޯޑަށް ޓްރަމްޕްގެ ތަސައްވުރު ބަދަލުވެ، ދުނިޔޭގެ އެހެން ހަމަނުޖެހުންތަކަށްވެސް ހައްލު ހޯދުމަށް ބޯޑުގެ ދައުރު އަދާކުރާނެ ކަމަށް ޓްރަމްްޕް ވިދާޅުވިއެވެ.
ބޯޑުގައި އިސްރާއީލުގެ މަންދޫބުން ހިމެނުނު ނަމަވެސް ފަލަސްތީނުގެ މަންދޫބަކު ނުހިމެނޭތީ އެ ބޯޑަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އިއްޔެގެ ބައްދަލުވުމަށް 40 އަށް ވުރެ ގިނަ ގައުމާއި ޔޫރަޕިއަން ޔޫނިއަން އިން ވަނީ އޮފިޝަލުން ފޮނުވާކަން ކަށަވަރުކޮށްދީފައެވެ. ޖަރުމަނާއި އިޓަލީއާއި ނޯވޭއާއި ސްވިޒަލޭންޑް އަދި އިނގިރޭސިވިލާތް ފަދަ ބޯޑުގައި ނުހިމެނޭ އެތައް ގައުމަކުން ވަނީ އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވަމުންދާ ކަމަށް ބުނެފައެވެ.
' ބޯޑް އޮފް ޕީސް' ގައި ޓްރަމްޕަށް ވީޓޯގެ ބާރު ދީފައި ވާއިރު ބޯޑުގެ ވެރިކަން އޭނާއަށް އެމެރިކާގެ ރައީސްކަން ގެއްލުނު ކަމުގައި ވިޔަސް ނުގެއްލޭނެއެވެ. އަދި ދާއިމީ މެންބަރުންގެ ގޮތުގައި އެހެން ގައުމުތަކުން ތިބެން ބޭނުންވާ ނަމަ ކޮންމެ ދެ އަހަރަކުން 1 ބިލިއަން ޑޮލަރު ދޭންޖެހޭނެއެވެ.