ޖޭމް އައްލޯ މި ކިޔައިދެނީ ރަމަޟާން މަހު ކެއުން ބެހެއްޓިދާނެ ލުއި ގޮތެއް

ރާއްޖޭގެ މަޝްހޫރު ފިޓްނެސް ލެޖެންޑު ޢަބްދުﷲ ނިޔާޒު--ފޮޓޯ/ފޭސްބުކް

ރާއްޖޭގެ އަސްލު މިސްޓަ މޯލްޑިވްސްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ފިޓްނަސް ލެޖެންޑް ޢަބްދުﷲ ނިޔާޒު ނުވަތަ ޖޭމް އައްލޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި ބުނެފައި ވަނީ އޭނާ ރޯދަ ވީއްލަނީ ވަރަށް އާދައިގެ ލުއި ކެއުމަކުން ކަމަށެވެ.

އައްލޯ އާއްމުކޮށް ރޯދަވީއްލުމަށް އިންސާފުކުރާ އޯޓްސް ތައްޔާރުކޮށްލަނީ އާމަންޑު ކިރުގައި ދޮންކެޔޮލާ މާމުއިކޮޅެއް އެއްކޮށްލައިގެން ކަމަށް ވަނީ ބުނެފައެވެ.

ދެން އޯޓްސްގެ އިތުރުން ތިން ކުކުޅު ބިސް ފެނު ކައްކައިގެން ކެއުމުގައި ހިމަނާލާއިރު ތިން ބިހުގެ ވެސް ހުދު ބައި އަދި ދެ ބިހުގެ ގޮބޮޅި ބޭނުންކުރާ ކަމަށް އައްލޯ ވަނީ ބުނެފައެވެ.

ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ސަމާލުކަންދޭއިރު ކެއުމުގައި ހެދިކާ ވެސް އަދި ރޮށީގެ ބާވަތް ވެސް ކޮންމެވެސް މިންވަރަށް އައްލޯ ހިމަނައެވެ. މީގެއިތުރުން ރޮށްޓާ އެކު މަސްހުނި އަދި ރިހާކުރު ފަދަ ބާވަތްތައް ވެސް ކެއުމުގައި ބޭނުންކުރާ ކަމަށް އައްލޯ ވަނީ ބުނެފައެވެ.

އޯޓްސް އަކީ ރޯދަވީއްލާ ވަގުތަށާއި ހާރަށް ވެސް ވަރަށް ފައިދާހުރި ރަނގަޅު ލުއި ކެއުމެއް--ފޮޓޯ/ގޫގްލް

ނަމަވެސް އެ ބާވަތްތައް ކެއުމުގައި ހިމަނާލަނީ ވަރަށް ލިމިޓްކޮށްގެން މާގިނައިން ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމައެއާއެކު ކެއުމުގައި ޖޫސް ވެސް ހިމަނާލާ ކަމަށާއި އައްލޯ ޖޫސް ތައްޔާރު ކުރާއިރު ހަކުރު ވެސް ބޭނުން ކުރަނީ ވަރަށް މަދު މިންވަރަކަށްކަން ވަނީ ފާހަގަކޮށްފައެވެ.

އައްލޯގެ އެދުމަކީ ރޯދަ މަހަށް ހާއްސަކޮށްގެން މާ ހަރުކަށި ޑައިޓެއް ގެންގުޅުމުގެ ބަދަލުގައި ކެއުންތައް އެއް މިންގަނޑެއްގައި ހިފެހެއްޓުމުގެ އާދައާ އެކު ރޯދަ މަހު ކެއުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން ހާސިލު ކުރުމެވެ.

އެހެންނަމަވެސް އެއާއެކު ހަފްތާ އަކު ތިން ދުވަސް ނުވަތަ ހަތަރު ދުވަސް ކޮންމެވެސް ކަހަލަ ކަސްރަތެއް ކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައްލޯ ވަނީ ބުނެފައެވެ.

އެގޮތުން ރޯދަ މަހު ކަސްރަތުކުރަން އެންމެ ރަނގަޅު ވަގުތަކީ ރޯދަވީއްލުމަށްފަހު ނަމާދުކޮށްގެން ކުޑަކޮށް އަރާމުކޮށްލުމަށްފަހު ކަން ޖޭމް އައްލޯ ވަނީ ފާހަގަކޮށްފައެވެ. އައްލޯ ފާހަގަކުރި ގޮތުގައި ކަސްރަތު ކުރަން އެންމެ ރަނގަޅު ވަގުތެއްގެ ގޮތުގައި ރޭގަނޑު 8:30އިން ފެށިގެން 11:00އާ ދެމެދުގެ ކޮންމެ ވަގުތެއް ވެސް ކަނޑައެޅިދާނެއެވެ.

ކަސްރަތު ކުރަންދާއިރު ހަށިގަނޑަށް ހަކަތަ ބޭނުންވާނެ ކަމަށާއި އެހެންވެ އެންމެ ރަނގަޅު ގޮތަކީ ދުވާލު ކަސްރަތު ކުރުމުގެ ބަދަލުގައި ރޭގަނޑުގެ ވަގުތު ކަސްރަތު ކުރުން ކަމަށް އައްލޯ ވަނީ ބުނެފައެވެ.

ހާއްސަކޮށް ވެއިޓް ޓްރެއިނިންގްއާ ގުޅޭ ކަސްރަތުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޖޭމް އައްލޯ ވަނީ އެދިފައެވެ. ރޯދަ މަހަކީ އެހެން މަސްތަކާ ޚިލާފަށް ގިނަ ބަޔަކު ވަކި ގޮތަކަށް ކެއުން ބަހައްޓާ ކެއުން ކޮންޓްރޯލްކޮށްގެން އުޅޭ މައްސަރަކަށް ވުމުން މި މަހު ކަސްރަތު ކުރުމުގެ ސަބަބުން ފަސޭހައި ބަރުދަން ލުއިވެ ހަށިގަނޑުން ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭނެ ކަމަށް އައްލޯ ވަނީ ބުނެފައެވެ.

އެހެންވެސް ކަސްރަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ރޯދަ މަހު ދިނުމަށާއި ގަވައިދުން ކަސްރަތަށް ދިއުން ވަރަށް މުހިއްމު ކަމަށް ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ ފިޓްނެސް ލެޖެންޑު ވަނީ ލަފާދީފައެވެ.

comment ކޮމެންޓް