މާލޭގެ ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދިނުމަށާއި، އެ ފުލެޓުތަކަށް ފައިސާ ނުދައްކައިގެން އަރައިފައިވާ ޖޫރިމަނާތައް މާފުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެއީ ނާއިންސާފު ނިންމުމެއް ކަމަށް ސިފަކޮށް ގިނަ ބަޔަކު ފާޑުކިޔައިފިއެވެ.
ސިނަމާލެ ފުލެޓުތަކާއި މާލޭ ހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.
އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭ ވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެއެވެ. އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ އުއްމީދު، އެމްޑީޕީ އިސްކޮށް އޮތް ކައުންސިލްތަކާއި މިހާރުގެ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ދީފައިވެއެވެ.
އެހެންނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލާއި ރައީސް މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ވަނީ، އޭރު އޮތް ސަރުކާރުގެ ސަބަބުން ފުލެޓުތަކުގެ ވެރިންނަށް ހެޔޮ ގޮތެއް ހޯދައިދޭން ދަތިވި ކަމަށް ބުނެފައެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ ރައީސް މުއިއްޒު މިދިޔަ ޑިސެންބަރު މަހު، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައިވާ ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު އިއްޔެ، އެ މަނިކުފާނު އެ ފުލެޓުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ، ފުލެޓުތަކުގެ ވެރިންނަށް އިނާޔަތް ދެއްވުމަށެވެ.

ރައީސް، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ވަނީ، ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށް ނިންމަވައިފައެވެ. އަދި ފުލެޓުތައް ބައުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ވެސް އެ މަނިކުފާނު ނިންމެވިއެވެ.
ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ކުރި އެ އިއުލާނާއެކު އާންމުންގެ ފާޑުކިޔުންތައް ވަނީ އޮއްސާލައިފައެވެ.
އެ ނިންމެވުމާ ގުޅޭ ގޮތުން "ސަން"އިން ޝާއިއުކޮށްފައިވާ ޚަބަރަށް ކޮށްފައިވާ ކޮމެންޓުތަކުގައި ބައެއް މީހުން ވަނީ، މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އެ ފައިސާ ދިނުމަށް ކަނޑައަޅައިފައި ނުވަނީސް އެ ފައިސާ ހޯދަނީ ކިހިނެއްތޯ ސުވާލު އުފައްދައިފައެވެ. އެއީ ދައުލަތުން ދޭ ފައިސާ ކަމުން، ޓެކްސް ދައްކަމުން އަންނަ އާންމުންނަށް، ފައިސާ ބޭނުންކުރާ ގޮތުގެ ތަފުސީލު އެނގެންވާނެކަން ފާހަގަކޮށްފައިވެއެވެ.

"ސަން"ގެ ޚަބަރަށް މީހަކު ކޮށްފައިވާ ކޮމެންޓެއް --
ހަމައެއާއެކު، ބައެއް މީހުން ވަނީ ރައީސް އެގޮތަށް އަމަލުކުރެއްވުމަކީ ރަސްކަލެއްގެ ގޮތުގައި އުޅުއްވުން ކަމަށް ސިފަކޮށްފައެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ހިމެނޭހެން ބޭއްވި އެ ބައްދަލުވުމުގައި އިނާޔަތެއް ދޭން އިއުލާންކުރުމަކީ ސިޔާސީ ބޭނުމަކަށް ފައިސާ ބެހުން ނުވަތަ ރިޝްވަތު ދިނުން ކަމަށް ބައެއް މީހުން ސިފަކުރިއެވެ.
"އޭސީސީއާއި އިލެކްޝަންސް ކޮމިޝަން މިދަފަ މައްސަލަތައް ނުބަލާ ލޯމަރައިގެން ތިބުމަކީ ރިޝްވަތުގެ މިއަމަލުގައި ބައިވެރިވުން،" ކޮމެންޓެއްގައިވެއެވެ.
ފޭސްބުކްގައި ވެސް ގިނަ ބަޔަކު ޚިޔާލު ފާޅުކޮށްފައިވާއިރު، އެ ނިންމުމުގެ ބޭއިންސާފުކަން އެ މީހުން ފާހަގަކުރިއެވެ. އެގޮތުން އެއް އަންހެނަކު ކުރި ކޮމެންޓެއްގައި ވަނީ، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ޚަރަދަށް ބަލައި، ދެ ލައްކަ ރުފިޔާ ދޭން ރައީސް ރިޔާސީ އިންތިޚާބުގައި ވައުދުވިކަން ފާހަގަކޮށްފައެވެ.

ސިނަމާލެ ފުލެޓުތައް -- ފައިލް ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ފަހުން ސަރުކާރުން ނިންމީ ފައިސާ ދިނުމުގެ ބަދަލުގައި، ހިޔާ ފްލެޓުތަކުގެ އަގުން ދެ ލައްކައަށްވާ ވަރަށް އަގު ކުޑަކުރުމަށެވެ.
"ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނަށް ދޭން ބުނި ދެ ލައްކަ އަދި ނުފެނޭ، ރިޔާސީ އިންތިޚާބަށްވީ ވައުދު. ކައުންސިލް އިންތިޚާބަށް މިހާރު އެއް ލައްކަ ސިނަމާލެ ފުލެޓުގެ މީހުންނަށް، ގަބޫލުކުރަން ވާނެބާ؟" އޭނާ ލިޔެފައިވެއެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ފޭސްބުކްގައި ހިއްސާކޮށްފައިވާ ލިޔުމަށް ވެސް ގިނަ ބަޔަކު ކޮމެންޓުކޮށް، ނުރުހުން ފާޅުކޮށްފައިވެއެވެ. އެގޮތުން، ސިނަމާލެ ފުލެޓުތައް މަރާމާތުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށް މީހަކު ވަނީ، ފުލެޓުގެ ވެރިންނަށް ފައިސާ ދިނުމުން ފުލެޓުތަކަށް ފެން ފޭބުން ފަދަ މައްސަލަ ހައްލުވޭތޯ ސުވާލުކޮށްފައެވެ.

ފުލެޓުތަކަށް މީހުން ވަންނަނީ އެއްބަސްވުމެއް ހަދައިގެން ކަމުން، އެއްބަސްވުމަށް އަމަލުކުރަން ވާނެ ކަމަށް ބުނެ ފޭސްބުކްގައި ކޮށްފައިވާ ކޮމެންޓެއް --
މީގެ އިތުރުން، ސޯޝަލް ހައުސިން ފުލެޓުތަކަށް މީހުން ވަންނަނީ، ކުލި ދައްކަން ގާނޫނީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފަހު ކަން ކޮމެންޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އެފަދަ އެއްބަސްވުމެއް، ރައީސް ބޭނުންފުޅުވުމާއެކު ބަދަލު ކުރެވެނީ ކޮން އުސޫލަކުންތޯ އެ މީހުން ސުވާލުއުފައްދާފައިވެއެވެ.
ހަމައެއާއެކު، މި ސަރުކާރުތަކާއި އެހެން ސަރުކާރުތަކުގައި ވެސް، އިންތިޚާބުތަކާ ދިމާކޮށް އެކި ޖޫރިމަނާތައް މާފު ކުރުމުގެ ސަގާފަތެއް އަށަގެންފައިވާ ކަމުގެ ކަންބޮޑުވުން މީހުން ފާޅުކުރިއެވެ.
އަބަދު ޖޫރިމަނާ މައާފު ކުރުމަކީ ސަޅި ކަމެއްނޫން، ގަވާއިދުން ކުލިދައްކާ ނަމަ ޖޫރިމަނާ ނާރާނެ، ފުލެޓަށް ވަންނައިރު ކުލިދައްކަަން ޖެހޭކަން އެނގޭ. ކުލި ނުދެއްކުނަސް ފުލެޓުވެރިންވެސް އެންމެފަހުގެ އަގުބޮޑު ފޯނު ގެންގުޅޭނީ ތިންއިރު ރެސްޓޯތެންޓުން ކާނީ. ދައުލަތަށް ދައްކަން ޖެހޭ ފައިސާ ގަސްތުގަ ނުދައްކާ ތިބުމުގެ ސަބަބުން އަރާ ޖޫރިމަނާ މައާފުކޮށް ދިނުމަކީ ގަވައިދުން އެލާރީ ދައްކަމުންދާ މީހުންނަށް ވެވޭ ބޭއިންސާފެއް
ފޭސްބުކްގައި މީހަކު ކޮށްފައިވާ ކޮމެންޓެއް
އޭނާ ވަނީ، އެގޮތަށް ޖޫރިމަނާތައް މާފުކުރުމަކީ ވެރިކަމަށް އަންނަ ބަޔަކު ސިޔާސީ މަގުސަދެއްގައި ދިރުވާ ސަގާފާތެއް ކަމަށް ބުނެ، އެއީ ގައުމު ހަލާކުކޮށްލުމުގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ކުލި ނުދެއްކުމުން ގާނޫނުގައި އޮންނަ ގޮތަކަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، ގަވައިދަށް ބޯލަނބަން ދަސްވާނީ އޭރުން ކަމަށް އޭނާ ބުންޏެވެ.
"ތިޔަގޮތަށް ކަންތައް ކޮށްދިނުމުން ދަސްކޮށްދެވެނީ އެމީހަކު ބޭނުންގޮތަކަށް ބޭނުންކަމެއް ކުރަން." ކޮމެންޓުގައިވެއެވެ.
ރައީސް އިއުލާންކުރެއްވި ގޮތަށް، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ ވެރިންނަށް ފައިސާ ދިނުމަށް ޚަރަދުވާނެ މިންވަރެއް މިހާތަނަށް ސާފުވެފައިނުވެއެވެ. އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން އެދިފައިވީ ނަމަވެސް، މިހާތަނަށް ޖަވާބެއް ލިބިފައިނުވެއެވެ.