ޣައްޒާގައި ރަމަޟާން މަސް ފެށީ ސުންނާފަތިވެފައިވާ މިސްކިތްތަކާއެކު

އިސްރާއީލުން ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ޣައްޒާގެ މިސްކިތެއް. ފޮޓޯ/އޭޕީ

ޣައްޒާގެ ފަލަސްތީނު ރައްޔިތުންނަށް މި ބަރަކާތްތެރި ރަމަޟާން މަސް ފެށުނީ ހަލާކުވެފައިވާ މިސްކިތްތަކާއެކު ނަމާދު ކޮށްލާނެ ޖާގަވެސް ނެތިއެވެ.

މިސްކިތްތައް ހަލާކުވެފައިވުމުގެ ސަބަބުން ޖާގަ ނެތި އެމީހުން ނަމާދުކުރަމުން އަންނަނީ ބައިބަޔަށް ބަހައިގެންނެވެ.

ޣައްޒާ ސިޓީގައި މިހާރު ހަލާކުވެފައިވާ އަލްހަސައިނާ މިސްކިތުގެ ގިބުލަ އޮތީ އިމާރާތެއްގެ މައްޗަށް ވެއްޓިފައެވެ. އެ މިސްކިތަކީ އެއް ޒަމާނެއްގައި އަޅުކަން ކުރަން މީހުން އެއްވެ އަޅުކަންކުރި މިސްކިތެކެވެ. ނަމަވެސް މިއަދު އެ މިސްކިތަކީ އާއިލާތައް ނިދާ ކައްކާ ކައިބޮއިވެސް ހަދާ ތަނެވެ.

"އަހަންނަށް އެތަން ބަލާކަށް ކެތެއް ނުކުރެވޭ. އެއީ މީގެކުރިން ކޮނޑާ ކޮނޑު ޖައްސައިގެން ތިބެ ނަމާދުކުރި މިސްކިތެއް." ޣައްޒާ ސިޓީގެ މިސްކިތުގެ ވޮލަންޓިއަރެއް ކަމަށްވާ ސާމީ އަލް ހިސީ ބުންޏެވެ.

"ކުރިން އަހަރެމެން އެތަނުގައި އަރާމުކޮށް ނަމާދު ކުރިން. އަހަރެމެންނަށް ކުރިން ފެންނަމުން ދިޔައީ އަހަރެމެންގެ ރައްޓެހިން، އަހަރެމެންގެ ލޯބިވާ މީހުން. މިހާރު ގާތްތިމާގެ މީހުންނެއް، ރައްޓެހިންނެއް، އަދި މިސްކިތެއްވެސް ނެތް." ސާމީ ބުންޏެވެ.

ސާމީ ބުނިގޮތުގައި އެ މިސްކިތަށް ރޯދަމަހު ޝެޖައިޔާ އާއި ދަރަޖް ފަދަ އެހެން އަވަށްތަކުންވެސް ނަމާދު ކުރުމަށާއި އަޅުކަން ކުރުމަށް އާދެއެވެ.

"އެއީ އެތައް ހާސް ބަޔަކު އައިސް ފުރާލަ މިސްކިތެއް. އެކަމަކު މިހާރު ކޮންތާކު ނަމާދު ކުރާނީ. މިހާރު 100 މީހުންނަށް ޖާގަ ލިބެނީ ކިރިޔާ." ސާމީ ބުންޏެވެ.

"އަޅުގަނޑުމެން ހިތަށްއަރާ ރަމަޟާން މަހަށް ތަފާތު މާހައުލެއްގައި މަރުހަބާ ކިޔަން ފުރުސަތު ލިބުނު ނަމައޭ." ގެދޮރު ދޫކޮށް މިހާރު މިސްކިތުގައި ދިރިއުޅެމުން އަންނަ ޚިތަމް ޖާބްރު ބުންޏެވެ.

ޣައްޒާގެ އުތުރުގެ ޖަބަލިއާގައި މިދިޔަ އަހަރު ފިތުރު އީދު ނަމާދު ކުރަނީ. ފޮޓޯ/ރޮއިޓާސް

"އަޅުގަނޑުމެންގެ މިސްކިތްތަކެއް އެކަށީގެންވާ ވަރަށް ނެތް. ހުރިހާ މިސްކިތްތަކެއް ހަލާކުވެގެން ގޮސް ނަމާދު ކުރާނެ ތަނެއް ނެތް. މިހާރު އަޅުގަނޑުމެން ނަމާދު ކުރަނީ ޓެންޓްތަކުގައި، އަދި މިސްކިތްތައް ވެގެން ގޮސްފައި ވަނީ ގެދޮރު ގެއްލިފައިވާ މީހުންގެ މަރުކަޒުތަކަށް." ޖާބްރު ބުންޏެވެ.

މިސްކިތްތައް ހަލާކުވެފައި ހުރި ނަމަވެސް ޕްލާސްޓިކް ޝީޓިން އާއި ލަކުޑި ބޭނުންކޮށްގެން މިސްކިތްތަކުގެ ކުދި ބައިތައް އަލުން ބިނާކޮށް، ވަގުތީ ނަމާދު ޖާގަތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޣައްޒާ ސިޓީގެ ދީނީ ކަންކަމާ ބެހޭ މިނިސްޓްރީގެ ޑިރެކްޓަރު އަމީރު އަބޫ އަލް އަމްރައިން ވިދާޅުވިއެވެ.

"ހަތަރުސަތޭކަ ތިރީސް ސަރަހައްދު ނަމާދު ކުރެވޭނެ ގޮތަށް އަލުން ހަދާފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ޕްލާސްޓިކް ޝީޓް ބޭނުންކޮށްފައިވާއިރު، ބައެއް ސަރަހައްދުތައް ވާނީ ލަކުޑިން ހަދާފައި. އަދި ބައެއް ސަރަހައްދުތައް ހަދާފައި ވަނީ ޓެންޓްތަކުގައި ހުރި ޕްލާސްޓިކް ޝީޓްތަކުން." އޭނާ ވިދާޅުވިއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތަކުގައި 835 މިސްކިތް އެއްކޮށް ސުންނާފަތިކޮށްލައި 180 މިސްކިތަށް ގެއްލުން ދީފައިވާ ކަމަށް ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެމީހުން ހަމަލާ ދިނީ ހަނގުރާމަވެރިންގެ މަރުކަޒުތަކަށެވެ. އަދި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްތައް މިސްކިތްތައް ހިމެނޭ ގޮތަށް މަދަނީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ.

comment ކޮމެންޓް