ރަމަޟާންމަހަކީ ތަޤުވާވެރިކަން އިތުރުކުރުމުގެ މައްސަރެވެ. މި މަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ މަޤްޞަދަކީ ވެސް އެއީއެވެ.
ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެއްވުމުގެ ޙިކުމަތް ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ (البقرة: ١٨٣) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤުވާވެރި ވުމަށް ޓަކައެވެ."
މީގެ ކުރީގެ އުންމަތްތަކަށާއި އަޅުގަނޑުމެންނަށް ވެސް ރޯދަ ފަރުޟުކުރެއްވީ ތަޤުވާވެރިވުމަށެވެ. އޭގެ މާނައަކީ އީމަންތެރިކަމުގެ ރޭހުގައި އަޅުގަނޑު ހުރި ހިސާބު ދެނެގަނެ އެއަށް ވުރެކުރިއަރާ ދިޔުމަށް މި މަހުގެ ބޭނުން ހިފުމެވެ. ތަޤުވާވެރިވުމަށް ގޮވައިލާ ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ޚުޠުބާގައި އިލްތިމާސްކޮށް ނަސޭހަތްތެރިވެއެވެ. ތަޤުވާވެރި ވުމަކީ ބިރުވެތި ވުމެވެ. ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެއިލާހު ނަހީކުރެއްވި ހުރިހާ ކަމަކުން އިންސާނާގެ ނަފްސު ދުރުކޮށްގެން ހުރުމެވެ.
ސިއްރާއި ފާޅުގައި ވެސް ތަޤުވާވެރިންގެ ޢަމަލުތައް ބަހައްޓަން ވާނީ ﷲގެ ކޯފާއާއި އަޒާބުން ރައްކާތެރިވެ އެއިލާހުގެ ރުހިވޮޑިގަތުން ހާސިލުވާނޭ މަގުގައެވެ. އޭނާ ވީ ކޮންމެ ތަނެއްގައި ﷲއަށް ބިރުވެތިވާން ވާނެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ކަމަށް މުޢާޛު ބުން ޖަބަލު رضي الله عنهގެ އަރިހުން ރިވާވެގެން ވެއެވެ. «اتَّقِ اللهَ حَيثُمَا كُنْتَ» (رواه الترمذي) މާނައީ: "ތިބާވީ ކޮންމެ ތަނެއްގައި ﷲއަށް ތަޤުވާވެރިވާށެވެ."
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ވސް އެކި ކަންކަމުގައި އެކި ތަންތަނުގައި އުޅެންޖެހިފައި ވާ ބައެކެވެ. މަސައްކަތުގެ މާހައުލުތަކަކީ ތަފާތު ތަޖުރިބާތައް ކުރަންޖެހޭ ތަންތަނެވެ. ތަފާތު މީހުންނާ ބައްދަލުވެއެވެ. އޭގެ ތެރޭގައި އެބައެއްގެ މަޖިލިސްތަކުން ﷲއަށް ތަޤުވާވެރިވުމުގެ އަސަރު ފާޅުވާ މަޖިލިސްތަކާއި އެ ނޫން މަޖިލިސްތައް ހިމެނެއެވެ. މި އިން ކޮންމެ ތަނެއްގައި އުޅެންޖެހުނަސް އަޅުގަނޑުމެން މުސްލިމުން އުޅެން ޖެހޭނީ ﷲއަށް ތަޤުވާވެރިވުން މަތީގައެވެ.
ތިމާވީ ކޮންމެ ތަނެއްގައި ތިމާ ވީ ކޮންމެ ހާލެއްގައި ވެސް ﷲއަށް ބިރުވެތިވެ ތަޤުވާވެރިކަން އިސްކުރާނީ މާތް މީހުންނެވެ. އެކަން އެނގެނީ އަބޫހުރައިރާގެ އަރިހުން ރިވައިވެގެން އައި އަންނަނިވި ޙަދީޘުންނެވެ. «قِيلَ: يَا رَسُولَ اللَّهِ مَنْ أَكْرَمُ النَّاسِ؟ قَالَ: ”أَتْقَاهُمْ”» (متفق عليه) މާނައީ: އިތުރު އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންކުރެ އެންމެ މާތް މީހަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެ މީހުންގެ ތެރެއިން އެންމެ ތަޤުވާވެރިކަން ބޮޑު މީހާއެވެ."
މި ރަމަޟާންމަހަކީ މާތް ކަމުގެ ގޮތުން އަޅުގަނޑުމެން ތަރައްޤީވާން ލިބޭ ފުރުޞަތުކަމުގައި ދެކެމާ ހިނގާށެވެ! މި މަސް ނިމުމުގެ ކުރިން ދީނީ އަޅުކަންތަކަށް ސަމާޅުވެވޭތޯ ބަލަމާ ހިނގާށެވެ!