އަބޫދަބީ (19 ފެބްރުއަރީ 2026) : ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔުނައިޓެޑް އަރަބް އެމަރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަވަހާރަ ވެފައިވާ ކަމަށް ނޫނީ އޭނާ ވަރަށް ބޮޑު އާލާސް ކަންފުޅެއް ގައި އުޅުއްވާކަމުގެ ޚަބަރުތަކެއް މީސް މީޑިއާގައި ފަތުރަމުން ދަނިކޮށް ޔޫއޭއީގެ ރަސްމީ މީޑިއާ އިން އޭނާ ބޭރުގެ މެހުމާނަކާ ބައްދަލު ކުރައްވާ މަންޒަރު ދައްކައިފިއެވެ.
ޔޫއޭއީގެ ރަސްމީ މީޑިއާ ބުނާގޮތުން ޝައިޚް މުހައްމަދު ބިން ޒާޔިދު ބައްދަލުކުރެއްވީ އެމެރިކާގެ ކޮންގްރެސްގެ މެންބަރެއްކަމަށްވާ ލިންޑްސޭ ގްރަހަމް އާއެވެ. ލިންޑްސޭ ގްރަހަމް އަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށް ފާޅުގައި ތާއީދުކުރައްވާ ބޭފުޅެކެވެ.
ފަލަސްތީނުގެ ބިންތައް އިސްރާއީލުގެ ތަނަކަށް ހަދައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދިނުމަށް ގޮވާލާ ހަރުކަށި ފިކުރުގެ ސެނެޓަރެކެވެ. އަދި އޭނާއަކީ އީރާނަށް ހަމަލާދީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމާއި ބަލިސްޓިކް މިސައިލް ޕްރޮގްރާމު ފުނޑާލުމަށްވެސް ފާޅުގައި ގޮވާލަމުންދާ ބޭފުޅެކެވެ.
ގްރަހަމް ނިސްބަތްވަނީ ޔަހޫދީ އެންމެ ނުރައްކާތެރި ހަރަކާތް ކަމަށްވާ ޒަޔަނިސްޓް ހަރަކާތަށެވެ. މީގެއިތުރުން އޭނާ އަކީ ނަސާރާއިންގެ އެންމެ ނުރައްކާތެރި ފިކުރު ކަމަށްވާ ހަރުކަށި އިންޖީލީ ފިކުރު ޕްރޮމޯޓް ކުރައްވާ ބޭފުޅެކެވެ.
ލިންޑްސޭ ގްރަހަމް ވަނީ ޔޫއޭއީ އަކީ އިސްރާއީލު އެދޭވަރަށް ވުރެވެސް ބޮޑަށް ފައިސާގެ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުންނާއި ނުފޫޒުގެ ގޮތުން އިސްރާއީލަށް ވާގިވެރިވާ ގައުމެއްކަމަށް ސިފަކުރައްވައިފައެވެ.
ސައޫދީ އާއި ޔޫއޭއީ އާ ދެމެދު މިފަހަކަށް އައިސް ޖެހިފައިވާ މައްސަލަ ތަކަކީ އިސްރާއީލުގެ މަސްލަހަތަށާއި މެދުއިރުމަތީގައި އިސްރާއީލު ހިންގާ ޕްލޭންތައް ތަންފީޒު ކުރުމަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ އެކަން ހައްލުކުރުމަށް އެދެގައުމަށް ޕްރެޝަރުކުރުމަށް ގްރަހަމް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައްވާފައެވެ.
މީގެއިތުރުން ލިންޑްސޭ ގްރަހަމް ވަނީ ޔޫއޭއީ އާއި ސައޫދީ ސުލްހަވެރި ކުރުވުމަށްޓަކައި ޚުދު އޭނާ އެ ދެ ގައުމަށް ވަޑައިގެން އެ ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާނެކަމަށް މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.
ލިންޑްސޭ ގްރަހަމް އަކީ ނިއުކްލިޔާ ޓެކްނޮލޮޖީ އާއި ބަލިސްޓިކް މިސައިލް ޓެކްނޮލޮޖީ ފަދަ އަސްކަރީ އާރާއި ބާރު ލިބޭ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމުގެ ފުރުސަތު މެދުއިރުމަތީގައި ލިބެންޖެހޭނެ ހަމައެކަނި ގައުމަކީ އިސްރާއީލު ކަމަށް ވަކާލާތު ކުރައްވާ ސެނެޓަރެކެވެ.
ގްރަހަމްވަނީ މެދުއިރުމަތީގެ އަރަބި އިސްލާމީ ގައުމަކުން މިފަދަ ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ އިސްރާއީލާއި އިސްރާއީލުގެ ޕްލޭންތަކަށް ނުރައްކާވާނެ ކަމެއްކަމަށް ވިދާޅުވެ އެފުރުސަތު ސަރަހައްދުގެ ގައުމަކަށް ނުދިނުމަށް އެމެރިކާ ސަރުކާރަށް އެތަށް ފަހަރަކު ގޮވާލައްވާފައެވެ.
އީރާނަށް ހަމަލާދީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެންމެ ބޮޑަށް ބާރުއަޅާ އެމެރިކާގެ ހަރުކަށި ވިސްނުމުގެ ސިޔާސީ ބޭފުޅުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވަނީވެސް ލިންޑްސޭ ގްރަހަމް އެވެ.
ރިޕޯޓްތައް ބުނާގޮތުން ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދް އާ ބައްދަލުކުރެއްވުމަށް ލިންޑްސޭ ގްރަހަމް ދެން ވަޑައިގަންނަވާނީ ސައޫދީ އަށެވެ. އެއީ ސައޫދީ އާއި ޔޫއޭއީ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށް ޓަކައި މެދުވެރިއެއްގެ ބައި އަދާކުރުމަށް އޭނާ ފައްޓަވާފައިވާ ދަތުރުގެ ތެރެއިންނެވެ.
"ޔޫއޭއީ" ގެ ރައީސް ޝައިޚް މުހައްމަދު ބިން ޒާޔިދު އަވަހާރަ ވެފައިވާ ކަމަށް ނޫނީ އޭނާ ވަރަށް ބޮޑު އާލާސް ކަންފުޅެއް ގައި އުޅުއްވާކަމަށް މީސް މީޑިއާ ގައި ޚަބަރުތައް ފަތުރަމުން ގެންދިޔަ ނަމަވެސް އެކަމާމެދު ޔޫއޭއީގެ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މީޑިއާގެ އިތުބާރު ހިފޭ މަސްދަރަކުން މިކަން ކަށަވަރުކޮށްދީފައެއްވެސް ނުވެއެވެ.